ރާއްޖެއިން ކޯވިޑް-19އަށް އިތުރު 118 މީހަކު ޕޮޒިޓިވްވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއިން ހާމަކުރައްވާފައިވާ އެންމެފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން އިއްޔެގެ އިރުއޮއްސި 6:00 އިން ފެށިގެން މިއަދުގެ އިރުއޮއްސި 6:00 އާއި ހަމައަށް ރާއްޖެއިން އަލަށް ކޯވިޑް-19އަށް ޕޮޒިޓިވްވި 118 މީހުންގެ ތެރޭގައި ހިމެނެނީ މާލޭ ސަރަޙައްދުން ޕޮޒިޓިވްވި 92 މީހަކާއި އަތޮޅުތަކުގެ ރަށްރަށުން ޕޮޒިޓިވްވި 5 މީހަކާއި ރިސޯޓުތަކުން ޕޮޒިޓިވްވި 16 މީހުންގެ އިތުރުން ސަފާރީތަކުން 5 މީހެކެވެ.
މިއާއެކު ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު ވަނީ 19،597 އަށް އަރާފައެވެ.
ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އިތުރު 130 މީހުން ވަނީ ވޭތުވެދިޔަ ގަޑިއިރުތެރޭގައި ބަލިން ރަނގަޅުވެފައެވެ. މިއާއެކު ރާއްޖެއިން މިބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ޖުމުލަ 17،132މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. މިވަގުތު ބައްޔަށް ފަރުވާ ހޯދަމުންދަނީ 2،397 މީހުންނެވެ. މިބަލީގައި ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދޭ މީހުންގެ ޢަދަދު އަނެއްކާވެސް ވަނީ މަތި ފަށާފައެވެ. މިވަގުތު ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދެމުންދަނީ 170 މީހުންނަށެވެ.
ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޯވިޑް-19އަށް ޓެސްޓްކުރުމަށްޓަކައި 3،952 ސާމްޕަލެއް ވަނީ ނަގާފައެވެ. އަދި މިބަލި ދެނެގަތުމަށް ޖުމްލަ 518،663 ސާމްޕަލްވަނީ ނަގާފައެވެ. ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ރާއްޖެއިން މިހާތަނަށް 61 މީހަކު ވަނީ މިހާތަނަށް ނިޔާވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ 53 ދިވެހިންނާއި 8 ބިދޭސީންނެވެ.
ކޮމެންޓު ފޮނުވާ