ކައުންސިލް އިންތިޚާބާއި ދިމާކޮށް ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީން ރާއްޖޭގެ އެކި ރަށްރަށަށް ވަމުންދާއިރު، ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށާއި، މަޖިލިސް ކާމިޔާބް ކުރުމަށް ވެފައިވާ ވައުދުތައް އަދި ހުރީ ޕާކް ކޮށްފައިކަމަށް ކުރީގެ ނާއިބް ރައީސް ޑރ.މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.
ކައުންސިލް އިންތިޚާބާއި ދިމާކޮށް ސަރުކާރުގެ ހިންގުން ހަލުވިކޮށް، ރަށްރަށް ވަމުންދާ ވައުދުތައް އިތުރުވަމުންދާތީ އެކަމާއި ގުޅިގެން ޑރ.ޖަމީލް ވިދާޅުވީ ކޮންމެ އިންތިޚާބަޔާއި ދިމާކޮށް އެމްޑީޕީން މަތިމައްޗަށް ވައުދު ވަމުންދާކަމަށެވެ. ނަމަވެސް ފެންނަން އޮތް ހަގީގަކީ ރިޔާސީ އިންތިޚާބުގައިވެސް އަދި ނިމިދޔަ މަޖިލިސް އިންތިޚާބުގައިވެސް އެމްޑީޕީން ރައްޔިތުންނަށްވީ ވައުދުތައް ނުފުއްދި ވާކަމަށެވެ.
ރައްޔިތުން މިއަދު ބޭނުންވަނީ ހުސްވައުދުވެ ހުސް ވާހަކަ އަޑު އެހުމަށް ނޫންކަމަށާއި، ރައްޔިތުންގެ ޖީބުތައް ތަނަވަސްވެ ރަށްތަކަށް ތަރައްޤީ ގެނައުންކަމަށެވެ. ކައުންސިލް އިންތިޚާބާއި ދިމާކޮށް އައްޑޫ ސިޓީއަށް އެމްޑީޕީ ބޮޑެތި ޕްރޮޖެކްޓްތައް ފަށާނެކަމަށް ދައްކަމުންދާ ވާހަތަކާއި ގުޅިގެން ޑރ.ޖަމީލް ވިދާޅުވީ ކޮންމެ އިންތިޚާބެއައިވެސް އެމްޑީޕީން ކުލަ ހުވަފެން އެންމެ ބޮޑަށް ދައްކަނީ އައްޑޫ ރައްޔިތުންނަށްކަމަށެވެ. އައްޑޫއަކީ އަބަދުވެސް އެމްޑީޕީން ވޯޓު ބޭނުންވާ ރަށެއްކަމަށާއި، ސިޔާސީ ބާރުވެރި މަޤާމެއް އައްޑޫ ރައްޔިތަކަށް ދިނުމަކީ އެމްޑީޕީން ގަބޫލު ކުރާ ސިޔާސަތެއް ނޫންކަމަށެވެ.
ކޮންމެ ކެމްޕެއިނެއް ބޯމަތިވުމުން އެމްޑީޕީން އަތޮޅުތެރެއަށް ޕްރޮޖެޓްތައް ގޯނިގޯނީގައި ގެންދޭ. ރިޔާސީ އަދި މަޖިލިސް ވަޢުދުތައް ހުރީ ޕާކްކޮށްފައި. ކައުންސިލް ވޯޓަށް އައްޑޫއަށް ބަރާކޮށްފައި އޮތްއިރު، މަޖިލީހުގެ ރައީސް ނޫނީ ނައިބު ރައީސްކަން އައްޑޫ ބޭފުޅަކަށް ދޭން ކަމަކު ނުދިޔަ. މަޖިލިސް ލިބުމުންވެސް ބަރާވީ ބޮޑުންގެ ޖީބު. ރައްޔިތު މީހާ ކަންމަތީ ފިހާރައިގައި އަދިވެސް ސަލާންޖަހަނީ. ހުރިހާ ކަމެއް މިސްރާބުން ނެއްޓިފައި.
– ޑރ.ޖަމީލް ވިދާޅުވިއެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި ދިމާކޮށް ސަރުކާރު ހިންގާ އެމްޑީޕީން ދަނީ އެކި ރަށްތަކަށް ބޮޑެތި ވައުދުތައް ވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާއާއި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވަނީ މި އިންތިޚާބު އެމްޑީޕީން ކާމިޔާބު ކުރާނީ ބޮޑު ތަފާތަކުން ވަރަށް ފަސޭހަ ކަމާއިއެކުގައި ކަމަށެވެ.
ކޮމެންޓު ފޮނުވާ