ތ.ވޭމަންޑޫ އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން ބެކަޕް ޖަނަރޭޓަރު މިރޭ މާލެއިން ގެންދިއުމުގެ މަސައްކަތް ފެށޭނެކަމަށް ފެނަކަ ކޯޕަރޭޝަންގެ މޭނޭޖަރު އަހުމަދު ސައީދު ވިދާޅުވެއްޖެއެވެ.
މާލެއިން ވޭމަންޑޫއަށް ގެންދަނީ 600 ކިލޯ ވޯޓުގެ ޖަނަރޭޓަރަކާއި، 450 ކިލޯ ވޯޓުގެ ޖަނަރޭޓަރެވެ. ޖަނަރޭޓަރު ގެންދިއުމުގެ މަސައްކަތް ކުރަމުންދާއިރު އިންޖީނުގޭގައި އަލިފާނުގެ ހާދިސާއާއި ގުޅިގެން އެއްވެސް އިންޖީނެއްގެ މަސައްކަތް މަރާމާތު ކޮށްގެންވެސް ބޭނުންކުރެވޭތޯ ހުއްޓުމެއްނެތި މިހާރުވެސް މަސައްކަތް ކުރެވެމުންދާކަމަށް އެރަށުގައި މިވަގުތު ހުންނެވި ފެނަކައިގެ އެމްޑީ ސައީދު ވިދާޅުވިއެވެ.
މިހާދިސާ ހިނގި ވަގުތުން ފެށިގެން ކަންކަން ހިނގައިދިޔަ ގޮތާއި، ހާދިސާގައި ލިބުނު ގެއްލުން ވަރަށް ކައިރިން ރައީސުލްޖުމްހރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ބައްލަވަމުން ދާކަމަށާއި، އެމަނިކުފާނު ވަނީ މިކަމުގައި ރައްޔިތުންނަށް ދިމާވެފައިވާ މާޔޫސްކަމަށް ވީހާވެސް އަވަހަކަށް ހައްލު ގެނައުމަށް ކުރަންޖެހޭ މަސައްކަތް ކުރެއްވުމަށް ދަންވާފައިކަމަށެވެ.
މި ހައްސާސް ދަނޑިވަޅުގައި ވޭމަންޑޫ ރައްޔިތުންގެ ފަރާތުން ފެނިގެންދާ ކެތްތެރިކަމާއި އެއްބާރުލުމަށް ފެނަކަ އެމްޑީ ވަނީ ޝުކުރު އަދާކުރައްވާފައެވެ. ވޭމަންޑޫއަކީ އަތޮޅުގެ ވެރިކަން ކުރާރަށެވެ. ތ.ވޭމަންޑޫ އިންޖީނުގޭގައި މިއަދު އަލިފަންރޯވެ ހިނގި ހާދިސާގައި އިންޖީނުގެ ބޭނުން ނުކުރެވޭ ވަރަށް އަދާފައިވާކަމަށް ފެނަކައިންވެސް ވަނީ ބުނެފައެވެ.
ފެނަކައިން ކުރި ޓްވީޓުގައި ބުނެފައިވަނީ ތ. ވޭމަންޑޫ އިންޖީނުގޭގައި ކުއްލިގޮތަކަށް އަލިފާނުގެ ހާދިސާއެެއް ހިނގައި، ބޭނުންނުކުރެވޭވަރަށް އިންޖީނުތައް އެނދުމާގުޅިގެން އެރަށުގެ ކަރަންޓުގެ ޚިދުމަތް ވަނީ ވަގުތީގޮތުން މެދުކެނޑިފައިކަމަށެވެ. މިހިތާމަވެރި ހާދިސާއާ ގުޅިގެން ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކަށް ފެނައިކައިން ވަނީ މަޢާފަށް އެދިފައެވެ. އަދި ކަރަންޓުގެ ޚިދުމަތް ވީއެންމެ އަވަހަށް އިއާދަކުރުމަށްޓަކައި މަސައްކަތް ކުރަމުންދާކަމުގެ ޔަޤީންކަން ވެސް ފެނަކައިން ވަނީ ދީފައެވެ.
މިހާދިސާގައި ގުޅިގެން ފެނައިގެ އެމްޑީ ސައީދު ހިމެނޭހެން އިސްޓީމެއް ވަނީ މިއަދު އެރަށަށް ގޮސްފައެވެ. ވޭމަންޑޫ އިންޖީނުގޭގައި ރޯވެ ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާއިރު، އަދި މި ހާދިސާ ހިނގާފައިވާ ގޮތުގެ ތަފްސީލެއް ލިބިފައެއް ނުވެއެވެ.
ކޮމެންޓު ފޮނުވާ