އަދާލަތު ޕާޓީގެ އިސް ބައެއް ބޭފުޅުން ޖަލްސާއެއްގައި

ސިޔާސީ ޕާޓީތަކުގެ އެތެރޭގެ އިންތިޚާބުތައް، ޕާޓީތަކުގެ އަސްލު ސައިޒު ދައްކުވައިދޭ އިމްތިހާނު

ސިޔާސީ ޕާޓީތަކުގެ އެތެރޭގެ އިންތިޚާބުތައް، ޕާޓީތަކުގެ އަސްލު ސައިޒު ދައްކުވައިދޭ އިމްތިހާނު

Share on twitter
Share on linkedin
Share on whatsapp
Share on telegram
Share on email
Share on facebook
Share on email
Share on twitter
Share on linkedin
Share on whatsapp
Share on telegram
ގުޅުންހުރި

17 އަހަރުން އިސްލާހު ކުރެވުނު މަޝްހޫ ނޫ ގާނޫނު އަސާސީ މާޒީގެ ތެރެއަށް ދޫކޮށް، މަލްޓި ޕާޓީ ޑިމޮކްރަސީއަކަށް ދިވެހި ލޯހުޅުވާލަ ދިން އާގާނޫނު އަސާސީ ދިވެހިން ބަލައިގަތީ 2008 ވަނަ އަހަރުއެވެ. އަދި އެގާނޫނު އަސާސީން އަޅާދިން، ގިނަ ސިޔާސީ ޕާޓީތައް އެކުލެވޭ ނިޒާމުގެ ބިންގަލުގެ މަތީގައި ދިވެހިން ޑިމޮކްރަސީ އާރާސްތު ކުރަމުން އަންނަތާ 13 އަހަރު ފާއިތުވެގެން ދިޔައީއެވެ.

މަލްޓި ޕާޓީ ޑިމޮކްރަސީގައި ދިވެހިންނަށް ލިބިގެންދިޔަ އެންމެ ބޮޑު ކުރިއެރުމަކީ ސިޔާސީ ޕާޓީތައް ހަދާ، ޕާޓީ ނިޒާމުގެ ތެރެއިން މަސައްކަތް ކުރުމުގެ ފުރުސަތު ލިބިގެން ދިއުންކަމުގައި ނޫނީ ނުވާނެއެވެ. ސިޔާސީ ޕާޓިތައް ހަދާ، ޕާޓީ އޮނިގަޑުގެ ތެރެއިން ގައުމުގެ ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމަަށް މީހަކު އިންތިޚާބުކޮށް، އަދި އޭގެ އިތުރުން ރައްޔިތުންގެ މަޖިލިހާ އަދި ކައުންސިލްތައްވެސް އިންތިޚާބު ކުރެވިގެން ދާއިރު، ސިޔާސީ ޕާޓީތައްވެސް ދިރި ދެމި އޮތުމަށްޓަކާ ހަމަ މިބީދައިން ޕާޓީތަކުގެ އެތެރޭގައި އިންތިޚާބުތައް ބޭއްވިގެން ދެއެވެ.

އެހެންކަމުން، އިންތިޚާބަކީ ރިޔާސީ އިންތިޚާބު ކަމުގައި ވީނަމަވެސް، ރައްޔިތުންގެ މަޖިލިސް އިންތިޚާބު ކަމުގައި ވީނަމަވެސް، އަދި ކައުންސިލް އިންތިޚާބު ކަމުގައި ވިނަމަވެސް، މިއިން ކޮންމެ އިންތިޚާބެއްވެސް ވެގެންދަނީ، އިންތިޚާބުތަކުގައި ވާދަކުރާ ސިޔާސީ ޕާޓީތަކުގެ ހަގީގީ ސިޔާސީ ބުރަދަން ވަޒަން ކޮށްދޭ އިމްތިހާން ކަމުގައެވެ.

