ސަރުކާރުގައި ހިމެނޭ ވަޒީރުންގެ އިތުބާރު ނެތްކަމުގެ މައްސަލާގައި މަޖިލީހުން ވޯޓު ނަގައި ވަޒީރުން ބޭރު ކުރަމުންދަނީ ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދުތައްވެ، ސަރުކާރު ފެއިލް ވުމުން ކަމުގައި އިދިކޮޅު ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
މަޖިލީހުގައި މިއަދު ކުރިއަށްދާ މިނިސްޓަރ މަލީހުގެ އިތުބާރު ނެތްކަމުގެ ވޯޓާއި ގުޅިގެން މަޖިލީހުގައި ވާހަކަ ދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ މިސަރުކާރުން ވެރިކަމަށް އައީ އިންޓަނެޓް އަގުހެޔޮ ކޮށްދެއްވުމަސް ވައުދު ވެގެން ކަމަށެވެ. ނަމަވެސް ދެ އަހަރާއި ބައި ވެގެންދާއިރު އެކަން ނުކުރެވި ވައުދު ނުފުއްދޭކަމީ ފެންނަމުންދާ ހަގީގަތެއްކަމަށެވެ.
އާދަމް ޝަރީފް ވިދާޅުވީ މިއަދު ފެނިގެންދަނީ ރައީސުލްޖުމްހޫރިއްޔާ އަދާކުރައްވަން ޖެހޭ ޒިންމާ އަދާނުކުރެވި އެކަންކަން ވަޒީރުންގެ ބޮލޮގައި އަޅުވާތަން ކަމަށެވެ. މިއަދު ސަރުކާރުން ވެފައިވާ ވައުދުތައް ނުފުއްދުމުން އެކަމުގެ ޒިންމާ ހަމައެކަނި ނަގަންޖެހޭނީ ވަޒީރުން ނޫންކަމަށާއި، އެކަމުގެ ޒިންމާ ނަންގަވަންޖެހޭ ރައީސުލްޖުމްހޫރިއްޔާކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.
އަޅުގަނޑު ދެކޭ ގޮތުގައި މިހާލަތުގައި އިތުބާރުނެތްކަމުގެ މައްސަލަ ވައްދަންވީ މިނިސްޓަރ މަލީހުގެއެއްނޫން. އިތުބާރު ނެތްކަމުގެ މައްސަލަ ވައްދަންވީ ރައީސް ޞާލިހުގެ. އެމަނިކުފާނު ވެފައިވާ ވައުދުތައް ނުފުއްދިގެން ރައްޔިތުންގެ އިތުބާރު ގެއްލުމުން މިހުރިހާ މައްސަލައެއް މިދިމާވަނީ.
– އާދަމް ޝަރީފް ވިދާޅުވީ.
އިތުބާރު ނެތްކަމުގެ މައްސަލާގައި މިނިސްޓަރ މަލީހު ވިދާޅުވެފައިވަނީ
މަޖިލީހަށް ވަޑައިގަތީ ވަޒީރުކަން ދިފާޢުކުރުމަށް ނޫންކަމަށާއި، ވަޑައިގަތީ ޤާނޫނު އަސާސީގެ 27 ވަނަ މާއްދާ ދިފާޢުކުރުމަށްކަމަށެވެ. މަލީހު ވިދާޅުވީ، 14 މެންބަރުން ސޮއިކުރައްވާ މަޖިލީހަށް ވައްދާފައިވާ އިތުބާރު ނެތްކަމުގެ މައްސަލައަކީ ވަޒީރެއްގެ ނަން ކިލަނބުކޮށްލުމަށް ހުށައެޅުއްވި ޒާތީ މައްސަލައެއްކަމަށެވެ. އަދި އެ މައްސަލައާއި ގުޅިގެން ހުރިހާ އިޖުރާއަތެއް ކުރިއަށް ގެންދިޔައީ ދޮގާއި މަކަރާއި އެކުކަމަށްވެސް މަލީހު ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ، މަޖިލީހުން އެމަނިކުފާނަށް ފޮނުވާފައިވާ މައްސަލާގައި ހުސް ކަރުދާސްތަކެއްވެސް ހިމެނޭކަމަށާއި، އޭގައި ވާއެއްޗެއް އަދި ނުވާއެއްޗެއްވެސް ސާފުނުވާކަމަށެވެ. އަދި އެ މައްސަލާގައި ބަޔާންކޮށްފައިވަނީ ވަޒީރުގެ ނަންފުޅުވެސް ނުބައިކޮށްކަމަށާއި، އެ މައްސަލައާއި ގުޅިގެން މަޖިލީހަށް ފޮނުްވި ސިޓީގެ ޖަވާބު އެންމެ ޑިމޮކްރަޓިކް މަޖިލީހުން މިހާތަނަށްވެސް ދެއްވާފައި ނުވާކަމަށް މަލީހު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ޓެލެކޮމިއުނިކޭޝަން ޤާނޫނުގެ ދަށުން ހަދަންޖެހޭ ޤަވާއިދުތަކެއް ހަދާފައިނުވާކަމަށް މަޖިލީހުގެމެންބަރުން ތުހުމަތުކުރާއިރު، އެ ޤަވާއިދުތަކަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގެ 2 އަހަރުގެ ތެރޭގައި ހަދާ ނިންމާފައިވާ ޤަވާއިދުތަކެއްކަމަށްވެސް މަލީހު ވިދާޅުވިއެވެ. އަދި އެ ޤަވާއިދުތައް އެކުލަވާލުމަށް ކުރި ބުރަ މަސައްކަތް ފާހަގަކުރައްވާ މަލީހު ވަނީ ޓެލެކޮމިއުނިކޭޝަން އޮތޯރިޓީގެ މުވައްޒަފުންނަށް ޝުކުރު އަދާކުރައްވާފައެވެ.
މަލީހު ވިދާޅުވީ، އެ ޤާނޫނަކީ 2015 ވަނަ އަހަރު ވުޖޫދަށް އައި ޤާނޫނެއްކަމަށާއި، އެއީ އެ ޤާނޫނު އެކުލަވާލާ އަމަލުކުރަން ފަށާތާ 3 މަސް ދުވަހުގެ ތެރޭގައި ހަދަންޖެހޭ ޤަވާއިދެއްނަމަވެސް ފާއިތުވި ތަނުގައި މިނިސްޓަރުކަން ކުރެއްވި 3 މިނިސްޓަރަކު އެކަން ކުރައްވާފައި ނުވާކަމަށް މަލީހު ވިދާލުވިއެވެ. އެހެންކަމުން އެމަނިކުފާނަށް އަދަބުދެއްވަނީ އެ ޤަވާއިދުތައް ހެދުމުންތޯ މަލީހު ސުވާލު ކުރެއްވިއެވެ.
އެހެންކަމުން މިއީ އަސާސެއް ނެތް މައްސަލައެއްކަމަށްވެސް މަލީހު ވިދާޅުވިއެވެ.
މަލީހުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން ވަނީ މަލީހު މަޤާމުން ވަކިކުރެއްވުމަށް ތްރީލައިން ވިޕެއް ނެރެފައެވެ.
ކޮމެންޓު ފޮނުވާ