ސަރުކާރު ކޯލިޝަންގައި ހިމެނޭ ވަކި ޕާޓީއަށް ނިސްބަތްވާ ވަޒީރުން ވަކިކޮށް، މަޤާމުން ދުރުކުރުމަކީ ކޯލިޝަންގައި ހިމެނޭ އެހެން ޕާޓީތަކުގެ ވަޒީރުންނަށް ދޭ ވަރަށް ވަރުގަދަ މެސެޖެއްކަމުގައި ޖުމްހޫރީ ޕާޓީގެ ނާއިބް ނާއިބް ރައީސް އަހުމަދު ސައުދު ވިދާޅުވެއްޖެއެވެ.
ސައުދު މިހެން ވިދާޅުވެފައިވަނީ ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ މިނިސްޓަރ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މުޙައްމަދު މަލީހު ޖަމާލުގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގައި މަލީހު ވަޒީރުކަމުން ވަކި ކުރުމާއި ގުޅިގެންނެވެ. ވެރިކަމަށް އައުމަށް ސަރުކާރުން އެއްބައިވަންތަކަމާއިއެކު ހެދި ކޯލިޝަންގައި ހިމެނޭ ބޮޑު ޕާޓީ (އެމްޑީޕީ) އަށް ނިސްބަތްވާ ވަޒީރުން ފިޔަވައި އެހެން ޕާޓީތަކަށް ނިސްބަތްވާ ވަޒީރުންނަށް ދަނީ ވަޒީރުކަމުގައި ނުތިއްބެވޭ ކަމުގައި އިޝާރާތްތަކެއް ދެއްވަމުންނެވެ.
ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީއަށް ނިސްބަތްވާ މަޖިލީހުގެ މެމްބަރުން ކޯލިޝަން ވަޒީރުންނާއިމެދު މިއަދު އަމަލު ކުރަމުންދާ ގޮތަކީ ދިވެހި ރައްޔިތުންނާއި، ކޯލިޝަން ޕާޓީތަކަށް ވަރަށް ސާފު ކަންތައްތަކެއް ކަމަށް ސައުދު ވިދާޅުވިއެވެ. މައްސަލަ ދިމާވަނީ ވަކި މީހަކަށް ވީތީ ނޫން ކަމަށާއި، މައްސަލަ ދިމާވަނީ ހުންނަ ޕާޓީގެ ގޮތުންކަމަށް ސައުދު ވިދާޅުވިއެވެ. އަދި މިއީ މިހާރު ކޯލިޝަންގައި ހިމެނޭ އެހެން ޕާޓީތަކުން ވިސްނަންޖެހޭ ކަމެއްކަމަށެވެ.
ކޯލިޝަންގެ އެހެން ޕާޓީތަކަށް ނިސްބަތްވާ މިނިސްޓަރުން ވަކި ކުރަމުން ދިއުމަކީ އެހެން ޕާޓީތަކަށް ދެވޭ ވަރުގަދަ މަސެޖެއް. އެއީ ވަކި މިނިސްޓަރެއް ވެގެންނޫން. ލާފަ ހުންނެވި ކޯޓުގެ ކުލަ ވެދާނެ ދެއްތޯ މައްސަލައަކީ! ވާގޮތް ސާފުކޮށް އެގޭ ނޫންތޯ. މިއީ ކަން އޮތް ގޮތް.
– ސައުދު ވިދާޅުވިއެވެ.
ވަޒީރުކަމުގެ މަޤާމުން މިނިސްޓާރ މަލީހު މިއަދު ވަކި ކުރައްވާފައިވާއިރު، މަލީހާއި ގުޅޭ ގޮތުން މަޖިލީހަށް ހުށަހެޅުނު މައްސަލައާއި، މެމްބަރުން ދެއްކެވި ވާހަތަކާއި އެއްވެސް ވަރަކަށް ދިމާ ނުވާކަން ގިނަ ބަޔަކު ވަނީ ފާހަގަކޮށްފައެވެ. މިނިސްޓަރ މަލީހުގެ އިތުބާރު ނެތްކަމުގެ ވޯޓު މިއަދު ނަގާފައިވާއިރު ކެބިނެޓުގައި ހިމެނޭ ކޯލިޝަން ވަޒީރުންނަށް ދަނީ ގިނަ ޕްރެޝަރުތައް ކުރިމަތި ކުރަމުންނެވެ.
އެގޮތުން އެމްއާރު އެމްއަށް ނިސްބަތްވާ ފިޝަރީޒް މިނިސްޓަރ ޒަހާ ވަހީދާއި، ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ ޓްރާސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާއަށްވެސް ވަޒީރުކަމުގެ ޒިންމާ އަދާނުކުރެވޭކަމަށްބުނެ މަޖިލީހުގައި ބައެއް މެމްބަރުން ގެންދަވަނީ ވާހަކަ ދައްކަވަމުންނެވެ. މިމައްސަލާގައި މިއަދު އިދިކޮޅު ޕީޕީއެމްގެ ޕާލިމަންޓްރީ ގްރޫޕްގެ މެމްބަރު، މަހިބަދޫ ދައިރާގެ މެމްބަރު އަހުމަދު ތާރިގު ވިދާޅުވީ މިހާރު އޮތް ކޯލިޝަނަކީ ވެރިންގެ ކޯލިޝަނެއް ކަމަށާއި، އެކޯލިޝަންގައި އެއްވެސް ރަށްޔިތަކު ނެތްކަމަށެވެ.
ކޮމެންޓު ފޮނުވާ