ފުލުހުން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި "އައިޝާ ސަފާރީ" ބަލައިފާސްކޮށް، ގިނަ ޢަދަދެއްގެ މަސްތުވާތަކެއްޗާއި ބަނގުރާއާއެކު ބަންގްލަދޭޝްގެ ދެ ރައްޔިތަކު ހައްޔަރުކޮށްފިއެވެ.
ކޯޓު އަމުރެއްގެ ދަށުން ހިންގި މި ރެއިޑުގައި ހައްޔަރުކޮށްފައިވަނީ އުމުރުން 26 އަހަރުގެ އެމް ޑީ ފަޒްލީ ރަބީ އާއި 36 އަހަރުގެ އެމް ޑީ ޝަހަޖަން ސަވަލް އެވެ. ކޯޓުން ވަނީ ފަޒްލީގެ ބަންދަށް 16 ދުވަސް އަދި ޝަހަޖަންގެ ބަންދަށް 30 ދުވަހުގެ މުއްދަތެއް ދީފައެވެ. މި ދެމީހުންވެސް މިހާރު ތިބީ ކަސްޓޯޑިއަލް ޖަލެއްގައެވެ.
ފުލުހުން ސަފާރީއަށް އެރި ވަގުތު މި ދެމީހުން ވަނީ ސަފާރީގެ ފަހަތު ޑެކުމަތީގައި ހަދާފައިވާ ކޮޓަރިއަކަށް ވަދެފައެވެ. ފުލުހުން އެމީހުން ހުއްޓުވައި ބަލައިފާސްކުރިއިރު، އެކަކު ލައިގެންހުރި ސޯޓުގެ ޖީބުގައި އޮތް ސިނގިރޭޓު ފޮއްޓެއްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ 10 ގުޅަ ބޭސް ވަނީ ފެނިފައެވެ. އަދި ދެމީހުންގެ އަތުންވެސް ގިނަ ޢަދަދެއްގެ ފައިސާ ފެނިފައިވެއެވެ. އޭގެ އިތުރުން، އެމީހުން ތިބި ކޮޓަރީގެ މޭޒުމަތީގައި ހުރި ލަކުޑި ފޮއްޓެއްގެ ތެރެއިން އިތުރު 24 ގުޅަ ބޭސް ފެނިފައިވާއިރު، މުޅިއެކު 34 ގުޅަ ބޭސް (ގާތްގަނޑަކަށް 4 ގްރާމް) ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައެވެ.
މަސްތުވާތަކެތީގެ އިތުރުން އެ ކޮޓަރިންނާއި ސަފާރީގެ ވަތުއަޑިން އަދި އިންޖީނުގެ ތެރެއިން ވެސް ގިނަ ޢަދަދެއްގެ ބަނގުރާ ފުޅި ވަނީ ހޯދާފައެވެ. މިއީ ވިޔަފާރީގެ އުސޫލުން ވިއްކައިގެން މަންފާ ހޯދަން ގެންގުޅުނު ތަކެތިކަމަށް ތުހުމަތުކުރެވެއެވެ. އަދި ހައްޔަރުކުރި ދެ މީހުންގެ ކުޑަކަމުދާތަކެތި މަސްތުވާތަކެތީގެ ތިން ބާވަތަކަށް (ސީއޭޓީ، އޭއެމްޕީ އަދި ޓީއެޗްސީ) ޕޮޒިޓިވްވެފައިވެއެވެ. ގާޒީ ޢަލީ ނަދީމް އެމީހުން ބަންދުކުރަން އަމުރުކުރެއްވީ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާވެދާނެތީއާއި ދޫކޮށްލައިފިނަމަ ފިލާފާނެކަމުގެ ބިރު އޮތުމުންނެވެ.
ކޮމެންޓު ފޮނުވާ