މިގޮތުން، ގައުމީ ނަޒަރެއްގައި، މިއިންތިޚާބުތަކުން އާންމު ރައްޔިތުންގެ މެދުގައި ސިޔާސީ ޕާޓީތަކަށް އޮންނަ ތާއީދު ހާމަވެގެން ދިޔަނަމަވެސް، ޕާޓީތަކުގެ އެތެރޭގެ ޑިމޮކްރަސީއާއި އަދި އަމިއްލަ ޒާތުގައި ޕާޓީގެ އާރާއި ބާރު ހަގީގަތުގައި ވަޒަންކުރެވެނީ ޕާޓީތަކުގެ އެތެރޭގެ އިންތިޚާބު ތަކުންނެވެ. އަދި ވަކީން ޚާއްސަކޮށް، މި އިންތިޚާބުތަކުގައި އޮންނަ ވާދަވެރިކަމާ، އިންތިޚާބުތަކުގައި ވަދާކުރާ މީހުންގެ އަދަދާއި އަދި ވޯޓުލާ މީހުންގެ އަދަދުންވެސް މެއެވެ.

ފަހަކަށް އައިސް ބޭއްވުނު ޕާޓިތަކުގެ އެތެރޭގެ އިންތިޚާބުތައް

ފާއިތިވެދިޔަ ހަތަރު ފަސް އަހަރެއްގެ ތެރޭގައި، ރާއްޖޭގައި އުފެދިފައިވާ ސިޔާސީ ޕާޓީތަކުގެ އެތެރޭގެ ގިނަ އިންތިޚާބުތަކެއް ބޭއްވިފައެއް ނުވެއެވެ. މީގެ އަހަރެއްހާ ދުވަސްކުރިން އެމްޑީޕީގެ ރައީސްކަމަށް ބޭފުޅަކު އިންތިޚާބު ކުރުމަށްޓަކާ އެޕާޓީގެ އެތެރޭގެ އިންތިޚާބު ބޭއްވުނެވެ. މިއިންތިޚާބުގައި އެޕާޓީގެ ރައީސްއާއި ނާއިބު ރައީސް އިންތިޚާބު ކުރެވުނެވެ.

އެޕާޓިގެ ލީޑަރޝިޕަށް ބޭފުޅުން އައްޔަން ކުރުމަށް ބޭއްވުނު މިއިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ 87,439 މެމްބަރުން ތިބިކަމަށް އޭރު އެޕާޓީން ހާމަކޮށްފައި ވެއެވެ. އެހެންނަމަވެސް ޕާޓީގެ ރައީސްކަމަށް ބޭފުޅަކު އިންތިޚާބު ކުރުމަށް ވޯޓުލީ މެމްބަރުންގެ އަދަކީ 23،584 އެވެ. ޕާޓީގެ މެމްބަރުން ތިބިކަމަށް އެޕާޓީން ބުނާ މެމްބަރުންގެ %27 އެވެ. އަދި ނަޝީދު އިންތިޚާބު ކާމިޔާބު ކޮށްފައިވަނީ، 23،369 ވޯޓު ހޯއްދަވައިގެން، %99 ގެ ބޮޑު އައުލަބިއްޔަތަކުންނެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި ވޯޓު ލަނީ

މުޅި ޕާޓީގެ މެމްބަރުންގެ ދަފްތަރުގައި ތިބި މެމްބަރުންގެ އަދަދަށް ބަލާއިރު، އެމްޑީޕީގެ މި އިންތިޚާބުގައި ވޯޓު ލާފައިވާ މީހުންގެ އަދަދަކީ ރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ އެތެރޭގެ އިންތިޚާބުތަކުގައި ވޯޓުލާ މީހުންގެ އަދަދުތަކަށް ބަލާއިރު މަދު އަދަދެއް ކަމުގައި ނުދެންނެވޭނެއެވެ. ވޯޓު ލުމުގެ އިންތިޒާމްތަކާ އަދި ލީ އުސޫލުތައް ކޮންމެ ގޮތަކަށް ބިނާވެފައި ހުރިކަމުގައިވި ނަމަވެސް، 23 ހާސް މެމްބަރުންގެ ވޯޓުން ޕާޓީގެ ރައީސްކަމަށް ބޭފުޅަކު ވަޑައިގެންނެވީމަ އެޕާޓީގެ ސިޔާސީ ހައިސިއްޔަތު ރާއްޖޭގެ މިއަދުގެ ސިޔާސީ މަސްރަހުގައި ކުޑަކަމުގައި ނުދެންނެވޭނެއެވެ.

