މިހަފްތާގެ ހުކުރު ދުވަހުގައިވެސް މާލޭގައި އިދިކޮޅު ކޯލިޝަނުން ސުލްހަވެރި ކަމާއިއެކު މުޒާހަރާ ކުރާނެކަމަށް އެކޯލިޝަނުން ހާމަކޮށްފިއެވެ.
މިއަދު ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި އިދިކޮޅު ހަރަކާތްތަކުގައި އިސްކޮށް ހުންނެވި ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއީލް ވިދާޅުވީ އިދިކޮޅުގެ "ރަތް އިންގިލާބު" ހަރަކާތް ދެން ނުހުއްޓުވޭނެ ކަމަށެވެ. އަދި އަންނަ ހުކުރު ދުވަހު އިހުތިޖާޖު ކުރުން އޮންނާނެ ކަމަށާ މިދިޔަ ހުކުރު ދުވަހަށްވުރެ ދެން ބާއްވާ އިހުތިޖާޖު ވަރުގަދަަ ވާނެ ކަމަށެވެ.
އިދިކޮޅު ކޯލިޝަނުން ކުރަމުންދާ މުޒާހަރާތަކަކީ ސުލްވެރި ކަމާއިއެކު އެޗްޕީއޭގެ މިންގަނޑުތަކުގެ ތެރެއިން ޤާނޫނު އަސާސީން ލިބިދޭ ހައްގުތައް ކަށަވަރުކޮށްގެން ކުރާ މުޒާހަރާތަކަށްވާއިރު، މިމުޒާހަރާތައް ހުއްޓުވައި އިދިކޮޅުގެ އަޑު ކަނޑުވާލަން ސަރުުކާރުން ކުރާ މަސައްކަތަކީ ވަރަށް ޒިންމާދާރުކަން ކުޑަ މަސައްކަތެއް ކަމަށް އޭނާ ވިދާޅުވިއެވެ.
މިދިޔަ ހުކުރު ދުވަހު އިދިކޮޅުގެ މުޒާހަރާ ފެށުމުގެ ކުރިންވެސް ފުލުހުން ވަނީ ޕީޕީއެމް/ޕީއެންސީގެ އިސް ބައެއް ބޭފުޅުން ހައްޔަރުކޮށްފައެވެ. މިދިޔަ ހުކުރު ދުވަހުގެ މުޒާހަރާ ހުއްޓުވުނީ ގިނަ ބަޔަކު ހައްޔަރުކޮށްގެންނެވެ. އެދުވަހު މުޒާހަރާ ފެށުމަށް ދެގަޑިއިރަށް ވެފައި ވަނިކޮށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވަނީ މާލޭގައި މުޒާހަރާ ނުކުރެވޭނެކަމަށް ވިދާޅުވެ ބަޔާނެއްވެސް ނެރުއްވާފައެވެ.
އިދިކޮޅުގެ މުޒާހަރާތަކަށް ޖާގަ ނުދެއްވާނެކަމަށް ބުނެ ފުލުހުންވެސް ވަނީ ބަޔާނެއް ނެރެފައެވެ. ފުލުހުންގެ ބަޔާނުގައި ބުނެފައިވަނީ ކޯވިޑް 19 ފެތުރުން އިހުނަށްވުރެ އިންތިހާއަށް އިތުރު ވެފައިވާ މި ނާޒުކު ދަނޑިވަޅަކީ އެންމެހާ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން އިސްކޮށް މި ބަލިމަޑުކަމުން އަރައިގަތުމަށް އެކުގައި މަސައްކަތްކުރަންޖެހޭ ވަގުތުކަމަށް ފުލުހުން ދެކޭކަމަށެވެ. އަދި އެއްވެސް ބަޔަކަށް ގާނޫނާއި ގަވާއިދާ ހިލާފު އެއްވުންތައް ބޭއްވުމަށް ފުރުސަތު ނުދޭނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މިދަނޑިވަޅުގައި ހުރިހާ ބޭފުޅުންވެސް އެޗްޕީއޭގެ މިންގަނޑުތަކާ އެއްގޮތަށް އަމަލުކުރައްވައި ގާނޫނީ ތަރަހައިގެ ތެރެއިން އަމަލުތައް ބެހެއްޓެވުމަށް އިލްތިމާސްކުރާ ހާލު، އެޗްޕީއޭގެ އެންގުންތަކާ ހިލާފުވެ، އާންމު ރައްޔިތުންގެ ސިއްހަތު ނުރައްކަލުގެ ތެރެއަށް ހުށަހެޅޭގޮތަށް އަމަލުތައް ބަހައްޓާ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ކޮމެންޓު ފޮނުވާ