އައްޑޫގެ ރައްޔިތުންނަށް ކޮންމެ އިންތިޚާބަކާއި ދިމާކޮށް އެމްޑީޕީން ވަމުންދާ ވައުދުތަކުން އެކަނި ތަރައްޤީ ގެނުވޭނަމަ އެތަރައްޤީ އައްޑޫ ސިޓީއަށް މިހާރު ގެނެވުނީސް ކަމުގައި ކުރީގެ ނާއިބް ރައީސް ޑރ.މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.
ކުރިއަށް އޮތް ކަންސިލް އިންތިޚާބާއި ދިމާކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކަށް އެމްޑީޕީން ވަމުންދާ ވައުދުތަކާއި، ޚާއްސަކޮށް އާބާދީ ބޮޑު ސިޓީތަކާއި ރަށްތަކަށް އެމްޑީޕީން ވަމުންދާ ވައުދުތަކަށް ޑރ.ޖަމީލް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ޖަމީލް ވިދާޅުވީ ވައުދުވެގެން އައްޑޫ ސިޓީ ތަރައްޤީވާނަމަ މިހާރު އެސިޓީއަކީ ރާއްޖޭގެ އެންމެ ތަރައްޤީވެ ކުރިއަރާފައިވާ ސިޓީއަށް ވާނެކަމަށެވެ. ނަމަވެސް ފެނިގެންދަނީ އެއްވެސް ޕްލޭނެތި ހުސް ވާހަކަތަކެއް ހުށަހަޅަމުންދާ މަންޒަރުކަމަށް ޑރ.ޖަމީލް ވިދާޅުވިއެވެ.
ހުސް ވައުދުން އެކަނި އައްޑޫ ތަރައްޤީވާނަމަ އެމްޑީޕީއަށް މިހާރު އެކަން ކުރެވުނީސް. އައްޑޫ ރައްޔިތުންގެ ވިސްނުން އެހާ ކޮށި ކަމަށް ދެކެނީތޯ؟ އައްޑޫގެ ތަރައްޤީއަށް ސަރުކާރުން ގެންގުޅޭ ޕްލޭނަކީ ކާށިދޫއިން ކޮޕީ ކޮށްފައިވާ އެއްޗެއްތޯ ނުވަތަ ފިލިޕިންސްއިންތޯ؟
– ޑރ.ޖަމީލް ވިދާޅުވިއެވެ.
ކޮންމެ އިންތިޚާބަކާއި ދިމާކޮށް އެމްޑީޕީން އަބަދުބެސް ގެންގުޅޭ ސިޔާސަތަކީ މަތިމައްޗަށް ވައުދުވުން ކަމަށާއި، ނަމަވެސް އެކަންކަން ތަންފީޒުވާ ތަނެއް ނުފެންނަކަަމަށެވެ. އިންތިޚާބު ބޯމަތިވުމާއިއެކު ފެނިގެންދަނީ ރައްޔިތުންނަކީ އެމީހުންގެ އެންމެ ގާތް އަހުންނަށްވެ، އިންތިޚާބު ނިމުމާއިއެކު ނުވެސްދަންނަ ހަތުރުންނަށްވާ މަންޒަރުކަމަށް ޑރ.ޖަމީލް ވިދާޅުވިއެވެ.
ދިވެހި އެއްވެސް ރައްޔިތަކު ތިހާ ނިކަމެތި ކޮށްލާކަށް ނުވާނެ. އިންތިޚާބު ބޯމަތިވުމުން ރަންގަނޑަކަށް، އިންތިޚާބު ނިމުނުހާ އަވަހަކަށް ހިލަގަނޑަކަށް. މި ފަލްސަފާ ރައްޔިތުންނަށް މިހާރު މާ ބޮޑަށްވެސް އެނގޭ.
– ޑރ.ޖަމީލް ވިދާޅުވިއެވެ.
އަންނަ އޭޕްރީލް މަހުގެ 10 ވަނަ ދުވަހު ކައުންސިލް އިންތިޚާބު ބޭއްވުމަށް މަސައްކަތް ކުރަމުންދާއިރު، ސަރުކާރުން ދަނީ އަތޮޅު ތެރޭގެ ރަށްތަކަށް ގިނަކަންތައްތަކެއް ކޮށްދެއްވާނެކަމަށް ވައުދުވަމުންނެވެ. އަދި ބައެއް ރަށްތަކުގައި އެކި މަޝްރޫޢުތައް ފެށުމުގެ މަސައްކަތްވެސް ސަރުކާރުން ދަނީ ކުރަމުންނެވެ.
ކޮމެންޓު ފޮނުވާ