ރ. ކިނޮޅަހާއި ބ. ގޮއިދޫގައި ފެނާއި ނަރުދަމާ ނިޒާމް ގާއިމްކުރުމުގެ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ.
ބ. ގޮއިދޫގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެރަށުގެ ފެނާއި ނަރުދަމާ ނިޒާމް ގާއިމްކުރުމުގެ މަސައްކަތް ފައްޓަވައިދެއްވީ އެމްޑަބްލިޔުއެސްސީގެ ޗެއާމަން އަޙްމަދު މައުސޫމާއި މެނޭޖިން ޑިރެކްޓަރު ހަސަން ޝާހުގެ އިތުރުން އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަޙްމަދެވެ. 46.3 މިލިއަން ރުފިޔާގެ މި މަޝްރޫއުގެ ދަށުން 15 ކިލޯމީޓަރުގެ ފެން ހޮޅި ހިމެނޭ މައި ނެޓްވޯކް ގާއިމްކުރުމާއި އާރްއޯ ފެސިލިޓީ ބިލްޑިން އިމާރާތް ކުރުމާއި އާރްއޯ ޕްލާންޓް ބެހެއްޓުމާއި ފެން ރައްކާކުރަން 300 ކިއުބިކް މީޓަރުގެ ދެ ފެން ތާނގީ ހެދުމުގެ އިތުރުން ގޭގޭގައި ފެން މީޓަރު ވެސް ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ.
ނަރުދަމާ ނިޒާމްގެ މަސައްކަތުގެ ދަށުން ގޮއިދޫގައި 8.7 ކިލޯމީޓަރުގެ ދިގު ނަރުދަމާ ނިޒާމްގެ މައި ނެޓްވޯކް ގާއިމްކޮށް 1.1 ކިލޯމީޓަރުގެ ޕަންޕިން ލައިން އަޅައި ތިން ޕަންޕިން ސްޓޭޝަނާއި އެއް ސީ އައުޓް ފޯލް ގާއިމްކުރަން ހަމަޖެހިފައިވާކަމަށް އެމްޑަބްލިއުއެސްސީން ބުނެއެވެ. މި މަސައްކަތްތައް 22 މަސް ދުވަހުގެ ތެރޭގައި ނިންމަން ވަނީ ހަމަޖެހިފަ އެވެ.
MWSC Chairman Ahmed Mausoom, Managing Director @hassanshaahu and MP for Iguraidhoo Constituency @HassantayMDP groundbreaking the Water & Sewerage project of R.Kinolhas, undertaken by #TeamMWSC#MWSCprojects pic.twitter.com/7HeHR4EtbC
— Male' Water and Sewerage Company Pvt. Ltd. (@MWSC_Official) January 15, 2021
ރ. ކިނޮޅަހުގެ ފެނާއި ނަރުދަމާ ގާއިމް ކުރުމުގެ އަމަލީ މަސައްކަތް ފެށީ އެކަމަށްޓަކައި އިއްޔެ އެރަށުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. އެރަށުގެ ފެނާއި ނަރުދަމާ ނިޒާމް ގާއިމްކުރުމުގެ މަސައްކަތް ފައްޓަވައިދެއްވީ އެމްޑަބްލިޔުއެސްސީގެ ޗެއާމަން އަހުމަދު މައުސޫމާއި މެނޭޖިން ޑިރެކްޓަރު ހަސަން ޝާހުގެ އިތުރުން އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދެވެ.
ކިނޮޅަހުގެ ފެނުގެ ނިޒާމް ގާއިމް ކުރުމުގެ މަޝްރޫއުގެ ދަށުން 11.8 ކިލޯމީޓަރުގެ ފެންހޮޅީގެ މައި ނެޓުވޯކެއް ގާއިމް ކުރަންވަނީ ހަމަޖެހިފައެވެ. އަދި ދެ އާރުއޯ ޕްލާންޓާއި ދެ ތާނގި ބެހެއްޓުމަށް އާރުއޯ ފެސިލިޓީ އެއްވެސް އިމާރާތް ކުރާނެ ކަމަށް އެމްޑަބްލިއުއެސްސީން ބުނެއެވެ.
އެ ރަށުގެ ނަރުދަމާ ނިޒާމުގެ މަޝްރޫއުގެ ދަށުން 7.3 ކިލޯމީޓަރުގެ ނަރުދަމާ ނެޓްވޯކެއް ގާއިމް ކުރާނެ އެވެ. އަދި 700 މީޓަރުގެ ޕަމްޕިން ލައިން އެޅުމާއި ދެ ޕަމްޕިން ސްޓޭޝަނާއި ސީއައުޓް ފްލޯއެއް ގާއިމް ކުރުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ދަށުން ކުރާނެ ކަމަށް އެމްޑަބްލިއުއެސްސީން ބުނެއެވެ.
36 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ލަފާކޮށްފައިވާ މި މަޝްރޫއު 22 މަސް ދުވަހުން ނިންމާލެވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.