މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް މުއްދަތު ހަމަވިއިރު ނުލިބި ހުރި ފައިސާގެ ޖުމްލަ އަދަދު 14.4 ބިލިއަން ރުފިޔާ ފަހަނައަޅައި ހިނގައްޖެއެވެ.
މީރާއިން އާންމު ކުރި 2026 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ މާލީ ރިޕޯޓަށް ބަލާއިރު، މާރިޗު މަހުގެ ނިޔަލަށް ޓެކުހުގެ ގޮތުގައި ދައުލަތަށް ވަންނަންޖެހި ނުވަދެ ހުރި ފައިސާގެ އަދަދު ވަނީ 8.1 ބިލިއަން ރުފިޔާއަށް އަރައިފައެވެ. މިއީ 2025 ވަނަ އަހަރު ނިމުނުއިރު ނުލިބި އޮތް 7.8 ބިލިއަން ރުފިޔާއާ އަޅާ ބަލާއިރު، ތިން މަސްދުވަހުގެ ތެރޭގައި 317.69 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ.
ޓެކުހުގެ ބާވަތްތަކުގެ ތެރެއިން ނުލިބި ހުރި އެންމެ ބޮޑު އަދަދަކީ ޖީއެސްޓީގެ 3.4 ބިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އަދަދެއް ހިއްސާ ކުރަނީ 2.4 ބިލިއަން ރުފިޔާގެ އިންކަމް ޓެކުހެވެ. މީގެ އިތުރުން ޓީޖީއެސްޓީގެ ގޮތުގައި 1.5 ބިލިއަން ރުފިޔާއާއި، އެހެނިހެން ޓެކުހުގެ ގޮތުގައި 697.65 މިލިއަން ރުފިޔާ ނުލިބި ހުރި ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
ޓެކްސް ނޫން އާމްދަނީގެ ގޮތުގައި މި ކުއާޓަރު ނިމުނުއިރު 6.3 ބިލިއަން ރުފިޔާ ދައުލަތަށް ނުލިބި ހުރި ކަމަށްވާއިރު، މީގެ ބޮޑު ބައެއް ހިއްސާ ކުރަނީ ފަތުރުވެރިކަމަށް ދޫކޮށްފައިވާ ރަށްރަށާއި ބިންތަކުގެ ކުއްޔެވެ. ހަމައެކަނި ރިސޯޓު ކުލީގެ ގޮތުގައި 5.9 ބިލިއަން ރުފިޔާ ނުލިބި ހުރި އިރު، މިއީ މިދިޔަ އަހަރު ނިމުނުއިރު އޮތް 6 ބިލިއަން ރުފިޔާއާ އަޅާ ބަލާއިރު 300 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތައް (އެސްއޯއީތައް) ގަވާއިދުން ފައިސާ ނުދެއްކުމުގެ މައްސަލަ ވެސް ވަނީ އިތުރަށް ބޮޑުވެފައެވެ. މި ކުއާޓަރު ނިމުނުއިރު އެ ކުންފުނިތަކުން ދައްކަން ޖެހި ނުދައްކާ ހުރި ފައިސާގެ އަދަދު 3.51 ބިލިއަން ރުފިޔާއަށް އެރި އިރު، މިއީ މިދިޔަ އަހަރު ނިމުނުއިރު އޮތް 2.39 ބިލިއަން ރުފިޔާއާ އަޅާ ބަލާއިރު 1.12 ބިލިއަން ރުފިޔާގެ ބޮޑު ކުރިއެރުމެކެވެ.
އެހެންނަމަވެސް، މީރާއިން ތަންފީޒީ ގޮތުން ކުރި މަސައްކަތްތަކުގެ ސަބަބުން، މި އަހަރުގެ ފުރަތަމަ ތިން މަހުގެ ތެރޭގައި 2.09 ބިލިއަން ރުފިޔާ ދައުލަތަށް ހޯދިފައިވާ ކަމަށް ވެސް ރިޕޯޓުގައި ބުނެފައިވެއެވެ.
ކޮމެންޓު ފޮނުވާ