އިދިކޮޅު ކޯލިޝަނުން މާދަމާ މާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ބޮޑު މުޒާހަރާއަށް ވީހާވެސް ގިނަ ބަޔަކު ނިކުންނެވުމަށް ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ގޮވާލައްވައިފިއެވެ.
މާދަމާ އިދިކޮޅު ކޯލިޝަނުން ކުރުމަށް ނިންމާފައިވާ މުޒާހަރާއަށް ގިނަ ބަޔަކު ނިކުތުމަށް ގޮވާލައި މުސްތަފާ ކުރެއްވި ޓްވީޓްގައި ވިދާޅުވީ މާދަމާގެ މުޒާހަރާ އަކީ ކުރިން ދުވަސްތަކުގައި ކުރި މުޒާހަރާއަށް ވުރެ ބޮދު މުޒާހަރާއަކަށް ވެގެންދާނެކަމަށް ގަބޫލު ކުރެވޭކަމަށެވެ. އިދިކޮޅު ކޯލިޝަނުން ބާއްވާ މުޒާހަރާގައި ރައީސް ޔާމީން މިނިވަން ކުރުމަށް ކުރެވޭ މަސައްކަތަކީ މިއަދު ޤައުމަށް ކުރެވެން އޮތް އެންމެ ރަނަގޅު މަސައްކަތުގެ ގޮތުގައި މުސްތަފާ ވަނީ ގޮވާލާފައެވެ.
މާދަމާ ޕީޕީއެމްގެ މުޒާހަރާ ކުރީ ދުވަަހަށްވުރެ ބޮޑުވާނެކަމަށް ފެނޭ. ރައީސް ޔާމީން ސަލާމަތް ކުރުމަށް އެދި ގޮވާލުމަށް ވީހާވެސް ގިނަ ރައްޔިތުން ނިކުންނެވުން އެދެން.
– މުސްތަފާ ވިދާޅުވިއެވެ.
މުސްތަފާ ވަނީ މިވެރިކަން ގެނައުމަށް ކުރެވުނު މަސައްކަތަކީ ކުރެވުނު މޮޔަކަމެއް ކަމުގައި މީގެ ދުވަސްކޮޅެއް ކުރިން ވިދާޅުވެފައެވެ. މުސްތަފާއަކީ މިސަރުކާރު ވެރިކަމަށް ގެނައުމަށް އޭރުގެ މަޖިލިސް ތެރެއިންނާއި، މަގުމަތީގައި ހިންގި ގިނަ ހަރަކާތްތަކެއްގައި މުހިންމު ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ. މިސަރުކާރު ވެރިކަމަށް ގެނައުމަށް ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މަޖިލިސް ތެރެއިން އޭރުގެ ވެރިކަމާއި ދެކޮޅަށް ނިކުމެ އިހުތިޖާޖުހުރި 12 މެމްބަރުންގެ ތެރޭގައިވެސް މުސްތަފާ ހިމެނެއެވެ.
މުސްތަފާވަނީ އޭރުގެ ވެރިކަމާއި ދެކޮޅަށް މަޖިލިސް އިދާރާގައި ކުރެވުނު އިހުތިޖާޖުތަކުގައާއި، ވެރިކަމަށް އައުމަށް ހެދި ކޯލިޝަންގެ ކުރީސަފުގައިވެސް މުހިންމު ދައުރެއް އަދާކުރައްވާފައެވެ. މިއެއްވުންތަކާއި މުޒާހަރާތަކުގައި އެތައް ފަހަރަކު މުސްތަފާ ފުލުސް އޮފީހަށް ހާޒިރުކޮށް ބަންދުވެސް ކޮށްފައެވެ. ނަމަވެސް އޭރު އޮތް ސަރުކާރު ބަދަލުކޮށް މިވެރިކަން ގެނައުމަށް މުސްތަފާވަނީ ވަރަށް ގިނަ މަސައްކަތަކެއް ކުރައްވާފައެވެ.
ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމާއި ދެކޮޅަށް މިއަދު އޮތް ސަރުކާރުގެ ކޯލިޝަން އުފެދިގެން އައީވެސް، މަޖިލީހުގައި ހިމެނުނު މެމްބަރުންގެ ތެރެއިން ރައީސް ޔާމީނާއި ދެކޮޅަށް އޭރުގެ ސަރުކާރަށް ނިސްބަތްވާ ބާރަ މެމްބަރަން ނިކުމެ ކުރި އިހުތިޖާޖުތަކުގެ ތެރެއިންނެވެ. އެދި އެމަސައްކަތް ވެގެން ގޮސްފައިވަނީ އޭރުގެ ވެރިކަމާއި ދެކޮޅަށް ގިނަަބަޔަކަށް ނިކުންނަށް ހިތްވަރުލިބި ސަރުކާރު ބަލިކަށި ވާން ދިމާވި އެންމެބޮޑު އެއްސަބަބުކަމުގައިވެ. ބާރަ މެމްބަރުންގެ ތެރެއިން ގިނަ މެމްބަރުން ޖަލުގައިވެސް އެތައް ދުވަހަކު ބަންދު ކުރެވި ދައުވާވެސް ކޮށްފައިވެއެވެ.
12 މެމްބަރުންގެ ތެރޭގައި ހިމެނޭ މެމްބަރުންގެ ތެރެއިން މުސްތަފާ ދަނީ ފަހަކަށް އައިސް ވަރަށް ފާޅުކަން ބޮޑުކޮށް ސަރުކާރަށް ފާޑުވިދާޅުވަމުންނެވެ.
ކޮމެންޓު ފޮނުވާ