މާލޭގައި މިއުޒިކްު ކުޅޭ ހިތްފަސޭހަކޮށްލާ މަޖާކޮށްލާނެ މަރުކަޒުތަކެއް ޤާއިމްކުރުމަށް ގޮވާލާ މަޖިލީހަށް ހުށަހެޅި ގަރާރާއި ގުޅިގެން އިލްމުވެރިންގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ސިޓީއެއް ފޮނުވައިފިއެވެ.
ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ހުށަހަޅުއްވާފައިވާ ގަރާރެއްގައި މިއުޒިކް ކުޅުމާއި މަޖާކުރުމަށް ގޮވާލާ އެފަދަ މަރުކޒުތަކެއް ޤާއިމްކުރުމަށް ހިމަނާފައިވާތީ ވަރަށް ގިނަ ޢިލްމުވެރިން ވަނީ ކަނބޮޑުވުން ފާޅުކޮށްފައެވެ. އަދި މަޖިލީހާއި އެ ޤަރާރު ހުށައެޅުއްވި މެންބަރަށްވެސް ފާޑުކިއުން އަމާޒުވެފައިވެއެވެ.
ޢިލްމުވެރިންގެ ފަރާތުން ފަސް ޢިލްމުވެރިއަޔކު ސޮއިކުރައްވާ މަޖިލީހަށް ފޮނުއްވާފައިވާ ސިޓީގައި މުސްލިމް އުއްމަތެއްގެ ކަންކަން ހިންގާނެ ގޮތްތައް ކަނޑައެޅުމުގެ މަސްއޫލިއްޔަތާއި ހަވާލު ވެގެން ތިބޭ މީހުން ވާން ޖެހޭނީ އިސްލާމީ އުސޫލުތައް ދެމެހެއްޓުމުގެ ޒިންމާއާއި ވެސް ހަވާލުވެގެން ތިބޭ މީހުންނަށް ކަމަށެވެ. އެހެންކަމުން އެ ޒިންމާ އަދާކުރުމުގެ އެންމެ އިސްސަފުގައި ތިބެން ޖެހޭނީ މަޖިލިސް މެމްބަރުން ކަމަށް ބުނެފައިވެއެވެ. ކަންމިހެން އޮއްވައި ޒުވާނުން މަޖާކޮށް އެއްވެ ތިބެވޭނެ މަރުކަޒެއް ގާއިމުކުރަން މަޖިލީހަށް ހުށަހެޅި ގަރާރާއި ގުޅިގެން ބައެއް މެމްބަރުން ދެއްކި ވާހަކަތަކަކީ ކަންބޮޑުވާކަމެއްކަމަށް ބުނެފައިވެއެވެ.
އަދި އިސްލާމީ އުސޫލުތަކާއި މުޖުތަމުގައި އަހްލާގިއްޔަތު ފުނޑުފުނޑުވެ، ޒުވާނުންނަކީ ހަރުދަނާ ވިސްނުމެއްނެތި މުނިފޫހިފިލުމުގެ ނަމުގައި މަޖަލުގެ ތެރޭގައި ހިޔާލެއް ފިކުރެއް ނެތި ވިއްސިވިހާލި ވެގެންދާ ކުނިބުނިތަކެއް ފަދަ ބައެއް ކަމުގައި ވެގެންދިޔުމަކީ ގައުމަށް ހެވެއް އެދޭ އެއްވެސް ފަރާތަކުން ބޭނުންވާނެ ކަމެއްނޫންކަމަށްވެސް އެ ސިޓީގައިވެއެވެ.
އީލްމުވެރިންގެ އެސިޓީގައި އިސްލާމް ދީނުގެ ބޭރުން މުނިފޫހިފިލުވުމުގެ ނަމުގައި ގައުމުގައި ފާހިޝް ކަންކަން ފެތުރި، ބޮޑެތި މުންކަރާތްތަކަށް އަރައިގަތުމަށް ފުރުސަތު ލިބޭ ގޮތަށް މެމްބަރުން ދެއްކެވި ވާހަކައަކީ ކުށެއްކަމަށްވެސް ފާހަގަކޮށްފައިވެއެވެ.
މި ސިޓީގައި ސޮއި ކުރައްވާފައި ވަނީ ޑރ. މުހައްމަދު އިޔާޒާއި ޝެއިހް އަލީ ޒާހިރާއި، ޝެއިހް އަބްދުﷲ މުހައްމަދާއި، ޝެއިހް ނިމާލް މުހައްމަދުގެ އިތުރުން ޝެއިހް އިބްރާހިމް ފަރީދެވެ.
