ޕީއެސްއެމްގެ ކުޅިވަރު ހަބަރުތައް ގެނެސްދޭ ނޫސްވެރިޔާ، ސާއިދު އަހުމަދުގެ ހަޔާތަށް ބޮޑު ރާޅެއް ބިންދާލައި، އެކީހެން އެ ހަޔާތް އޮޔާ ދިޔައީ މީގެ ދެެއެ އަހަރެއްހާ ދުވަސްކުރިން އެވެ. ސިއްހީ މައްސަލަތަކަކާ ގުޅިގެން ޑޮކްޓަރު ދެއްކުމުން އޭނާއަށް ޑޮކްޓަރުން ދިން ހައިރާންވި ހަބަރަކީ، އޭނާގެ ދެ ކިޑްނީ ވެސް ފެއިލްވެ، އިންތިހާއަށް ބަލިމީހަކަށް އޭނާ ބަދަލުވީ ކަމެވެ. އެކަމަކު ސާއިދު އެއްފަހަރު ވެސް ހިތްވަރު ދޫކޮށްނުލަ އެވެ.
ހަޔާތުގައި ދިމާވި ހިތްދަތިކަމާއިއެކު ސާއިދު ވެފައިވަނީ އެހެން މީހުންނަށް ވަރަށް ބޮޑު ނަމޫނާއަކަށެވެ. ކިޑްނީ ހޯދުމަށް ފާއިތުވެދިޔަ ދުވަސްތަކުގައި މާބޮޑު ކާމިޔާބީއެއް ނުލިބުނު ނަމަވެސް ސާއިދު އުންމީދު ކަޑައެއް ނުލައެވެ. ދިރިއުޅުމުގެ ކޮންމެ ހާލަތެއްގައިވެސް އަންނަ ބަދަލަކާއިއެކު އުޅެން ސާއިދުވަނީ ފަރިތަވެފައެވެ. ކޮންމެ ހަފްތާއަކު ތިން ދުވަހު ޑައިލެސިސް ހަދައި ގައިން ލޭދަމައި ލޭ ސާފުކޮށް އެލޭ އަނެއްކާވެސް އަޅާއިރު އެ އަޅާވޭނާއި، ހިތްދަތި އިހުސާސަކީ އެކަން ތަޖުރިބާކުރާ މީހުން ނޫނީ ކުރެވޭނެ އިހުސާސެއް ނޫންނެވެ.

ސާއިދުގެ ދެ ކިޑްނީ ފެއިލްވެ، ޑައިލިސިސް ހަދަމުން އަންނަތާ ގާތްގަނޑަކަށް 2 އަހަރާއި 7 މަސްދުވަސްވީއެވެ. މި މުއްދަތުގައި އޭނާއަށް ކިޑްނީއެއް ދޭނެ މީހަކުވޭތޯ ދިޔައީ އާދޭސްކުރަމުންނެވެ. އެހެންނަމަވެސް މިއަދާހަމައަށް އައިއިރުވެެސް އެކަން އަދި ކާމިޔާބުވާގޮތެއް ނުވެއެވެ. ސާއިދަކީ ދެކިޑްނީ ފެއިލްވެ ބަލިހާލުގައި ހުރި މީހަކަށްވިޔަސް އޭނާގެ ދިރިއުޅުމުގައި އެކަމެއް ނުފެނެއެވެ. އެކީގައި އުޅޭ އެކުވެރިންނާއި، ގާތްތިމާގެ މީހުންނަށް ސާއިދުގެ މޫނަކީ އަބަދުވެސް އުފާވެރިކަމާއި ހިނިތުން ވުމުގެ މޫނެކެވެ.

ކޮންމެ ދެދުވަހުން އެއްދުވަހު ޑައިލެސިސް ހަދައި ސާއިދުގެ ހާލަތު އެންމެ ކައިރިން އެގޭ ގާތް އެކުވެރިޔަބު ބުނީ ސާއިދަކީ އޭނާގެ ހަޔާތުގައި ދިމާވި އެންމެ އާދަޔާއި ޚިލާފު ހިތްވަރުގަދަ މީހާކަމަށެވެ. އޭނާ ބުނީ ސާއިދަކީ އެންމެންނާއިވެސް ގުޅޭ ދިމާވާ ކޮންމެ ކަމަކަށް ކެތްތެރިކަމާއިއެކު ކުރިމަތިލާ މީހެއްކަމަށެވެ.
