ކުންފުންޏެއްގެ ކިބައިން ސަލާމަތްކޮށް ހުޅުމާލެއަށް ޤާނޫނީ ބާރުވެރިކަން ހޯދައިދޭނަން: ޝުޖާ

ކުންފުންޏެއްގެ ކިބައިން ސަލާމަތްކޮށް ހުޅުމާލެއަށް ޤާނޫނީ ބާރުވެރިކަން ހޯދައިދޭނަން: ޝުޖާ

Author
މުޙައްމަދު ޝަޒައިމް
28 ފެބްރުއަރީ 2021 01:56
0

ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމަށް ޤާނޫނު ލާޒިމް ކުރި ނަމަވެސް ހުޅުމާލޭ ރައްޔިތުން ތިބީ ކުންފުންޏެއްގެ ދަށުގައި ކަމަށާއި، ކުރިއަށް އޮތް ތަނުގައި ކުންފުނީގެ ދަށުން ސަލާމަތްކޮށް ލާމަރުކަޒީ ބާރުވެރިކަން ހުޅުމާލޭ ރައްޔިތުންނަށް ހޯދައި ދެއްވާނެކަމަށް އެދާއިރާއަށް ވާދަކުރައްވާ އިދިކޮޅު ކެންޑިޑޭޓް އިބްރާހިމް ޝުޖާ ވިދާޅުވެއްޖެއެވެ.

ހުޅުމާލޭގެ އެންމެހައި ކަންކަން އެޗްޑީސީގެ ބެލުމުގެ ދަށުން ހިންގާތީ ކަންބޮޑުވުން ފާޅުކުރައްވައި ޝުޖާ ވިދާޅުވީ ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާއްތައް ހިންގުމަކީ އެމްޑީޕީން އަބަދުވެސް ވައުދުވަމުންދާ ކަމެއްކަމަށެވެ. އަދި ލާމަރުކަޒީ ބާރުވެރިކަން ރައްޔިތުންނަށްދީ ރައްޔިތުންނަށް ދޭންޖެހޭ އެންމެހައި އެހީތެރިކަން ދޭނެކަމަށް ވިދާޅުވި ނަމަވެސް ފެނިގެންދަނީ އެމްޑީޕީއަށް މިސިޔާސަތު ތަންފީޒު ނުކުރެވޭ މަންޒަރުކަމަށެވެ. އަދި ކައުންސިލް އިންތިޚާބު ކާމިޔާބުކޮށް ހުޅުމާލޭ ރައްޔިތުން ކުންފުންޏެއްގެ ކިބައިން ސަލާމަތްކޮށް ލާމަރުކަޒީ ބާރުވެރިކަން ހޯދައި ދެއްވާނެކަމަށް ޝުޖާ ވިދާޅުވިއެވެ.

ހުޅުމާލެ ކައުންސިލަށް އަންނަން މިއުޅެނީ ކުންފުންޏެއް ކިބައިން ރައްޔިތުން ސަލާމަތް ކޮށް، ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކަންކަން ނިންމުމުގެ ސީދާ ބާރު ރައްޔިތުންނަށް ހޯދައިދޭން! މާލޭގެ ރައްޔިތުން މާލެސިޓީ ކައުންސިލަށް ބަރޯސާވާ އިރު، ހުޅުމާލެ ރައްޔިތުން ބަރޯސާވާން މިޖެހެނީ ކުންފުންޏަކަށް.

– ޝުޖާ ވިދާޅުވިއެވެ.

އެމްޑީޕީއަކީ ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމުގެ ފޮނި މީރުކަން އަބަދުވެސް ދޭނެ ބައެއްކަމަށް ބުނި ނަމަވެސް ވެރިކަން އޮވެ ހުރިހާ ބާރެއް މުށުތެރެއަށް ލައިގެންވެސް ފެނިގެންދަނީ ބާރުވެރިކަން ދޫނުކުރެވިގެން އުޅޭތަން ކަމުގައި ޝުޖާ ވިދާޅުވިއެވެ.

މިސަރުކާރުގެ ބަނޑުން ވިހޭ ދަރިއެއް ކަމަށް އަމިއްލަ އަށް ބުނާ މި ނިޒާމުގެ ފޮނި މީރުކަމެއް ކައުންސިލް އޮވެމެ ހުޅުމާލެ ރައްޔިތަކަށް ނުލިބުނު. އަޅުގަނޑު ޤާނޫނުން ލިއްބައިދީފައިވާ ބާރުވެރިކަން ހުޅުމާލެ ރައްޔިތުންނަށް ހޯދައިދޭނަން.

– ޝުޖާ ވިދާޅުވިއެވެ.

ހުޅުމާލޭގެ ކަންކަން އެޗްޑީސީން ބަލައްހައްޓާތީ ގިނަ ގޮންޖެހުންތަކެއް ހުރިކަމަށް ހުޅުމާލޭގައި ދިރިއުޅޭ މީހުން ދަނީ ބުނަމުންނެވެ. ޚާއްސަކޮށް ދިމާވާ އެކި މައްސަލަތައް ހައްލުކުރުމުގައި އެޗްޑީސީއަށް އެކަށީގެންވާ ވަރަށް މަސައްކަތް ނުކުވި، ލާމަރުކަޒީ އުސޫލުން ރާއްޖޭގެ ކަންކަން ހިންގުމުގެ ރޫހު ހުޅުމާލެއިން ނިގުޅައިގަނެފައިވާކަމަށް ހުޅުމާލޭފައި ދިރިއުޅޭ ގިނަ ރައްޔިތުން ދަނީ ބުނަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.