ޓެކްސީ ޑްރައިވަރު ޤާސިމް ޙަސަން މަރާލި މައްސަލައިގައި ދައުލަތުން ދައުވާކުރާ އަދުހަމް މުހައްމަދު އެނާގެ ކުށަށް އަނެއްކާވެސް އިއުތިރާފުވާން ބޭނުންވާކަމަށް ބުނެފިއެވެ.
ތޫނު އެއްޗަކުން ހަމަލާދީ ގާސިމް މަރާލި މައްސަލާގައި ބޭއްވި ފުރަތަމަ ޝަރީއަތުގެ މަޖލީހުގައި އަދުހަމްވަނީ އޭނާގެ ކުށަށް އިއުތިރާފުވެފައެވެ. އޭރު އޭނާ ކުށަށް އިއުތިރާފުވީ އަދަބެއް ލުއި ލިބޭގޮތަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހާއި އެކު ހަދާފައިވާ އިއުތިރާފު އެއްބަސްވުމުގެ ދަށުންނެވެ.
މިއަދުގެ އަޑުއެހުމުގައި ޝަރީއަތުގެ އަޑުއެހުންތައް ފަށައި، ދައުލަތުން ދައުވާ އިއްވުމާ އެކު، އަދުހަމް ބުނީ ތަހުގީގަށާއި ކޯޓަށް ބަޔާނެއް ކުރިން ދީފައިވާނެ ކަމަށާއި އެކަން ހިނގި ގޮތް އޭނާ އެ ބަޔާނުގައި ކިޔައިދީފައިވާނެ ކަމަށެވެ. ފަހުން އެކަމަށް އިންކާރުކުރީ އޭނާއާ ޖަލުގައި ތިބި ގައިދީން އޭނާ އަށް ބިރު ދައްކައިގެން މަޖުބޫރު ކުރުވުމުން ކަމަށާއި މިހާރު އެކަމަށް އެއްބަސްވަނީ ޖަލުގައި އެއްވެސް ނުރައްކަލެއް ނެތުމުން ކަމަށް އަދުހަމް ބުންޏެވެ.
މިވާހަކަތަކަށް ރައްދުދެއްވަމުން ދައުލަތުގެ ވަކީލް ވިދާޅުވީ ކުށަށް އިއުތިރާފުވުމަށް ހެދި އެއްބަސްވުމުގައި އެ އެއްބަސްވުމާއި ހިލާފުވެއްޖެނަމަ ލުއިތައް ނުލިބޭނެކަން އަދުހަމަށް އަންގާފައިވާނޭކަމަށެވެ. އެހެންކަމުން ކުށަށް ވީ އިއުތިރާފު އަނބުރާ ގެންގޮސްފައިވަތީ ޝަރީއަތް ކުރިޔަށް ގެންދިޔުމަށް ދައުލަތުގެ ވަކީލްވަނީ އެދިވަޑައިގެންފައެވެ.
އޭނާ ބުނިގޮތުގައި، ގާސިމަށް ހަމަލާދިނީ އޭނާ މަރައިލަން ކަމަށް ދައުލަތުން ބުންޏަސް، އެފަދަ އެއްވެސް ނިޔަތެއް ނެތެވެ. އޭނާ އުޅުނީ ގާސިމް އަތުން ފޭރެން ކަމަށާއި އެވަގުތު އޭނާ ހުރީ މަސްތުވެގެން ކަމަށް ވެފައި އަދި ގާސިމް އޭނާގެ ކިބައިން ސަލާމަތްވާން އުޅުމުގެ ތެރޭގައި ގާސިމްގެ ކަރަށް ވަޅި ހެރުނީ ކަމަށް އަދުހަމް ބުންޏެވެ.
ކުށަށް އެއްބަސްވާން ފުލުހުން ބިރު ދެއްކި ކަަމަށް އަދުހަމް ކުރިން ބުނެފައިވަނީ ކީއްވެގެންތޯ ގާޒީ ސުވާލު ކުރެއްވުމުން އޭނާ ބުނީ އޭރު އެގޮތަށް ބުނީ އޭނާއާ އެއް ގޮޅީގައި ތިބި މީހުން އެގޮތަށް ވިސްނައި ދިނުމުން ކަމަށެވެ. ބިރުދެއްކުން ފަދަ އެއްވެސް ކަމެއް ފުލުހުން ނުކުރާ ކަމަށާއި އެކަމަކު އެހެން މީހުންނަށް ނުލިބޭ ފަދަ ބައެއް ޚިދުމަތްތައް ފުލުހުންގެ ބެލުމުގެ ދަށުން އޭނާ އަށް ލިބުނު ކަމަށް އަދުހަމް ބުންޏެވެ.
ހަމަލާދިނީ މަރައިލުމުގެ ގަސްދުުގައި ނޫން ކަމަށް އަދުހަމް ބުނުމުން، ވަޅިއަކީ މީހަކު މަރާލެވޭ ފަދަ ހަތިޔާރެއް ކަން އެނގޭތޯ ގާޒީ ސުވާލު ކުރެއްވި އެވެ. އަދުހަމް ބުނީ އޭނާ މަސްތުވެގެން ހުރުމުން އެކަން އޭރު ނޭނގޭ ކަމަށެވެ. މަސްތުވީ މީހަކު މަޖުބޫރު ކޮށްގެން ތޯ ގާޒީ ސުވާލު ކުރެއްވުމުން އަދުހަމް ބުނީ މަސްތުވީ އަމިއްލައަށް ބޭނުންވެގެން ކަމަށެވެ.
މިމައްސަލާގައި ދެން އޮންނަ އަޑު އެހުމެއްގައި ހެކިބަސް ނެގުމަށް ޤާޒީ ވަނީ ނިންމަވާފައެވެ.
ކޮމެންޓު ފޮނުވާ