ބޭސްފަރުވާއަށް އިންޑިޔާއަށްދާ ފަރާތްތަކުން ހައްދަން ޖެހޭ ވިސާ ހެއްދުމަށް، ވިސާ ޓޯކެން ސިސްޓަމަށް ދިމާވި މައްސަލަ ހައްލު ވަންދެން ގުޅައިގެން ޓޯކެން ނަންބަރު ލިބޭނެ ގޮތް ހަމަޖައްސައިފިއެވެ.
ރާއްޖޭގައި ހުންނަ އިންޑިޔާ އެމްބަސީން ބުނެފައިވަނީ ފޯމު ހުށަހެޅުމުގެ ކުރިން އެތަނުގެ ހޮޓްލައިން ނަމްބަރު 7563947 އަށް ގުޅައި، އެޕޮއިންޓްމަންޓް ހެއްދޭނެކަމަށެވެ. އަދި ހުކުރު ދުވަސް ފިޔަވައި، ކޮންމެ ދުވަހެއްގެ ހެނދުނު 9:30 އިން މެންދުރު 12:30 އަށް ޓޯކެން ނަމްބަރު ހޯދޭނެ ކަމަށް ބުނެފައިވެ އެވެ. އެމްބަސީން ބުނީ އެތަނަށް ގޮސްގެން މި ވަގުތު ޓޯކެން ނަމްބަރު ނުލިބޭނެ ކަމަށާއި ހޮޓްލައިނަށް ގުޅުމުން، ކޮންމެ މީހަކަށް ވެސް ވަކި ވަގުތެއް ހަމަޖައްސައިދޭނެ ކަމަށެވެ.
ބޭސްފަރުވާއަށް އިންޑިޔާއަށްދާ ފަރާތްތަކުން ވިސާޖެހުމަށް ދިގުކިއުތަކެއް ހަދަންޖެހޭތީ އެކަމާއި ގުޅިގެން އެމްބަސީން ބުނެފައިވަނީ ވިސާއަށް ފޯމް ހުށައަޅުއްވާ ފަރާތްތަކަށް ޓޯކެން ސިސްޓެމްގެ ސަބަބުން ދިމާވެފައިވާ ދަތިތަށް ހައި ކޮމިޝަންއަށް ފާހަގަކުރެވިފައިވާކަމަށެވެ. އަދި މެޑިކަލް ވިސާއަށް ފޯމް ހުށައަޅުއްވާ ފަރާތްތަކަށް ޓޯކެން ސިސްޓަމް ސްޓްރީމްލައިންކޮށް ވިސާ ޓޯކެން ސިސްޓެމްގެ ސަބަބުން ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް މަސައްކަތްކުރެވެމުން ދާކަމަށެވެ. އަދި ކުރިއަށް އޮތް ދެތިން ދުވަސް ތެރޭގައި ހައްލެއް ލިބިގެންދާނެ ކަމަށް އެމްބަސީން ބުނެއެވެ.
ކޯވިޑް-19 ބަލިމަޑުކަން ދުނިޔޭގައި ފެތުރެން ފެށުނު ހިސާބުން އިންޑިއާގެ ބޯޑަރުތައް ވަނީ ބަންދުކުރެވިފައެވެ. ނަމަވެސް އިންޑިއާ އާއި ދިވެހިރާއްޖޭގެ މެދުގައިވާ ޒަމާންވީ ގާތް ގުޅުމުގެ ސަބަބުން ޖޫން 2020 އިން ފެށިގެން ދިވެހިންނަށް އިންޑިއާއަށް ބޭސް ފަރުވާއަށް ދިއުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. އަދި މިހާތަނަށް 5000 މެޑިކަލް ވިސާ ދޫކުރެވިފައިވާ އިރު 2021 ގައި އެކަނިވެސް 2000 މެޑިކަލް ވިސާ ވަނީ ދޫކުރެވިފައެވެ.
ވިސާއަށް ފޯމް ހުށައަޅުއްވާ ފަރާތްތަކަށް ކުރިމަތިވެފައިވާ ދަތިތަކާއިމެދު ހިތާމަކުރާހާލު، ވީ އެންމެއަވަހަކަށް މި މައްސަލައަށް ސްޓްރީމްލައިން ހައްލެއް ފޯރުކޮށްދެވޭނެކަމުގެ ޔަގީންކަން ކޮމިޝަނުން ވަނީ ދީފައެވެ.
ކޮމެންޓު ފޮނުވާ