މާލޭގައި މަޖާކުރާނެ ތަންތަން ޤާއިމްކުރުމަށް ގޮވާލާ ޙަސަން ލަޠީފް ހުށައަޅުއްވާފައިވާ ގަރާރުގައި ވަނީ، ޒަމާނުއްސުރެ މާލެއަށް ދިމާވެފައިވާ އިޖްތިމާޢީ މައްސަލަތަކަކީ އެމައްސަލަތަކުން މުޅީން އަރައިގަތުމަށް އިންތިހާއަށް ދަތިވެފައިވާ މައްސަލަތަކެއްކަމަށެވެ. މާލޭގައި މިއޮތް ތޮއްޖެހުމާއި، ބޯހިޔާވަހިކަމުގެ ދަތިކަމާއި، މަގުތަކުގެ ކާރޫބާރު ބޮޑުކަމާއި، ވަޒީފާގެ ފުރުޞަތުތަކުގެ މަދުކަމުގެ މައްސަލަތަކެއްކަމަށާއި، ހާސްކަމެއްގެ ތެރޭގައި އުޅޭންޖެހިފައި ވާކަމަށްވެސް ގަރާރުގައިވެއެވެ.
މާލޭގެ މިހުރިހާ ކަމެއް މިމޭރުމުން ހިނގަމުންދާއިރުވެސް، އަދި ސަރުކާރުން މިއެންމެހައި ކަންކަމަށް ގޮތްތަކެއް ހޯދައިދިނުމަށް ކެނޑިނޭޅި މަސައްކަތް ކުރަމުން އަންނައިރުވެސް، ހާސްކަމުގެ ތެރޭގައި މިމާލޭގައި އުޅެންޖެހިފައިވާ ޒުވާނުންނަށް ހާސްކަމުން އެކަހެރިވެލެވޭނޭ ގޮތްތަކެއް ހޯދަންޖެހިފައިވާކަމަށާއި، ޒުވާނުންނަށް މާލޭގައި އެއްވެ އުޅެވޭނޭ އެފަދަ ޚާއްޞަ ތަންތަނަށް އިންތިހާއަށް ބޭނުންވެފައިވާކަމަށްވެސް ޤަރާރުގައިވެއެވެ.
ޒުވާނުންނަށް ރައްޓެހިންނާއި އެކުވެރީންނާއެކު ހިނ، ސަމާސާކޮށް، މަޖާކޮށްލެވޭ ފަދަ މާހައުލެއްގައި މިޔުޒިކް އަޑުއަހާލައި ވަގުތު ހޭދަކޮށްލެވޭނޭ މަރުކަޒަކަށް މިވަނީ އިންތިހާއަށް ބޭނުންވެފައެވެ. ތަފާތު ވައްތަރުގެ މިޔުޒިކާއި ލަވަ އަޑުއަހަލާން ޒުވާނުންނަށް އެއްވެ އުޅެވޭނޭ ތަނެއްގެ މުހިއްމުކަން އިތުރުވެފައިވީ ހިނދު ދިވެހި ޒުވާނުންގެ ތެރޭގައި އާދަޔާޚިލާފު ކުޅަދާނަ ފަންނާނުން އެބަތިއްބެވެ. އަދި މިއުޒިކްގެ ހުނަރު ދަސްކުރާން ބޭނުން އެތައް ޒުވާނުންނެއްވެސް އެބަތިއްބެވެ.
ހެންކަމުން، މިއުޒިކް ރެކޯޑިންގް ސްޓޫޑިޔޯއާއި ބޭންޑް ޕްރެކްޓިސް ރޫމް ފަދަ ވަސީލަތްތައް އެމަރުކަޒުގައި ހުންނާން ޖެހޭކަމަށް ބުނެފައިވެއެވެ. ރަނގަޅު އަދަދެއްގެ އޯޑިއެންސްއަކަށް ޝޯ ދެވޭނެ އިންތިޒާމް އެމަރުކަޒުގައި ހަމަޖެހުން މުހިއްމުކަމަށާއި، ޒުވާނުންގެ ހުނަރު އާލާކޮށް، އިތުރަށް ކުރިއެރުވުމުގައި ދައުލަތުގެ ޒިންމާ ބޮޑުކަމަށްވެސް ޙަސަން ލަތީފްގެ ގަރާރުގައިވެއެވެ. އަދި ޒުވާނުންގެ އެ އާދަޔާޚިލާފު ހުނަރު ބޭނުންކުރުމުގެ ފުރުޞަތު ހޯދައިދިނުމަކީ ދައުލަތުގެ މަސްޢޫލިއްޔަތެއް ކަމުގައިވެސް އެ ޤަރާރުގައިވެއެވެ.