މިނިސްޓަރ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މުޙައްމަދު މަލީހު ޖަމާލުގެ އިތުބާރު ނެތްކަމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފައިވާއިރު، ތަޅުމުގައި ވޯޓު ނެގުމުގެ ކުރިން މަލީހުއާއި އެއްކޮޅަށް ވާހަކަ ދައްކަން ކެރުނީ މަޖިލީހުގެ ދެ މެމްބަރަކަށެވެ.
އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮންނަ މަޖިލީހުގައި މިއަދު މިނިސްޓަރަ މަލީހާއި ގުޅޭގޮތުން އެމްޑީޕީގެ މެމްބަރުން ހިތައް އައި ވާހަކައެއް ދައްކައި، ހޫނު ރައްދު ތަކެއް ދެއްވަމުންދިޔައިރު މަލީހުގެ ދިފާޢުގައި އޭނާ ނިސްބަތްވާ ޕާޓީގެ މެމްބަރުންގެ ތެރެއިން ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒާއި، މަޖިލީހަށް އަމިއްލަ ގޮތުން އިންތިޚާބުވި ވިލިމާލެ ދައިރާގެ މެމްބަރު އަހުމަދު އުޝާމް ނޫން މެމްބަރެއް ވާހަކަ ދައްކަވާފައި ނުވެއެވެ.
މަލީހުގެ ދިފާޢުގައި އެންމެ ވަރުގަދައަށް ވަހަކަ ދެއްކެވީ ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒެވެ. ރިޔާޒު ވިދާޅުވީ މަލީހަކީ އިހުލާސްތެރިކަމާއިއެކު ޤައުމަށާއި ރައްޔިތުންނަށް ޚިދުމަތް ކޮށްދެއްވި ބޭފުޅެއްކަމަށެވެ. އަދި މަލީހުގެ އިތުބާރު ނެތްކަމުގެ ވޯޓު މަޖިލީހުން ނަގަނީ އެއްވެސް ސަބަބެއްނެތި ޒާތީ މަސްލަހަތުގެ ތެރެއިން ސިޔާސީ މަންފާތަކެއް ހާސިލް ކުރުމަށް ކަމުގައެވެ.
މަލީހަކީ އިޚުލާސްތެރި މަސައްކަތްތަކެއް ކޮށްދެއްވި އިހުލާސްތެރި ބޭފުޅެއް. މިވެރިކަން ގެނައުމަށްވެސް އަޅުގަނޑުމެންނާއިއެކު ގިނަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެއް. މިއަދު މަލީހު މަޤާމުން ވަކިކުރަން މަސައްކަތް ކުރަން އުޅޭކަމެއްވެސް އަދި އެފަދަ އިޝާރާތެއްވެސް އަޅުގަނޑުމެން ޕާޓީއަށްވެސް އަދި އަޅުގަޑުމެން ލީޑަރަށްވެސް ދެއްވާފައި ނުވޭ. ރިޔާޒު ވިދާޅުވިއެވެ.
މަލީހަކީ މިސަރުކާރު ވެރިކަމަށް ގެނައުމަށްވެސް ނުހަނު ބުރަ މަސައްކަތްތަކެއް ކުރައްވާފައިވާ އިޙުލާސްތެރި ބޭފުޅަކަށްވާއިރު އޭނާ މަޤާމުން ވަކިކުރަންޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށް ރިޔާޒު ވިދާޅުވިއެވެ. ރިޔާޒު ވާހަކަ ދައްކަން ފެށުމާއިމެދު މަޖިލީހުގައި ހިމެނޭ އެމްޑީޕީގެ މެމްބަރުން ވަނީ ނިޒާމީ ނުކުރާ ނަންގަވައި ރިޔާޒަށް ވާހަކަ ދެއްކުމަށް ހުރަސް އަޅުއްވާފައެވެ. ރިޔާޒަކީ މަލީހަށް އިތުބާރު އޮތްކަމަށް މަޖިލީހުގައި ވޯޓުދެއްވި ހަމަ އެކަނި މެމްބަރުވެސް މެއެވެ.
ރިޔާޒުގެ އިތުރުން މަޖިލީހުގައި މަލީހުއާއި އެއްކޮޅަށް ވާހަކަ ދައްކަވާފައިވާ ވިލިމާލެ ދާއިރާގެ މެމްބަރު އުޝާމް ވިދާޅުވީ މަލީހުގެ އިތުބާރު ނެތްކަމަށް ހުށަހަޅައި ދައްކަވާފައިވަ ސަބަބާއި، ދައްކަވަމުންދާ ވާހަތަކާއި ދިމާނުވަކަމަށެވެ. އުޝާމް ވިދާޅުވީ މިނިސްޓަރުގެ ޒިންމާއަކީ ރައީސުލްޖުމްހޫރިއްޔާ ހަވާލު ކުރައްވާ މަސައްކަތައް ކުރުން ކަމަށްވާއިރު، އެކަންކަން ނުވެގެން ވަޒީރު މަޤާމުން ވަކި ކުރަންޖެހޭ ފަދަ އެއްވެސް ސަބަބެއް ނުދެއްކޭކަމަށެވެ.
މަލީހުގެ އިތުބާރު ނެތްކަމަށް އެމްޑީޕީގެ ޕީޖީ ގްރޫޕުން މިދިޔަ އަހަރު ފާސްކުރުމަށް ފަހު އެކަން ފުރަތަމަ ހުށަހެޅުއްވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށެވެ. ނަމަވެސް އެކަމުގައި އެމަނިކުފާނު އެއްވެސް އެއްޗެއް ވިދާޅެއް ނުވެ އެވެ. އެހެންވެ އެ މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ އާޒިމް އެވެ.
މިސަރުކާރުގެ ވަޒީރުންގެ ތެރެއިން މަޖިލީހުން އިތުބާރު ނެތްކަމަށް ފާސްކުރި ފުރަތަމަ ވަޒީރަށް މަލީހު ވަނީ ވެފައެވެ. މަޖިލީހުގައި ނެގި ވޯޓުގައި އޭނާގެ އިތުބާރު ނެތްކަމަށް ފެންނަ ކަަމަށް ވޯޓު ދެއްވީ މިއަދުގެ ޖަަލްސާގައި ބައިވެރިވެވަޑައިގެންނެވި 70 މެމްބަރުންގެ ތެރެއިން 59 މެމްބަރުންނެވެ. އެގޮތަށް ފާސްކުރަން ނުފެންނަ ކަމަށް އެއް މެމްބަރަކު އަދި ވަކި ކޮޅަކަށް ވޯޓު ނުދެއްވާ ހަތަރު މެމްބަރަކު ތިއްބެވި އެވެ.
ކޮމެންޓު ފޮނުވާ