ރާއްޖޭގެ ކަނޑުގެ ސަރަހައްދުން އަތުލައިގަންނަ ބޭރުގެ މަސްބޯޓުތަކާއި އުޅަދުތައް ހުއްޓުމުގައި އަބަދުވެސް މަސްވެރިން ބޮޑު ދައުރެއް އަދާކުރާއިރު، މިކަމުގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބަލައްހައްޓާ ސިފައިން ދައުރާއިމެދު މެދު ސުވާލު އުފެއްދުމުން އެކަމުގެ ތަފްސީލް ދެއްވައިފިއެވެ.
ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ޤަވާއިދާއި ޚިލާފަށް އުޅުނު އުޅަދެއް މަސްވެރިންނަށް ފެނިގެން ސިފައިންގެ ބެލުމުދަށަށް ގެންދިޔަކަން އެމްއެންޑީއެފް މީޑީޔާގައި ޖެހުމުން ނޫސްވެރިޔަކު ވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލުމުގައި ސިފައިންގެ ކޯސްޓް ގާޑުތަކާއި، ހެލިކޮޕްޓަރާއި އެނޫން އުޅަދުތަކުގެ ދައުރަކީ ކޮބައިތޯ ސުވާލުކޮށްފައެވެ. އަދި ސިފައިންނަށްވުރެ ގިނައިން މިފަދަ އުޅަދުތައް މަސްވެރިން އަތުލައިގަންނަ ނިސްބަތް އިތުރުވާކަމަށްވެސް ނޫސްވެރިޔާ ވަނީ ބުނެފައެވެ.
މިކަމާއި ގުޅިގެން އެމްއެންޑީއެފްއިން ވަނީ ރާއްޖޭގެ އިޤްތިޞާދީ ސަރަޙައްދު ބެލެހެއްޓުމަށްޓަކައި އެމްއެންޑީއެފް ކޯސްޓްގާޑުން ކުރެވެމުންދާ މަސައްކަތުގެ ތަފްސީލް ހާމަކުރައްވާފައެވެ.
އެގޮތުން ރާއްޖޭގެ ކަނޑުގެ ސަރަޙައްދުތައް ބެލެހެއްޓުމަށްޓަކައި ޑޯނިއަރ މަތިންދާ ބޯޓާއި ހެލިކޮޕްޓަރ އަދި އިންޑިއާ ނޭވީ އާއި އިންޑިއާ ކޯސްޓްގާޑްގެ އުޅަނދުފަހަރުގައި ރާއްޖޭގެ ކޯސްޓްގާޑުން ކުރިއަށް ގެންދެވުނު ޕެޓްރޯލްތަކުގައި 287578 އަކަ ނޯޓިކަލް މޭލުގެ ސަރަޙައްދެއް 2020 ވަނަ އަހަރު ބަލާފައިވާކަމަށް އެެމްއެންޑީއެފައިން ބުނެއެވެ. އަދި 2020 ވަނަ އަހަރު ގަވާއިދާޚިލާފަށް ރާއްޖޭގެ ސަރަޙައްދަށް ވަދެ އުޅުނު މަސްވެރިކަންކުރާ ބޭރުގެ 12 އުޅަނދެއް ވަނީ ކޯސްޓްގާޑްގެ ބެލުމުގެ ދަށަށް ގެނެވިފައިކަމަށެވެ.
އެމްއެންޑީއެފްއިން ބުނެފައިވަނީ 2021 ވަނަ އަހަރުގެ މިހާތަނަށް ކުރެވުނު ޕެޓްރޯލްތަކުގައި 44655 އަކަ ނޯޓިކަލް މޭލުގެ ސަރަޙައްދެއް ވަނީ ބެލިފައިވާކަމަށެވެ. ގަވާއިދާ ޚިލާފަށް ރާއްޖޭގެ ސަރަޙައްދަށް ވަދެ އުޅުނު މަސްވެރިކަންކުރާ ބޭރުގެ 03 އުޅަނދެއް މިއަހަރު މިހާތަނަށް ކޯސްޓްގާޑްގެ ބެލުމުގެ ދަށަށް ވަނީ ގެނެވިފައިވާކަމަށާއި، މީގެ ތެރެއިން ބައެއް އުޅަނދުފަހަރު ކޯސްޓްގާޑްގެ ބެލުމުގެ ދަށަށް ގެނައުމުގައި ރާއްޖޭގެ މަސްވެރިންގެ އެހީތެރިކަން ލިބިފައިވާކަން އެމްއެންޑީއެފްއިން ވަނީ ފާހަގަކޮށްފައެވެ.
ކޮމެންޓު ފޮނުވާ