ކޯވިޑް-19 އާއި ގުޅިގެން މާލެ ސަރަހައްދުގައި ބަލި ކޮންޓްލް ނުވެދާތީ ޖަމާއަތުގައި ނަމާދު ކުރުން މެދު ކަނޑާލުމާއި ގުޅޭގުން ރާއްޖޭގެ ދީނީ އިލްމުވެރިންނާއި މަޝްވަރާތައް ފަށައިފިއެވެ.
މަޝްވަރާ ފުރަތަމަ ބައްދަލުވުން ބާއްވާފައިވަނީ އިއްޔެ އިސްލާމިކް މިނިސްޓްރީގައެވެ. އެޗްޕީއޭގެ އެދުމުގެ މަތިން އިލްމުވެރިންނާއިއެކު ކުރަމުންދާ މަޝްވަރާތަކުގެ ދެވަނަ ބައްދަލުވުން މިއަދު ހަވީރުވަނީ ކުރިއަށް ގެންގޮސްފައެވެ. މިބައްދަލުވުންތަކުގައި ޢިލްމުވެރިން ނަމާދު ޖަމާއަތުގައި މެދު ކަނޑާލުމަށް ތާއީދު ނުުކުރައްވައެވެ.
އެންމެ ބޮޑު ސަބަބަކީ މާލެ ސަރަހައްދުގައި މިހާރުވެސް ގިނަ މީހުން އެއްވެ ހިނގާ ގިނަ ހަރަކާތްތަކެއް މެދު ކަނޑާނުލައި ކުރިއަށްދާއިރު ނަމާދުގެ ޖަމާއަތް މެދު ކަނޑާލުމަކީ އެންމެ ރަނގަޅު ކަމެއްކަމަށް ނުދެކެއެވެ. އެގޮތުން ސްކޫލުތައް ހުޅުވާފައި އޮތުމާއި، މުޒާހަރާ ކުރުމާއި، ހޮޓާ ރެސްޓޯރެންޓު ތަކުގައި ގިނަ ބަޔަކު އެއްވެ އުޅޭއިރުވެސް މައްސަލައަކަށް ނުވާއިރު ޖަމާއަތުގައި ނަމާދު މެދު ކަނޑާލުމަކީ ގަބޫލު ކުރެވޭ ކަމެއްނޫން ކަމަށް އިލްމުވެރިން ވިދާޅުވެއެވެ. އިލްމުވެރިން ޖަމާއަތް މެދު ކަނޑާލަން އެއްބަސްވަނީ އެންމެ ހާލަތެއްގައެވެ. އެއީ މާލެ ސަހަރައްދު ފުލް ލޮކްޑައުންއަކަށް ދާ ހާލަތުގައި އެކަންޏެވެ.
އިލްމުވެރިން ވަނީ މި ހާލަތުގައި ކުރެވިދާނެ ބައެއް ކަންކަމުގެ ލަފާ އަރުވާފައެވެ. އެގޮތުން ބަންގި ގޮވާނިމިގެން ވަގުތުން ގަމަތްދީ ނަމާދަށް ފެށުމާއި ނަމާދުގައި ވީހާވެސް ކުރުކޮށް ކިޔަވައިގެން ނަމާދު ކުރުކޮށްކޮށްލުމަށް އެންގުމާއި ގިނަ ވަގުތު މިސްކިތުގައި ހޭދަނުކުރުމަށް އެންގުމާއި ބަލިމީހުންނާއި ބައްޔަށް ކިރިޔާވެސް ޝައްކު ކުރެވޭމީހުން މިސްކިތައް ނައުމަށް ބާރުއެޅުމަށެވެ. އިލްމުވެރިން ވިދާޅުވީ ބަންގި ގޮވާނިމިގެން ވަގުތުން ގަމަތްދީ ނަމާދަށް ފެށި ނަމަވެސް ސުންނަތް ކުރާ މީހަކަށް ފަހުން ސުންނަތް ގަލޯ ކުރުމަކީ ހުއްދަކަމެއް ކަމަށެވެ.
މާލެ ސަރަޙައްދުގައި ޖަމާޢަތުގައި ނަމާދުކުރުންވެސް މިދިޔަ އަހަރު މާޗް މަހުގެ 18ވަނަ ދުވަހުން ފެށިގެން ވަނީ ހުއްޓާލާފައެވެ. އެހެންނަމަވެސް، ކޯވިޑް-19ގެ ޙާލަތު ރަނގަޅުވެ މާލެ ސަރަހައްދުގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދޭން ފެށުމާއެކު މިދިޔަ އަހަރުގެ ޖުލައި މަހުގެ ފުރަހަމަ ދުވަހުން ފެށިގެން ޖަމާއަތުގައި ނަމާދު ކުރުން ވަނީ ފަށާފައެވެ.
ކޯވިޑް ނަވާރައާއި ގުޅިގެން ޖަމާއަތުގައި ނަމާދު ކުރި ނަމަވެސް ހުކުރު ހުތުބާވެސް ވަނީ ވަރަށް ބޮޑަށް ކުރުކޮށްފައެވެ.
ކޮމެންޓު ފޮނުވާ