ޖިންސީ ކުށުގެ ދައުވާތައް އުފުލާފައި ވަނިކޮށް، ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓް ދޫކޮށްލަން ކްރިމިނަލް ކޯޓުން ކުރި އަމުރު އިސްތިއުނާފުކުރަން ހައި ކޯޓަށް ހުށަހެޅި މައްސަލަ ބަލައި ނުގަނަންނަން އެ ކޯޓުން ނިންމަވައިފިއެވެ.
ހައިކޯޓުގެ ރަޖިސްޓްރާ މިގޮތަށް ނިންމީ އަމުރު އިސްތިއުނާފުކުރުމަށް އޮންނަ 48 ގަޑިއިރަށް ވުރެ ފަހުން ޕީޖީން މައްސަލަ ހުށަަހަޅާފައި ވާތީއެވެ. ނަމަވެސް ރަޖިސްޓްރާގެ މި ނިންމުން އިސްތިއުނާފުކުރަން އަދި ހަތް ދުވަހުގެ މުއްދަތެއް ލިބޭނެއެވެ.
އަލީ ވަހީދު ރާއްޖެއި ބޭރަށް ފުރުވާލުމުގެ ތުހުމަތު މިހާތަނަށް ކުރެވޭނީ ޕާސްޕޯޓް ދޫކޮށްލި ފަނޑިޔާރަށް ކަމަށާއި، އޭނާގެ މައްސަލަ ބަލައި ދިނުމަށް ޕީޖީ އޮފީހުން ޖޭއެސްސީގައި އެދިފައިވާނެކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވަނީ ވިދާޅުވެފައެވެ.
ޕީޖީ އޮފީހުން ބުނެފައިވަނީ، އަލީ ވަހީދު ފުރައިގެން ދިއުމުގެ ހުއްދަދީ ކޯޓުން ޕާސްޕޯޓު ދޫކޮށްފައިވަނީ، މިބާވަތުގެ އަމުރުތައް ނެރުއްވުމުގައި އަމަލުކުރާ އުސޫލާ ޚިލާފަށް ކަމަށްވާތީ މިމައްސަލަ ކަމާބެހޭ މުވައްސަސާތަކުގެ ސަމާލުކަމަށް ގެނައުމުގެ މަސައްކަތް މިހާރު އެއޮފީހުން ކުރަމުން ގެންދާކަމުގައެވެ.
އަދި ޕީޖީ އޮފީހުން ބުނެފައިވަނީ، އެއަމުރު ކޯޓުން ނެރުއްވާފައިވަނީ ރަގަޅަށް ކަމަށް އެއޮފީހުން ނުދެކޭ ކަމަށެވެ. އަދި އެމައްސަލަ އިސްތިއުނާފް ކުރުމާމެދު ގޮތެއް ނިންމުމުގެ ކުރިން އަލީ ވަހީދު ފުރައިގެން ގޮސްފައިވާކަމުގެ މައުލޫމާތު ލިބިފައިވާކަމަށްވެސް ޕީޖީ އޮފީހުގެ ބަޔާނުގައި ބުނެފައިވެއެވެ.
ޢަލީ ވަޙީދުގެ މައްޗަށް ކުރާ ޖިންސީ ފުރައްސާރައިގެ މައްސަލާގައި އޭނާގެ ޕާސްޓްޕޯޓް ހިފަހައްޓާފައި އޮތުމަށްފަހު، އަމުރު މުރާޖައާ ކުރަން ބޭއްވި ޝަރީއަތުގެ އަޑު އެހުމުގައި އަލީ ވަހީދުގެ ފަރާތުން ވަންނީ އޭނާގެ ސިއްހީ ހާލަތު ބަޔާން ކޮށްދިނުމަށް ޑޮކްޓަރަކު ހާޒިރުކޮށްފައެވެ. ޑޮކްޓަރު ވަނީ ޢަލީ ވަޙީދުގެ މައިބަދައިގެ ޑިސްކުތަކެއް ގުޑާފައިވާކަަމަށް ވިދާޅުވެފައެވެ.
