އިދިކޮޅު ކޯލިޝަނުން ރައްޔިތުންގެ ހައްގުގައި ކުރަމުންދާ މުޒާހަރާގައި ބައިވެރިވުމަށް ހުރިހާ ރައްޔިތުންވެސް މަގުތަކަށް ނިކުތުމަށް އިދިކޮޅު ކޯލިޝަން ހިންގުމާއި ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
އިދިކޮޅު ކޯލިޝަނުން މިއަދު މާލޭގައި ފެށުމަށް މަސައްކަތް ކުރި މުޒާހަރާ ހުއްޓުވައި ފުލުހުން ހުރަސް އަޅާފައިވާތީ ޕީޕީއެމް އޮފީހުގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ރައްޔިތުންނަށް މިއަދު ޤާނޫނު އަސާސީން ކަށަވަރުކޮށްދޭ ހައްގުތައްވެސް ކަށަވަރު ނުވާކަމަށެވެ. ޤާނޫނު އަސާސީން އެއްވެ އުޅުމާއި ޚިޔާލު ފާޅު ކުރުމަކީ ލިބިދީފައިވާ ހައްގަކަށްވާއިރު އެހައްގުވެސް ނިގުޅައިގަނެފައިވާކަމަށެވެ.
އަމިއްލަ ޕާޓީ އޮފީހަށްވެސް ޕީޕީއެމް ޕީއެންސީގެ އިސްބޭފުޅުންނަށް ނުވަދެވޭނެހެން އިދިކޮޅު ސިޔާސީ ހަރަކާތްތައް ހުއްޓުމަށް ރައީސް ޞާލިހާއި، ރައީސް ނަޝީދު ކުރައްވާ މަސައްކަތަކީ އެއްވެސް ވަރަކަށް ބަލައި ނުގަނެވޭނެ ކަމެއްކަަމަށް އަބްދުރަހީމް ވިދާޅުވިއެވެ. އެޗްޕީއޭގެ ގައިޑްލައިނާއި ޚިލާފަށް އެތައް ފުލުހުންނެއް މަގުތަކަށް ނެރެ ރައްޔިތުން ހުއްޓުވުމަށް އުޅުމަކީ ކޮސް ކަމެއްކަމަސް އަބްދުއްރަހީމް ވިދާޅުވިއެވެ.
އެމްޑީޕީއަކީ އަބަދުވެސް ފުލުހުންނަށް ޢައިރު ޤަނޫނީ އުމުރުކޮށްގެން ކަންކަން ކުރަން ބޭނުންވާ ޕާޓީއެއް ކަމަށާއި، ނަމަވެސް ފުލުހުން އެފަދަ އަމުރުތަކަސް ތަބާނުވުމަށް އަބްދުއްރަހީމް ވަނީ ގޮވާލާފައެވެ.
މިއަދުގެ މުޒާހަރާއާއި ގުޅިގެން ހޯމް މިނިސްޓްރީން ބުނެފައިވަނީ ކޯވިޑް-19 އާއި ގުޅިގެން އަޅާފައިވާ ރައްކާރިކަމުގެ ފިޔަވަޅުތަކާއި ޚިލާފަށް އެއްވެސް ބަޔަކަށް، އެއްވެސް ހަރަކާތެއް ހިންގުމަށް ސަރުކާރުން ޖާގަ ނުދޭނެކަމުގައެވެ.
ކޯވިޑް-19އައި ގުޅިގެން މާލެ ސަރަހައްދުގައި އަޅާފައިވާ ފިޔަވަޅުަތަކައި ޚިލާފަށް މާލޭގައި ހިންގޭ ހަރަކާތްތައް ހުއްޓުމަށް ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން ހޯމް މިނިސްޓްރީން ވިދާޅުވީ ސިއްޚީ ޚިދުމަތްދޭ ތަންތަނުގެ ޖާގަފުރި، ރެއާދުވާލު ރައްޔިތުންގެ ޚިދުމަތުގައި މަސައްކަތްކުރާ ސިއްޚީ ޚިދުމަތްތެރިންނާއި ފްރޮންޓްލައިންގައި މަސައްކަތްކުރާ ފަރާތްތަކާ ނުބައްދަލު މިންވަރަށް ބަލި ފެތުރެމުންދާ ދަނޑިވަޅެއްގައި ސިއްހީ މާހިރުންގެ އިރުޝާދުގެ ދަށުން އެޗްޕީއޭ އިން ކަނޑައަޅާފައިވާ މިންގަނޑުތަކާ ޚިލާފަށް އެއްވެސް ހަރަކާތެއް ހިންގުމަށް ސަރުކާރުން ޖާގަ ނުދޭނެކަމަށެވެ.
ކޮމެންޓު ފޮނުވާ