ސިޔާސީ ވެރިންގެ ނުރައްކާތެރި ޕޮލިސީތައް ދިފާޢު ކުރާބަޔަކަށް ނުވުމަށް ދިވެހި ސިފައިންނަށް ކުރީގެ ނާއިބު ރައީސް ޑރ.މުޙައްމަދު ޖަމީލް އަޙްމަދު ގޮވާލައްވައިފިއެވެ.
ސިފައިންގެ ބެލުމުގެ ދަށުގައި އޮންނަ އުތުރު ތިލަފަޅު އިންޑިއާގެ އެހީގައި ތަރައްޤީކުރުމަށް ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރާއި ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުމުގައި އިންޑިއާ ސިފައިން އުތުރު ތިލަފަޅުގައި ތިބެވޭގޮތަށް އޮތްކަމަށް ބުނެ ސަރުކާރަށް ފާޑުކިއުން އަމާޒުވެފައިވަނިކޮށް ޑރ.ޖަމީލް ކުރެއްވި ޓްވީޓެއްގައިވަނީ ސިޔާސީ ވެރިންގެ ނުރައްކާތެރި ޕޮލިސީތައް ދިފާޢު ކުރާބަޔަކަށް ނުވުމަށް ގޮވާލައްވާފައެވެ. އަދި ޤަޢުމު ދިފާއުކުރަން ފުރާނައިން ޤުރުބާންވާން ކުރި ހުވާ ދަހައްޓަން ސިފައިންނަށް އިލްތިމާސްކުރެއްވިއެވެ.
ޑރ.ޖަމީލް ވަނީ މިއަދު އެމްޑީޕީ ވެރިކަމުގައި، ތިއްބަސް މާދަމާ ވެރިކަމުގައި ތިބޭނޭ އެހެން ބައެއްކަން ފާހަގަކުރައްވާ ސިފައިންނަކީ ޤައުމު ހިމާޔަތްކުރުމުގައި ތެދުވެރިވާންޖެހޭކަަމަށްވެސް ވިދާޅުވެފައެވެ.
ސިޔާސީ ވެރިންގެ ނުރައްކާތެރި ޕްލިސީތައް ދިފާޢު ކުރާބަޔަކަށް ނުވާން އެމްއެންޑީއެފްއަށް ގޮވާލަން. ޤަޢުމް ދިފާއުކުރަން ފުރާނައިން ޤުރުބާންވާން ކުރި ހުވާ ދަހައްޓަން އިލްތިމާސްކުރަން. މިއަދު އެމްޑީޕީ ވެރިކަމުގައި، މާދަމާ އެހެން ބައެއް. ޤައުމް ހިމާޔަތްކުރުމުގައި ތެދުވެރިވާންޖެހޭ.
– ކުރީގެ ނާއިބު ރައީސް ޑރ.މުޙައްމަދު ޖަމީލް އަޙްމަދު
އުތުރު ތިލަފަޅު ތަރައްޤީކުރުމަށް ރާއްޖެއިން އިންޑިއާއާއެކު އެކުލަވާލި އެއްބަސްވުމުގެ ދަށުން އިންޑިއާ ސިފައިންނަށް ދާއިމަށް ދިވެހިރާއްޖޭގައި ތިބެވޭނެކަމަށް ޚަބަރު އޮންލައިނަށް ވަނީ އެނގިފައެވެ. އެގޮތުން މި އެއްބަސްވުމުގެ ދަށުން އެ އުތުރު ތިލަފަޅު ތަރައްޤީކޮށް އޮޕަރޭޓް ކުރުމަށް ބޭނުންވާ އިންޑިއާގެ އަސްކަރިއްޔާގެ ފަންނީ މީހުން 15 އަހަރަށް އެތަނުގައި ގާއިމްވެ ތިބުމުގެ ހުއްދަ އެއްބަސްވުމުގެ ދަށުން ލިބިދޭކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.
މި އެއްބަސްވުމުގެ ނަމަކީ “ޑިވެލޮޕްމަންޓަ، ސަޕޯޓު، އެންޑް ދަ މައިންޓެނޭންސް އޮފް ދަ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް ހާބާ ސިފަވަރު އެޓް އުތުރުތިލަފަޅު” އެވެ. އެ އެއްބަސްވުމާިއ ގުޅިގެން ސަރުކާރަށް ބޮޑެތި ފާޑުކިއުންތަކެއް ދަނީ އަމާޒުވަމުންނެވެ.