ގުޅުން ހަރުދަނާ ކުރުމަށް ދެ ޤައުމުގެ ޚާރިޖީ ވަޒީރުންނާއި މަޝްވަރާ ކުރައްވައިފި

ގުޅުން ހަރުދަނާ ކުރުމަށް ދެ ޤައުމުގެ ޚާރިޖީ ވަޒީރުންނާއި މަޝްވަރާ ކުރައްވައިފި

Author
މުޙައްމަދު ޝަޒައިމް
25 ފެބްރުއަރީ 2021 11:03
0

މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބްދުﷲ ޝާހިދު، މިސްރުގެ ޚާރިޖީ ވަޒީރު ސާމިޙް ޝުކްރީ އަދި ގްރެނާޑާގެ ޚާރިޖީ ވަޒީރު އޮލިވަރ ޖޯސެފް އާ ވަކިވަކިން ފޯނުން ގުޅުއްވާ ވާހަކަފުޅު ދައްކަވައިފިއެވެ.

މިސްރުގެ ޚާރިޖީ ވަޒީރު ސާމިޙް ޝުކްރީއާއި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޝާހިދުވަނީ ދިވެހިރާއްޖެއާއި މިސްރާއި އޮތް ޒަމާންވީ ގުޅުން ފާހަގަކުރައްވާ، ބައިނަލްއަޤްވާމީ މަސްރަހުގެ އެކިއެކި ކަންކަމާއި ބެހޭގޮތުން މަޝްވަރާކޮށް ވާހަކަފުޅު ދައްކަވާފައެވެ. ދެގައުމުގެ ޚާރިޖީ ވަޒީރުންވެސްވަނީ ކޯވިޑް-19 ގެ ސަބަބުން ދެ ގައުމަށް ދިމާވި ދަތިތަކާއި ބަލިމަޑުކަމުން އަރައިގަތުމަށް ދެގައުމުން ކުރެވުނު އަދި ކުރެވެމުންދާ ކަންކަމަށް އަލިއަޅުވާލައްވައި ވާހަކަފުޅު ދައްކަވާފައެވެ.

ބައިނަލްއަޤްވާމީ މަސްރަހުގައި މިސްރުން ދިވެހިރާއްޖެއަށް ދެއްވާ އެހީއާއި އެއްބާރުލުން ފާހަގަކުރައްވާ މިނިސްޓަރު ޝާހިދުވަނީ މިސްރުގެ ޚާރިޖީ ވަޒީރަށް ޝުކުރު ދަންނަވާފައެވެ. މީގެ އިތުރުން ދެޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމާ ބެހޭ ގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.

ގްރެނާޑާގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް، އިންޓަނޭޝަނަލް ބިޒްނަސް އަދި ކެރިބިއަން ކޮމިއުނިޓީ (ކެރިކޮމް) އެފެއާޒް، އޮލިވަރ ޖޯސެފްއާއި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޝާހިދުވަނީ ކޯވިޑް-19ގެ ސަބަބުން ދެގައުމަށް ކުރިމަތިވި ދަތިތަކަށް އަލިއަޅުވާލައި އެބަލިމަޑުކަމުން އަރައިގަތުމަށް ކުރެވެމުންދާ މަސައްކަތްތަކާއި ބެހޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ. އަދި ދިވެހިރާއްޖެއާއި ގްރެނެޑާއަކީ ކުރިއަރަމުންދާ ކުދި ޖަޒީރާ ދެގައުމުކަން ފާހަގަކުރައްވާ މިނިސްޓަރު ޝާހިދުވަނީ ކޯވިޑް-19ގެ އަރައިގަތުމުގައި ހުރި ދަތިތަކާއި ބެހޭގޮތުންވެސް ވާހަކަފުޅު ދައްކަވާފައެވެ.

ދެޤައުމުގެ ދެެމެދުގައި އޮތް ގާތްގުޅުން އިތުރަށް ހަރުދަނާކޮށް، ބައިނަލްއަޤްވާމީ މުޖްތަމައުގައި ދެޤައުމު ގުޅިގެން މަސައްކަތްކުރެވިދާނެ ދާއިރާތަކާ ބެހޭ ގޮތުންވެސް ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. މިގޮތުން ފަތުރުވެރިކަމުގެ ދާއިރާއިން ގުޅިގެން މަސައްކަތްކުރުމުގެ އިތުރުން ކުދި ޖަޒީރާ ޤައުމުތަކަށް ދިމާވާ މައްސަލަތަކަށް ހައްލު ހޯދުމަށް ދެޤައުމު ގުޅިގެން މަސައްކަތްކުރުމާ ބެހޭ ގޮތުންވެސް ދެ ވަޒީރުން މަޝްވަރާކުރެއްވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.