އަހަރުގެ ފުރަތަމަ 8 ހަފްތާގައި ދައުލަތުގެ އާމްދަނީ 24 އިންސައްތަ ދަށަށް

އަހަރުގެ ފުރަތަމަ 8 ހަފްތާގައި ދައުލަތުގެ އާމްދަނީ 24 އިންސައްތަ ދަށަށް

Author
ޢަލީ އާދަމް
04 މާރޗް 2021 01:31
0

މި އަހަރުގެ ފުރަތަމަ 8 ހަފްތާގައި ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު ޖުމްލަ އާމްދަނީއަށްވުރެ 24 އިންސައްތަ ދަށަށް ހިނގައްޖެ އެވެ.

ފިނޭންސް މިނިސްޓްރީން އާންމުކުރާ ވީކްލީ ފިސްކަލް ރިޕޯޓު ދައްކާގޮތުން މިއަހަރުގެ ފުރަތަމަ 8 ހަފްތާގައި ދައުލަތަށް ޖުމްލަ އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 2.86 ބިލިއަން ރުފިޔާއެވެ. އަދި މިދިޔަ އަހަރުގެ މި މުއްދަތުގައި ދައުލަތަށް 3.79 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ.

ފެބްރުވަރީ މަހުގެ 25 އަށް އަހަރުގެ ފުރަތަމަ 8 ހަފްތާ ހަމަވެފައި ވާއިރު މި މުއްދަތުގައި ދައުލަތަށް ޓެކްސްގެ ގޮތުގައި 2.48 ބިލިއަން ފުރިޔާ ވަނީ ލިބިފައެވެ. އަދި ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 375.4 މިލިއަން ރުފިޔާ ދައުލަތަށް ވަނީ ލިބިފައެވެ.

އަހަރުގެ މި މުއްދަތުގައި ދައުލަތަށް ލިބިފައި ވާ އާމްދަނީ ދަށްވެފައި ވާއިރު ދައުލަތުން ކުރި ޚަރަދުވެސް މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ވަނީ ދަށްވެފައެވެ. އެގޮތުން މި އަހަރުގެ މިހާތަނަށް ދައުލަތުން 3.54 ބިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި 4.07 ބިލިއަން ރުފިޔާ ދައުލަތުން ހަރަދުކޮށްފައި ވެއެވެ.

މިއަހަރުގެ މިހާތަނަށް ދައުލަތުން ކުރި ހަރަދުގެ ތަފްސީލަށް ބަލާލާއިރު ރިކަރަންޓް ހަރަދު 2.54 ބިލިއަނަށް އަރައެވެ. އަދި ކެޕިޓަލް ހަރަދު 832.7 މިލިއަން ރުފިޔާއަށް އަރައެވެ. އަދި ޕީއެސްއައިޕީ ޕްރޮޖެކްޓް ތަކަށް 366.7 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ.

މީގެއިތުރުން ލޯން އަދާކުރުމަށް 170.3 މިލިއަން ރުފިޔާ މި އަހަރުގެ މި މުއްދަތުގެ ތެރޭގައި ދައުލަތުން ވަނީ ހަރަދުކޮށްފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.