އަދި ނަތީޖާއެއްގެ ގޮތުން، އޭގެފަހުން ބޭއްވިގެންދިޔަ ރިޔާސީ އިންތިޚާބުގައިވެސް އަދި، މަޖިލިސް އިންތިޚާބުގައިވެސް އެޕާޓީން ނަތީޖާ ދެއްކިތަން ފެނިގެން ދިޔައެވެ. އެޕާޓީގެ ރިޔާސީ ކެނޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް ވަޑައިގެންނެވީ ކޯލިޝަނެއްގެ ތެރެއިންކަމުގައިވި ނަމަވެސް، މަޖިލިސް އިންތިޚާބުގައި ގިނިކަންޏާ ނިކުމެ އެޕާޓީން ސުޕަރ މެޖޯރިޓީ ހޯދިއެވެ.

އެންމެ ފަހުން ބޭއްވިގެން ދިޔަ އަދާލަތު ޕާޓީގެ އެތެރޭގެ އިންތިޚާބު

އެތެރޭގެ އެއްވެސް އިންތިޚާބެއް ނުބައްވާ އެތައްދުވަހެއް ފާއިތުވެގެން ދިއުމަށްފަހު، އަދާލަތު ޕާޓީންވަނީ އެޕާޓީގެ ލީޑަރޝިޕްގެ އިންތިޚާބު ބާއްވާ، އެޕާޓީގެ ރައީސްކަމުގެ މަގާމަށް ބޭފުޅަކު އިންތިޚާބު ކޮށްފައެވެ. ފާއިތުވެދިޔަ 2 ދައުރުގައިވެސް އެޕާޓިގެ ރައިސްކަމުގެ މަގާމުގައި ހުންނެވި އިމްރާން އަބުދުﷲ 3 ވަނަ ދައުރަކަށް ކުރިމަތި ލައްވާ، އިންތިޚާބު ކާމިޔާބު ކުރެއްވީ 921 ވޯޓު ހޯއްދަވައިގެންނެވެ. މިއީ މުޅި އިންތިޚާބުގައި ވޯޓުލީ މީހުންގެ %84.65 ވޯޓެވެ. މިއިންތިޚާބުގައި ވޯޓު ލާފައިވާ މީހުންގެ ޖުމްލަ އަދަދަކީ 1088 މެމްބަރުންނެވެ. ޕާޓީގެ ދަފްތަރުގައި މިވަގުތު 6436 މެމްބަރުން ތިބިއިރު، މިއިންތިޚާބުގައި ވޯޓު ލީކަމަށް ދައްކަނީ ޕާޓިގައި ތިބިކަމަށް ދައްކާ މެމްބަރުންގެ %17 އެވެ.

ސިޔާސީ ބުރަދަން

ސިޔާސީ ގޮތުން، ކޮންމެ އިންތިޚާބެއްގައިވެސް ކޮންމެވެސް އެއް ކޯލިޝަނެއްގައި އަބަދުވެސް އެންމެ އަަޑުގަދަ އެއްޕާޓީއަކީ އަދާލަތު ޕާޓީއެވެ.

އާގާނޫނު އަސާސީއަށްފަހު އުފެދުނު އެމްޑީޕީގެ ފުރަތަމަ ސަރުކާރުގެވެސް ދީނީ ވުޒާރާ އެޕާޓިއަށް ލިބުނެވެ. ދުވަސްކޮޅަކަށްފަހު އެސަރުކާރާ ޚިޔާލުތަފާތުވެ ދުރަށް އެޕާޓީ ދިޔައެވެ. ދެން ވެރިކަމަށް ވަޑައިގެންނެވީ ދައުރުގެ މެދުތެރެއިން ރައީސް ވަހީދެވެ. އެ ސަރުކާރުގެވެސް އިސްލާމިކް މިނިސްޓްރީ އެޕާޓީއަށް ލިބުނެވެ. އެހެންނަމަވެސް، އެދައުރު ނިމި، އަލުން ޕީޕީއެމްގެ ވެރިކަމުގައިވެސް، އުފެދުނު ކޯލިޝަންގައި އަދާލަތު ޕާޓީ އޮތެވެ. އިސްލާމިކް މިނިސްޓްރީ ހަމަ އެޕާޓިއަށް ލިބުނެވެ. އެހެންނަމަވެސް ޚިޔާލުތަފާތުވެ ސަރުކާރާ ދުރަށް ދިޔައީއެވެ.

