ކުރިއަށް އޮތް ދެތިން ދުވަސް ތެރޭގައި ވިސާ ޓޯކެން ސިސްޓެމްގެ ސަބަބުން ދިމާވާ ދަތިތައް ހައްލު ކުރެވޭނެކަމަށް ރާއްޖޭގައި ހުންނަ އިންޑިޔާގެ ހައިކޮމިޝަނުން ބުނެފިއެވެ.
ބޭސްފަރުވާއަށް އިންޑިޔާއަށްދާ ފަރާތްތަކުން ވިސާޖެހުމަށް ދިގުކިއުތަކެއް ހަދަންޖެހޭތީ އެކަމާއި ގުޅިގެން އެމްބަސީން ބުނެފައިވަނީ ވިސާއަށް ފޯމް ހުށައަޅުއްވާ ފަރާތްތަކަށް ޓޯކެން ސިސްޓެމްގެ ސަބަބުން ދިމާވެފައިވާ ދަތިތަށް ހައި ކޮމިޝަންއަށް ފާހަގަކުރެވިފައިވާކަމަށެވެ. އަދި މެޑިކަލް ވިސާއަށް ފޯމް ހުށައަޅުއްވާ ފަރާތްތަކަށް ޓޯކެން ސިސްޓަމް ސްޓްރީމްލައިންކޮށް ވިސާ ޓޯކެން ސިސްޓެމްގެ ސަބަބުން ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް މަސައްކަތްކުރެވެމުން ދާކަމަށެވެ. އަދި ކުރިއަށް އޮތް ދެތިން ދުވަސް ތެރޭގައި ހައްލެއް ލިބިގެންދާނެ ކަމަށް އެމްބަސީން ބުނެއެވެ.
ކޯވިޑް-19 ބަލިމަޑުކަން ދުނިޔޭގައި ފެތުރެން ފެށުނު ހިސާބުން އިންޑިއާގެ ބޯޑަރުތައް ވަނީ ބަންދުކުރެވިފައެވެ. ނަމަވެސް އިންޑިއާ އާއި ދިވެހިރާއްޖޭގެ މެދުގައިވާ ޒަމާންވީ ގާތް ގުޅުމުގެ ސަބަބުން ޖޫން 2020 އިން ފެށިގެން ދިވެހިންނަށް އިންޑިއާއަށް ބޭސް ފަރުވާއަށް ދިއުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. އަދި މިހާތަނަށް 5000 މެޑިކަލް ވިސާ ދޫކުރެވިފައިވާ އިރު 2021 ގައި އެކަނިވެސް 2000 މެޑިކަލް ވިސާ ވަނީ ދޫކުރެވިފައެވެ.
ވިސާއަށް ފޯމް ހުށައަޅުއްވާ ފަރާތްތަކަށް ކުރިމަތިވެފައިވާ ދަތިތަކާއިމެދު ހިތާމަކުރާހާލު، ވީ އެންމެއަވަހަކަށް މި މައްސަލައަށް ސްޓްރީމްލައިން ހައްލެއް ފޯރުކޮށްދެވޭނެކަމުގެ ޔަގީންކަން ކޮމިޝަނުން ވަނީ ދީފައެވެ.
ކޮމެންޓު ފޮނުވާ