ފަތިހު 4:30 ގައި ހޭލައިގެން ސާއިދު ޑައިލެސިސްއަށް ދާނީ. ޑައިލެސިސް ނިމިގެން ގެޔަށްދެވޭއިރު ގިނަ ދުވަސް ދުވަހު ހުންނަނީ 10 ޖަހާފަ. ޑައިލެސިސް ހަދާ ދުވަހެއް ވިއްޔާ ސާއިދުގެ ހަބަރެއްވާނީ ހަވީރު، މާ ސަކަރާތްވާ ދުވަހެއް ވިއްޔާ ދިމާވާނީ އަނެއް ދުވަހު. އެންމެ ގޯސްވާ ދުވަސް ދުވަހުވެސް ބޭނުންވާނެ ބޭރަށް ނިކުމެލާ މާލެ ވަށާ ދުއްވާލާ، ރައްޓެހިންނާއިއެކު ވަގުތުކޮޅެއް ހޭދަކޮށްލަން. ކިރިޔާ ވަރެއް ހުރިއްޔާވެސް ނިކުންނާނެ. އަހަންނަކީ ސާއިދު ނަމަ އަހަންނަކަށް ޔަގީން އެދުންވެސް ނުތެދުވެވޭނެކަން.
– ސާއިދުގެ އެކުވެރިޔާ ކިޔައިދިނެވެ.
ސާއިދަކީ މިހާރުވެސް ދައުލަތުގެ މީޑިޔާ ޕީއެސްއެމްގެ މުހިންމު ސްޓާފެކެވެ. ކޯވިޑާއި ގުޅިގެން ސާއިދު މަސައްކަތް ކުރަން ޖެހެނީ ގޭގައެވެ. ގޭގައި ހުރެގެންވެސް ސާއިދު ޚަބަރު ހެދުމުގެ މަސައްކަތް ކުރެއެވެ. އޭނާއާއި އެކު އޮފީހުގައި މަސައްކަތްކުރާ މުވައްޒިފަކު ކަމުގައިވާ ޕީއެސްއެމްގެ އެޑިޓަރު އަހުމަދު ޖަދުވާން ބުނީ ސާއިދަކީ މަސައްކަތުގައިވެސް އޮފީހުގައި ތިބޭ އެހެން މުވައްޒިފުންނެކޭ އެއްގޮތަށް އެއްވެސް އުޒުރެއް ބަހަނާއެއްނެތި މަސައްކަތް ކުރާ މުވައްޒިފެއްކަމަށެވެ.
ނަމަވެސް މިހާރު ހާލަތު ހުރި ގޮތުންނާއި، ކޮންމެ ދެ ދުވަހަކުން އެއްދުވަހު ޑައިލެސިސް ހަދަން ޖެހުމުން ސާއިދަށް އޮފީހަށް 100 ޕަސެންޓް ނުދެވުނު ނަމަވެސް އޮފީހަށް އޭނާގެ ފަރާތުން އަބަދުވެސް އެއްބާރުލުން ލިބޭކަމަށެވެ.

ޚަބަރު އޮންލައިނުން ސާއިދު އާއި ގުޅާލުމުން އޭނާ ބުނީ ކެޑިނޭޅި މަސައްކަތް ކުރަމުންދަނީ މިކަމުގައި އެހީތެރިކަމެއް ފޯރުކޮށްދޭ މީހެއްގެ އެހީއަށް ކަމަށެވެ. މިހާތަނަށްވެސް ވަރަށް ގިނަ މީހުންގެ އެހީތެރިކަން އެކި ގޮތްގޮތުން ލެބެމުންދާކަމަށާއި، އެކަންކަމަށް ޝުކުރުވެރިކަމާއިއެކު ބަލައިގަންނަ ކަމަށެވެ. އޭނާ ބުނީ އުންމީދަކީ ވީހާވެސް އަވަހަކަށް ޑޯނާއެއްލިބި އާންމު ހާލަތަށް ދެވޭނެ ދުވަހެއް ދެއްކެވުންކަމަށާއި، އޭނާ ވަކީލުކުރަނީ މާތްﷲއަށްކަމަށެވެ.