ދެން އުފެދިގެން އައީ ރައީސް އިބުރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމެވެ. ރައީސް ސޯލިހު ވެރިކަމަށް ވަޑައިގެންނެވި ކޯލިޝަންގައިވެސް އަދާލަތު ޕާޓީ މުހިންމު ބައިވެރިއަކަށް ވިއެވެ. އިސްލާމިކް މިނިސްޓްރީއާއި ހަވާލުވީ ހަމަ އެޕާޓީންނެވެ. އަދި އިސްލާމިކް މިނިސްޓްރީގެ އިތުރުން ހޯމް މިނިސްޓްރީވެސް މިސަރުކާރުގައި އޮތީ އެޕާޓީގެ ބެލުމުގެ ދަށުގައެވެ.

އަދާލަތު ޕާޓީއަކީ އިބުރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެވެސް މުހިންމު ބައިވެރިއެއް

ކޮންމެއަކަށް ފެންނާން އޮތް ހަގީގަތަކީ، ފާއިތުވެދިޔަ ހުރިހާ އިންތިޚާބެއްގައި ވެސް އަދާލަތު ޕާޓީއަކީ ސިޔާސީ ބާރެއްގެ ގޮތުގައި އެވަގުތެއްގެ ސިޔާސީ ތަރާދުގެ ކޮންމެވެއް އެއްކޮޅެއްގައި ތިއްބަވާ ސިޔާސީ ވެރިންނަށް ފެނިވަޑައިގަންނަވާ ކަމެވެ.

އަސްލު މަންޒަރު ތަފާތު

ފާއިތުވެދިޔަ ތަނުގައި އަދާލަތު ޕާޓީއަކީ ސިޔާސީ ގޮތުން ނުފޫޒު ގަދަ ޕާޓީއެއްގެ ގޮތުގައި ދެކި، އެޕާޓީއަށް ސަރުކާރުތަކުން ގިނަ މަގާމްތަކާއި ގިނަ ވުޒާރާތަކެއް ލިބިގެން ގޮސްފައިވި ނަމަވެސް، އެޕާޓީ ވުޖޫދަށް ގެނައި ގިނަ ސިޔާސީ އިސްފަރާތްތައް މިއަދު ވަނީ އެޕާޓީއާއި ދުރަށް ޖެހިވަޑައިގެންފައެވެ.

އަދި، ޕާޓީގެތެރޭގައި މަދު މިސްކޮޅެއްގެ ނުފޫޒު ގަދަވެ، ދިނީ އަސާއްތަކެއްގެ މައްޗަށް އުފަންވެގެން އައި އެޕާޓީ ދީނީ ޕްލެޓްފޯމާ ދުރަށްގޮސް، އެވަގުތެއްގެ ސިޔާސީ އޮއިވަރާ އެއްގޮތަށް ދަތުރުކުރަމުންދާ ކަމުގެ ތުހުމަތަކީ ފާއިތުވެދިޔަ ތަނުގައި އެޕާޓީގައި އުޅުއްވާފަ، ފަހުން ދުރަށް ވަޑައިގެންނެވި ގިނަ ބޭފުޅުން ވިދާޅުވެފައިވާ ވާހަކަފުޅު ތަކެކެވެ. ކުރައްވާފައިވާ ތުހުމަތު ތަކެކެވެ.

ސިޔާސީ ބައެއް ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި، އަދާލަތުޕާޓީން ފާއިތުވި ދިގުމުއްދަތެއްގައި އެޕާޓީގެ އެތެރޭގެ އިންތިޚާބެއް ބާއްވާފައި ނުވާތީވެ، އެޕާޓީގައި އުޅުއްވާފައި ވަޑައިގެންނެވި ބައެއް ބޭފުޅުން ފާއިތުވެދިޔަ ތަނުގައި ކުރައްވާފައިވާ މިޝަކުވާތަކަށް ބާރު ލިބިދޭ އެއްވެސް ހެއްކެއް ދަލީލެއް މިހާތަނަށް ފެނިގެން ގޮސްފައެއް ނުވެއެވެ.

އަދާލަތު ޕާޓިގައި ކުރީގައި އުޅުއްވި ބައެއް އިސް މެމްބަރުން

އެހެންނަމަވެސް، ގިނަބަޔަކު މިއަދު ސިފަކުރަމުންދަނީ، އަދާލަތު ޕާޓީގެ ފާއިތުވެދިޔަ އިންތިޚާބަކީ، އެޕާޓީގެ ހަގީގީ ސިޔާސީ ބުރަދަން ވަރަށް ބޮޑަށް ވަޒަން ކޮށްދިން އިންތިޚާބެކެވެ.

