ޑޮލަރުން ދައުލަތަށް ލިބުނު އާމްދަނީ 119 މިލިއަނަށް، ކުޑަ ކުރިއެރުމެއް

ޑޮލަރުން ދައުލަތަށް ލިބުނު އާމްދަނީ 119 މިލިއަނަށް، ކުޑަ ކުރިއެރުމެއް

Author
އަހުމަދު
15 ޖުލައި 2026 12:06
0

މިދިޔަ މަހު ޑޮލަރުން ދައުލަތަށް 119 މިލިއަން ޑޮލަރު ލިބިފައިވާ ކަމަށާއި، މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ކުޑަ ކުރިއެރުމެއް ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނެފިއެވެ.

މީރާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ މަހު ލިބުނު 119 މިލިއަން ޑޮލަރަކީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު 117 މިލިއަން ޑޮލަރަށްވުރެ 922,114 ޑޮލަރު އިތުރު އަދަދެކެވެ. އަދި މިއަހަރުގެ މިހާތަނަށް ޑޮލަރުން ޖުމްލަ 868 މިލިއަން ޑޮލަރު ލިބިފައިވާއިރު، މިއީ ވެސް މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 77 މިލިއަން ޑޮލަރުގެ އިތުރުވުމެކެވެ.

ޖުމްލަ އާމްދަނީއަށް ބަލާއިރު، މިދިޔަ މަހު ދައުލަތަށް 2.92 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށާއި، މިއީ ކުރިން ލަފާކުރި މިންވަރަށްވުރެ 14.7 އިންސައްތަ އިތުރު އަދަދެއް ކަމަށް މީރާއިން ބުނެއެވެ. މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު މިއީ 10.1 އިންސައްތައިގެ ކުރިއެރުމެކެވެ.

ޑޮލަރުން ލިބޭ އާމްދަނީއަށް މި ކުޑަ ކުރިއެރުން އައިސްފައި މިވަނީ ޑޮލަރުގެ ތާށިކަން އިންތިހާއަށް ބޮޑުވެ، ކަޅު ބާޒާރުގައި ޑޮލަރެއްގެ އަގު 21 ރުފިޔާއަށް އުފުލިފައިވާ ދަނޑިވަޅެއްގައެވެ. ޑޮލަރު ހޯދުމުގައި ދަތިތަކާ ކުރިމަތިވެފައި މިވަނީ ފަތުރުވެރިކަން މަޑުޖެހޭ ސީޒަނަކާ ދިމާވުމުގެ އިތުރުން، މިއަހަރު 1.1 ބިލިއަން ޑޮލަރުގެ ބޭރު ދަރަނި އަދާކުރަން ޖެހިފައި އޮތުމުންނެވެ.

ރުފިޔާގެ އަގު ދަށްވެ ޑޮލަރުގެ އަގު އުފުލެމުންދާ މި ހާލަތުގައި، ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް ބައިނަލްއަގްވާމީ މާލީ އިދާރާތަކުން ސަރުކާރަށް ދަނީ ބާރުއަޅަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.