ލޯކަލް ކައުންސިލް އިންތިހާބުގައި ޕީޕީއެމްގެ ފަރާތުން ތ. ކަނޑޫދޫ ކައުންސިލްގެ ގޮނޑިއަކަށް ވާދަ ކުރައްވާ ކެންޑިޑޭޓެއްގެ ކެންޑިޑެސީ ބާތިލް ކުރީ ގާނޫނާ ހިލާފަށް ކަނޑައަޅައި، އޭނާ އަށް އިންތިހާބުގައި ބައިވެރިވެވޭ ގޮތަށް ސުޕްރީމް ކޯޓުން މިއަދު އަމުރުކޮށްފިއެވެ.
ކަނޑޫދޫ ކައުންސިލަށް ވާދަ ކުރައްވާ ޕީޕީއެމްގެ ކެންޑިޑޭޓު ހަސަން މޫސާގެ ކެންޑިޑެސީ އިލެކްޝަންސް ކޮމިޝަނުން މިދިޔަ މަހު ބާތިލްކުރީ ސާބިތު ދަރަންޏެއް އޮވެ، ހުކުމާ އެއްގޮތަށް ފައިސާ ނުދައްކާތީ ކަމަށް ބުނެއެވެ. އޭނާގެ ކެންޑިޑެސީ ބާތިލް ކުރުމުން އެ ގޮނޑިއަށް ވާދަކުރި އެމްޑީޕީގެ ކެންޑިޑޭޓް ހޮވުނު ކަމަށް އޮތީ އިއުލާންކޮށްފައެވެ.
ސުޕްރީމް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ހުކުމް އިއްވަވަމުން އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ވިދާޅުވީ ހަސަން މޫސާގެ ކެންޑިޑެސީ ބާތިލްކުރީ އޭނާގެ ކެންޑިޑެސީ ބަލައިގަތް ކަން އެންގުމަށް ފަހު ކަމަށްވާ އިރު، އިންތިހާބަށް ކުރިމަތިލާތާ 48 ގަޑިއިރުގެ ތެރޭގައި ކެންޑިޑެސީ ބަލައިގަތުމާ މެދު ގޮތެއް ނިންމަން ޖެހޭނެ ކަމަށް އިންތިހާބުތަކާ ބެހޭ ގާނޫނުގައި ބުނެފައިވާ ކަމަށެވެ.
އެ މުއްދަތު ހަމަވުމަށް ފަހު މީހެއްގެ ކެންޑިޑެސީ އިލެކްޝަންސް ކޮމިޝަނަށް އަމިއްލައަށް ބާތިލް ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.