ސަރުކާރުން މިދައުރުގެ ތެރޭގައި މަޖިލީހަށް ހުށަހެޅުމަށް ނިންމާފައިވާ އެއްވެސް ބިލެއް މިހާތަނަށް ލިބިފައި ނުވާކަމަށާއި، ލިބިފައިވަނީ ސަރުކާރުން ފޮނުވުމަށް ގަސްތުކުރާ ލިސްޓެއް ކަމަށް މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް މަދުވެ، މަޖިލީހުގައި މަސައްކަތް ކުރަންޖެހޭ ބިލެތް ނެތްކަން ފާހަގަކޮށް ކަންބޮޑުވުން ފާޅު ކުރައްވައި މަޖިލިސް ރައީސް ވިދާޅުވީ ސަރުކާރުން މިދައުރަށް ހުށަހެޅުއްވި ބިލްތަކުގެ ލިސްޓެއް ލިބިފައިވީނަމަވެސް އެއްވެސް ބިލެއްގެ ޑްރާފްޓެއް މަޖިލިސްއަށް ލިބިފައި ނުވާކަމަށެވެ. މިކަމުގައި ބަންޑާރަ ނާއިބާއި ވާހަކަ ދައްކަވައިގެން އަވަހަށް ހުށަހެޅެން ހުރީ ކޮން ބިލްތަކެއްތޯ އަދި ލަސްވަނީ ކީއްވެތޯ އޮޅުން ފިލުވާނެކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ.
މަޖިލިސް ރައީސް ވިދާޅުވީ މިއަހަރަށް ކުރަން ހުރި މުހިންމު މަސައްކަތްތަކުގެ ތެރޭގައި އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމާއި، ވަޒީފާ ނުލިބިފައި މީހުންނަށް އިނާޔަތެއް ދިނުން ހިމެނޭކަމަށެވެ. މިއީ އެމްޑީޕީގެ އެޖެންޑާ 19 ގައިވެސް ހިމެނޭ ކަމެއްކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ.
ސަރުކާރުން މަޖިލީހަށް ބިލްތައް ލިބުމަކީ މުހިންމުކަމެއް. ބަންޑާރަ ނާއިބާއި ވާހަކަ ދައްކައިގެން އަޅުގަނޑު ބަލާނަން ކޮން ބިލްތަކެއްތޯ ހުށަހެޅެން އޮތީ. މިދައުރުގެ ތެރޭގައި އަޅުގަނޑުމެން އެބަޖެހޭ މުހިންމު ބިލްތަކެއްގެ މަސައްކަތް ކުރަން. އެންމެ ކުޑަ އުޖޫރަ، ވަޒީފާ ނެތި ތިބި މީހުންނަށް އިނާޔަތެއް ދިނުން. މިކަންކަން އަޅުގަނޑުމެން ކުރަން އެބަޖެހޭ، މިއީ އެޖެންޑާ19 ގައި ކަނޑައަޅާފައިވާ ކަންކަން. ރައްޔިތުން ވަރަށް ކަންބޮޑުވާނެ ބޮޑު މުސާރަ ދީފައި އެވަރަށް މަސައްކަތް ނުކުރެވޭނަމަ. އެބޭފުޅުންގެ ކަންބޮޑުވުންވެސް އެކަމަށް އޮންނާނެ.
– މަޖިލިސް ރައީސް ވިދާޅުވިއެވެ.
ކޯވިޑް-19ގެ ވެކްސިން ދިނުމާބެހޭ އުސޫލުތައް ކަނޑައެޅުމުގެ ބިލާއެކު 33 ބިލެއް ސަރުކާރުގެ ފަރާތުން މަޖިލީހުގެ މިހާރު ހިނގަމުންދާ ދައުރަށް ހުށައެޅުމަށް ނިންމައި އެބިލްތަކުގެ ލިސްޓް މަޖިލީހަށް ވަނީ ފޮނުވާފައެވެ. އޭގެ ތެރޭގައި މުޅިން އަލަށް 15 ޤާނޫނެއް އެކުލަވާލާ ބިލް ހިމެނެއެވެ. އަދި މިހާރު ޢަމަލުކުރެވެމުންދާ 16 ޤާނޫނަކަށް އިޞްލާހު ގެނައުމަށް ހިމަނާފައިވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ 2021 ވަނަ އަހަރުގެ ފުރަތަމަ ދައުރަށް ސަރުކާރުގެ ފަރާތުން ހުށަހަޅަން ޤަޞްދުކޮށްފައިވާ ބިލުތައް pic.twitter.com/FP8JOVz0OZ
— AG Office Maldives (@AGOmv) February 11, 2021
މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްވެސް ވަނީ މިދައުރުގައި މުހިންމު ޤާނޫނުތަކެއް އަންނާނެކަމަށް ވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