އައިންތުުގެ ކާރަށް ގެއްލުން ދިން މީހާ 21،600ރ. އިން ޖޫރިމަނާކޮށްފި

އައިންތުުގެ ކާރަށް ގެއްލުން ދިން މީހާ 21،600ރ. އިން ޖޫރިމަނާކޮށްފި

Author
މުޙައްމަދު ޝަޒައިމް
24 ފެބްރުއަރީ 2021 02:40
0

މާލޭގައި ޓެކްސީގެ ޚިދުމަތް ދެމުންއަންނަ އަންހެން ޑްރައިވަރު އައިމިނަތު ވަޙީދާގެ ކާރަށް ގެއްލުންދިން މައްސަލާގައި ކާރަށް ގެއްލުން ދިން މީހާ 21،000ރ. އިން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނީ އެމައްސަލާގައި ދައުވާ އުފުލާފައިވަނީ  ގ. އާފަތިސް، މުހައްމަދު ހަމްދޫން އަހުމަދުގެ މައްޗަށްކަމަށެވެ. އޭނާގެ މައްޗަށް އުފުލާފައިވަނީ ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ ދަށުން މުދަލަށް ގެއްލުންދިނުމުގެ ކުށުގެ ދަޢުވާއެވެ. އޭނާގެ މައްޗަށް ދަޢުވާކުރުމަށް ފޮނުވާފައިވަނީ ވަނީ މިދިޔަ އޮކްޓޫބަރު މަހުގެ ‎27 ވަނަ ދުވަހުގެ 02:06 ހާއިރު، ގދ.ވާދޫ، ހެޕީ، އާމިނަތު ވަހީދާ ޓެކްސީ ކުރުމަށް ‎ގެންގުޅޭ ކާރު އިއްޒުއްދީން މަގު، ‎ޑްރަގް ކޯޓް ކުރިމަތީގައި ޕާކް ކޮށްފައި އޮއްވާ، އެ ޓެކްސީގެ ކުރީ ‎ބިއްލޫރިގަނޑު (ވިންޑްސްކްރީން) އަށް ގައު އުކައި އެ ބިއްލޫރިގަނޑު ތަޅާލައި، އެ ކާރަށް ގެއްލުންދީފައިވާތީކަމަށް ބުނެއެވެ.

ކްރިމިނަލް ކޯޓުން އިއްޔެ ކުރި ހުކުމުގައިވަނީ ހަމްދޫން އެ ކުށަށް އެއްބަސްވެފައިވާތީ އޭނާގެ އިއުތިރާފުން އެ މައްސަލަ ސާބިތުވާ ކަމަށެވެ. އެ ކުށުގެ އަދަބެއްގެ ގޮތުން އޭނާ 21،600ރ. އިން ޖޫރިމަނާކޮށް، އަދި އެ ފައިސާ ތިން މަސް ތެރޭގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދައްކަން އަންގާ ކަމަށް ގާޒީ ހުސައިން ފާއިޒް ރަޝާދު އިއްވެވި އެ ހުކުމުގައި އަންގާފައިވެ އެވެ.

މާލޭގައި ޓެކްސީ ކުރަމުން އަންނަ ހަމައެކަނި އަންހެން ޑްރައިވަރު އައިމިނަތު ވަޙީދާގެ ކާރަށް އެތައް ފަހަރަކު ވަނީ ގެއްލުންދީފައެވެ. އޭނާ ވަނީ މިހާތަނަށް ފަސް ފަހަރެއްގެ މަތިން ކާރަށް ގެއްލުންދީފައިވާކަމަށް ބުނެފައެވެ. އައިމިނަތު ވަޙީދާގެ ކާރަށް އެންމެ ފަހުން ލިބުނު ގެއްލުންތަކާއި ގުޅިގެން ޔޫތު މިނިސްޓަރ އަޙްމަދު މަޚްލޫފް ވަނީ އޭނާއަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.

އައިންތުގެ ކާރަށް ގެއްލުންދިން މައްސަލާގައި މީގެ ކުރިން ދެމީހަކު ފުލުހުން ހައްޔަރުކޮށް ކޯޓުން ބަންދުގެ މުއްދަތު އިތުރުވެސް ކޮށްފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.