ކުށެއްގެ ތުހުމަތުވާ މީހަކު ބަންދުން ދޫކުރުމުގައި މީހަކު ޖާމިނުވެއްޖެ ނަމަ އޭނާ ބަންދުން ދޫކޮށްލުމުގެ އިޚްތިޔާރު ފަނޑިޔާރަށް ލިބިގެންވެ އެވެ. ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 64 ވަނަ މާއްދާގައި ބުނެފައި ވަނީ، ބަންދުގައިހުރި މީހަކު ކަފާލާތުގެ އުސޫލުން ބަންދުން ދޫކުރުމަށްޓަކައި، ބަންދުގައި ހުރި މީހާއަށް ޖާމިނުވާ މީހާ، އޭނާގެ އިގުރާރާ ހިލާފުވެއްޖެނަމަ އޭނާ އެކުރަނީ ކުށެއް ކަމަށެވެ.
ބަންދުން ދޫކޮށްލެވުނު މީހާ ފިލައިފިނަމަ ނުވަތަ ޖާމިނުވާ މީހާ އޭނާގެ އިގުރާރާ ހިލާފުވެއްޖެނަމަ، އެ ހިލާފުވި ހިލާފުވުމުގެ ކުޑަ ބޮޑު މިނަށް ބަލައި، ޖާމިނުވި މީހާއަށް އަދަބެއް ދިނުމުގެ އިހްތިޔާރު ކޯޓަށް ލިބިގެންވެ އެވެ.
އެގޮތުން ޖާމިނުވި މީހާ އެއް އަހަރު ދުވަހަށް ޖަލަށް ލެވިދާނެ އެވެ. ނުވަތަ ދެ އަހަރު ދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ގޭގައި ބަންދުކުރެވިދާނެ އެވެ. އަދި 15،000 ރުފިޔާއަށް ވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރުމުގެ އިތުރުން ބަންދުގައި ހުރި މީހަކު ކަފާލާތުގެ އުސޫލުން ދޫކުރުމުގައި، ވަކި މުއްދަތެއް ވަންދެން ޖާމިނު ނުވެވޭނެކަމަށް ކަނޑައެޅުން ހިމެނެ އެވެ.
ޢަލީ ވަޙީދު އިނގިރޭސިވިލާތުގެ ލަންޑަނަށް ވަޑައިގެންފައިވާއިރު، ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައިވެސް އަމިއްލަ ފުޅަށް އަރުވާލެވިގެން އިންގިރޭސިވިލާތުގައި ޢަލީ ވަޙީދު ހުންނެވިއެވެ. ޢަލީ ވަހީދު ރާއްޖެ ދޫކުރައްވާ ވަޑައިގެންފައިވާއިރު، އޭނާގެ މައްޗަށް ވަނީ 7 ދަޢުވާއެއް އުފުލާފައެވެ.
މަސައްކަތުގެ މާޙައުލުގައި ހިނގައިގެން ނުވާނެފަދަ އަޚްލާގީ މައްސަލަތަކެއް ޓުއަރިޒަމް މިނިސްޓްރީގައި ހިންގާފައި ވާކަމުގެ ޝަކުވާ އެމިނިސްޓްރީގެ މުވައްޒަފުންތަކެއް ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅުމާއި ގުޅިގެން ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދު އިސްތިއުފާދެއްވުމަށް އަންގަވައި އިސްތިއުފާ ނުދެއްވުމުން ރައިސުލްޖުމްހޫރިއްޔާ ވަނީ އޭނާ ވަޒީރުކަމުން ވަކިކުރައްވާފައެވެ.
ޓްރެވަލް ޑޮކިއުމެންޓެއްގައި ބޭސްފަރުވާއަށް ވަޑައިގަތުމުގެ ހުއްދަ ދޭން ދައުލަތުން އެދުމުން ބޭނުން ގައުމަކަށް ވަޑައިގެންނެވޭ ގޮތަށް ޕާސްޕޯޓް ދޫކުރި މައްސަލަ ޕީޖީ އޮފީހުން އިއްޔެ ވަނީ ހައި ކޯޓުގައި އިސްތިއުނާފް ވެސް ކޮށްފައެވެ.
ކޮމެންޓު ފޮނުވާ