އަހަރެންބުނާނީ އަދި ވަގުތު ނުޖެހެނީއޭ. އިރާދަކުރެއްވިއްޔާ ވަގުތުޖެހުމުން މިކަމަށްވެސް ހައްލެއް ލިބިގެންދާނެ. ﷲ ދެރަގޮތެއް އެއްވެސް މީހަކަށް މިންވަރު ނުކުރައްވާނެ. މިކަމަކީ މިއީ ވަރަށް ހިތްދަތި އުގަދޫކަމެއް. މިކަމުގައި އަހަރެންނަށް އެންމެ ބޮޑު އެހީތެރިކަމެއް ދެނީ ޑައިލެސިސް ސެންޓަރުގައި މަސައްކަތް ކުރާ އޯގާތެރި މުވައްޒިފުން. އެބޭފުޅުންގެ އޯގާތެރިކަމާއި، އަޅާލުމާއި، ހިތްހެޔޮކަމަކީ ދުވަހަކުވެސް ހަދާނުން ފިލާނެ ކަންތައްތަކެއްނޫން. އެއީ މިހެން އަދި ބުނެލާ ބަހަކުން ބަޔާންކޮށްދެވޭ ވަރުގެ ޚިދުމެއްނޫން. އެއީ ވަރަށް ކެތްތެރިބައެއް.
– ސާއިދު ބުނެފައިވެއެވެ.
ސާއިދުގެ ހަޔާތުގައި އޭނާ އެންމެ އުފާވާ ވަގުތަކީ ލޯބިވާ ދަރިފުޅުގެ އަޑު ޖެހޭ ވަގުތުތަކެވެ. ދަރިފުޅަށް އުމުރުން 5 އަހަރުވެ މިއަހަރު 6 އަހަރު ފުރޭއިރު ސާއިދުގެ ހުރިހާވެސް މީހަކީ އެއީއެވެ. ސާއިދު ބުނި ގޮތުގައި ދަރިފުޅަށްޓަކައި ކުރަންޖެހުނު ކޮންމެ ކަމެއް މިހާލަތުގައި އެނާ ހުރީ ކުރަން ތައްޔާރަށެވެ. މިހާރުވެސް ދަރިފުޅުގެ ހުރިހާ ޙަރަދެއް ބަލަހައްޓަނީ ސާއިދުއެވެ. އޭނާ ބުނީ ދަރިފުޅުގެ ކަންކަން ކުރަން ބޭނުންވަނީ އަމިއްލަ މަސައްކަތުން ހޯދާ ފައިސާއިންކަމަށެވެ.

ސާއިދުގެ ހިތްދަތި ދިރިއުޅުމުގެ ބަނަ ދުވަސްތަކުގައި އޭނާއަކީ ވަރަށް ގިނަ ގޮންޖެހުންތަކާއި ކުރިމަތިވެފައިވާ ޒުވާނެކެވެ. މާޔޫސްވާ އެތައް އެތައް ކަމެއް ދިމާވެ އެކަންކަމާއި ހިތްވަރާއިއެކު ކުރިމަތިލައި ވަކި އަމާޒެއްގައި މަސައްކަތް ކުރާ ޒުވާނެކެވެ. ސާއިދު އެދެނީ އޭނާ ދެކެމުންދާ ހިތްދަތި ދުވަސްތަކާއި ވަގުުތުތައް އެހެން މީހަކަށް ކުރިމަތި ނުވުމެވެ. ޚަބަރު އޮންލައިނުންވެސް އެދެނީ ސާއިދުއަށް ހެޔޮގޮތް މިންވަރު ކުރުމެވެ.
ސާއިދަށް މިވަގުތު ބޭނުންވާ އެހީތެރިކަން ފޯރުކޮށް ދެއްވަން ބޭނުންވާ ފަރާތްތަކުން އޭނާގެ މޮބައިލް ނަމްބަރަކީ 7998981 އަށް ގުޅައިގެން ކުރިއަށް ގެންދެވޭނެއެވެ.
ކޮމެންޓު ފޮނުވާ