ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯއަށް ކަނޑައަޅާފައި ހުންނެވި އިޓަލީވިލާތުގެ ސަފީރު ލޫކާ އަޓަނާސިއޯ ދަތުރުކުރައްވަމުން ގެންދެވި ކޮންވޯއީއަކަށް އިއްޔެ ދިން ޙަމަލާގައި ސަފީރު އަވަހާރަވުމާ ގުޅިގެން، ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު އެޙަމަލާ ކުށްވެރިކުރައްވައިފިއެވެ.
މިނިސްޓަރ ޝާހިދު ވިދާޅުވީ ސަފީރު އަވަހާރަވި ޚަބަރު އެއްސެވީ ފުން ހިތާމަޔާ އެކުގައި ކަމަށާއި، ޑިޕްލޮމެޓިކް ކޮމިއުނިޓީއަށް އަމާޒުކޮށް ދިން މި ޓެރަރިސްޓް ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާކަމަށެވެ. އަދި ސަފީރުގެ އާއިލާއަށް ތައުޒިޔާ ވިދާޅުވިއެވެ.
Deeply saddened to learn of the tragic demise of Amb. Luca Attanasio in Democratic Republic of Congo. Strongly condemn this evil act of terrorism against the diplomatic community. Heartfelt condolences to the families of the Ambassador and other victims of the attack@luigidimaio
— Abdulla Shahid (@abdulla_shahid) February 22, 2021
ޑިމޮކްރަޓިކް ރިޕަބްލިކް އޮފް ކޮންގޯގެ އިރުމަތީ ސަރަހައްދުގައި ދަތުރުކުރަމުން ދިޔަ ޔޫއެންގެ ކޮންވޯއިއަށް ހަގުރާމަވެރިން ދިން ހަމަލާއެއްގައި އިޓަލީއިން އެގައުމަށް ކަޑައަޅާފައި ހުންނަ އެމްބެސެޑަރ މަރާލާފައިވަނީ، އެޤައުމުގެ ކަންޔަމަހޮރޯ ނަމަކިޔާ އަވަށުގެ ކައިރިން ދަތުރު ކޮށްފައި ދަނިކޮށް ހެދުނު ގަޑިން 10:15 ގައެވެ. އަދި ހަމަލާ ދިން މީހުން މަސައްކަތް ކޮށްފައިވަނީ މި ގާފިލާގައި ދަތުރުކުރަމުން ދިޔަ މީހުން ރަހީން ކުރުމަށް ކަމަށްވެސް މީޑައާތަކުން ރިޕޯޓު ކޮށްފައި ވެއެވެ.
“އިޓަލީގެ އެމްބެސެޑަރ ލޫކާ އަޓަނާސިއޯއާއި އަދި އޭނާއާއެކީ ދަތުރު ކުރަމުންދިޔަ މިލިޓަރީ ފުލުހަކު ވަނީ މަރާލާފައި،” އިޓަލީގެ ފޮރިންގ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައި ވެއެވެ.
މިހާތަނަށް އައިއިރު، މިހަލަގެ ފަހަތުގައި ތިބީ ކޮންބައެއް ކަމެއް ސާފުވެފައެއް ނުވެއެވެ. އަދި މިހަމަލާގެ ޒިންމާ އެއްވެސް ފަރާތަކުން އުފުލާފައެއް ނުވެއެވެ.
“ޑިމޮކްރަޓިކް ރިޕަބްލިކް އޮފް ކޮންގޯއަށް އިޓަލީން ކަޑައަޅާފައި ހުން ސަފީރު ލޫކާ އަޓަނާސިއޯއާއި އަދި އެކީގައި ދަތުރުކުރަމުން ދިޔަ މިލިޓަރީ ފުލުހަކު މަރުވެފައިވާ ކަން ވަރަށް ހިތާމައާއެކު ޔަގީން ކޮށްދެން،” އިޓަލީގެ ފޮރިންގ މިނިސްޓްރީން ނެރެފައިވާ ނޫސް ބަޔާނުގައި ވިދާޅުވެފައި ވެއެވެ.
“ސަފީރުއާއި އަދި ފުލުސް މީހާ ދަތުރު ކުރަމުން ދިޔައީ، ‘ދަ ޔުނައިޓެޑް ނޭޝަންސް އޯގަނިޒޭޝަން ސްޓޭބިލައިޒޭޝަން އިން ދަ ޑީމޮކްރަޓިކް ރިޕަބްލިކް އޮފް ކޮންގޯ’ (MONUSCO)ގެ ގާފިލާއެއްގައި ދަތުރުކުރަމުން ދިޔަ ކާރެއްގައި.” މި ބަޔާނުގައި ބުނެފައި ވެއެވެ.
އިޓަލީގެ ފޮރިންގ މިނިސްޓްރީގެ ވެބްސައިޓުގައި ވާގޮތުން، ލޫކާ އަޓަނާސިއޯއަކީ، 2017 ވަނަ އަހަރުން ފެށިގެން، ޑިމޮކްރަޓިކް ރިޕަބްލިކް އޮފް ކޮންގޯގައި ހުންނަ އިޓަލީގެ މިޝަންގެ އެންމެ އިސްވެރިއާގެ ގޮތުގައި ހުންނަވާ ބެފުޅާއެވެ. އަދި އޭނާއަކީ އިޓަލީން އެގައުމަށް ކަޑައަޅާފައި ހުންނަ ސަފީރުކަމުގައި ހަމަޖައްސަވާފައިވަނީ 2019 ވަނަ އަހަރުން ފެށިގެންނެވެ.
ރުވާންޑާ އަދި ޔޫގެންޑާގެ ބޯޑަރާ އިންވެގެން އޮންނަ، ޑިމޮކްރަޓިކް ރިޕަބްލިކް އޮފް ކޮންގޯގެ ވިރުންގާ ސްޓޭޓް ހިމެނޭ ސަރަހައްދަކީ ގިނައަދަދެއްގެ ހަގުރާމަވެރިން އަބަދުވެސް ހަރަކާތްތެރިވާ ސަރަހައްދެކެވެ.