ޕާޓީގެ ލީޑަޝިޕަށް ބޭފުޅަކު އައްޔަން ކުރުމަށް ފާއިތުވެދިޔަ ހަފްތާގައި ބޭއްވިގެން ދިޔައީ ވަނދު، އެއްވެސް ވާދަވެރިކަމެއް ނެތް އިންތިޚާބެއްގެ ގޮތުގައި ބައެއް ފަރާތްތަކުން ސިފަ ކުރަމުން ދާއިރު، އިންތިޚާބުގައި އެންމެ ހާހެއްހާ މީހުން ވޯޓުލާފައި ވުމަކީވެސް ޕާޓީއާ ދޭތެރޭގައި ގިނަބައެއް ހިތްތަކުގައި މިއަދު ޝައުގުވެރިކަމެއް ނެތްކަން ވަރަށް ރަގަޅަށް ރަމްޒުކޮށްދޭ ދަލީލެއްގެ ގޮތުގައި، ސިޔާސީ މަސްރަހު ދިރާސާކުރާ ފަރާތްތަކުން މިއިންތިޚާބަށްފަހު، ދަނީ ބުނަމުންނެވެ.

އަދި ހަމައެއާއެކު، ޑިމޮކްރަސީގެ އުސޫލުތައް ފަހަނަ އަޅާ، ޕާޓީގެ ލީޑަރެއްގެ ގޮތުގައި އެންމެ ބޭފުޅަކު ތާއަބަދު ހުންނެވުމުގެ ވިސްނެވުން، ދިނީ އިސޫލުތަކުގެ މައްޗަށް އުފެދި ބޮޑުވަމުން އައި އެޕާޓީގެ ތެރޭގައިވެސް މިއަދު އަށަގެންފައިވާކަމަށްވެސް އެޕާޓީއަށް ނިސްބަތްވާ ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

ކޮންމެއަކަސް ކަމުގެ ހަގީގަތް ކޮންމެ ގޮތަކަށް އޮތްކަމުގައިވި ނަމަވެސް، ފެނިގެންދާ މަންޒަރަކީ، 3 ވަނަ ދައުރަކަށްވެސް ކުރިމަތި ލެއްވީ ފާއިތުވެދިޔަ 10 ވަރަކަށް އަހަރުގައިވެސް އަދާލަތު ޕާޓީގެ ރައީސްކަމުގެ މަގާމުގައި ހުންނެވި ބޭފުޅާކަމެވެ.

ތެދުފުޅެކެވެ. އެހެން ބޭފުޅަކު ކުރިމަތި ނުލެއްވީއެވެ. މިއީ ދެއްކިދާނެ ވަރަށް ރަގަޅު ހުއްޖަތެކެވެ. އެހެންނަމަވެސް، ޕާޓީތެރޭގައި، ލީޑަރޝިޕަށް ކުރިމަތިލާނެ ބޭފުޅުން މަދުވުމާއި، ވާދަވެރިކަން ކުޑަ ވެގެންދިއުމަކީ، އެއީ ކޮންމެ ސިޔާސީ ޕާޓީއެއްކަމުގައިވި ނަމަވެސް، އެއީ އެޕާޓީއެއްގެ ތެރެއިން ޑިމޮކްރަސީ ނެތިގެންދާކަމުގެ އަލާމާތެކެވެ. ކަމުގެ ހަގީގަތަކީ މިއީއެވެ.

އެހެންކަމުން، 1000 މީހުންގެ ވޯޓުން ޕާޓީގެ ލީޑަރޝިޕަށް ބޭފުޅަކު އިންތިޚާބުކޮށް، އަދި ޕާޓީގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާކަމަށް ބުނާ މީހުންގެ %17 ވޯޓުލާން ނިކުމެ، ސިޔާސީ މަސްރަހުގައި ނުފޫޒުކަމަށް ބެލެވޭ ޕާޓިއަކުން ލީޑަރޝިޕް އިންތިޚާބު ކުރުމުން، ސިޔާސީ ފަރާތްތަކުން ކޮންމެ ރިޔާސީ އިންތިޚާބަކަށްވެސް މިޖަހާ ހިސާބުތަކުގައި ދިމާނުވާ، އަދި މުޅިން ސާފުނޫން ކަންތައްތަކެއް ހުރިކަމުގައި މިއަދު ގަބޫލުކުރަން ޖެހެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.