މުދާ އިސްރާފުނުކުރުމަށާއި، މަޖުބޫރު ޙާލަތެއްގައި މެނުވީ ދަރަނި ނުނެގުމަށް ޚުޠުބާގައި ގޮވާލައްވައިދި

މުދާ އިސްރާފުނުކުރުމަށާއި، މަޖުބޫރު ޙާލަތެއްގައި މެނުވީ ދަރަނި ނުނެގުމަށް ޚުޠުބާގައި ގޮވާލައްވައިދި

Author
އަހުމަދު
29 މެއި 2026 06:06
0

ދިރިއުޅުމުގެ ޚަރަދުތައް ހަމަޖެއްސުމުގައި އިޤުތިޞާދުކުރުމަށާއި، ކޮންމެހެން މަޖުބޫރުވެގެން މެނުވީ ދަރަނި ނުނެގުމަށް މިއަދުގެ ހުކުރު ޚުޠުބާގައި މުސްލިމުންނަށް އިލްތިމާސްކޮށްފިއެވެ.

ބިމުގައި މާތް ﷲ ލައްވާފައިވާ މުދަލަކީ އެކަލާނގެ ދެއްވާފައިވާ ބޮޑު ނިޢުމަތެއްކަމަށާއި، އެއީ އިންސާނުންނާ ޙަވާލުކުރެވިފައިވާ އަމާނާތެއްކަން ޚުޠުބާގައި ވަނީ ހަނދާންކޮށްދީފައެވެ. އެހެންކަމުން މުދާ ހޯދުމުގައި ޝަރުޢީ މިންގަނޑުތަކަށް ތަބާވުމަށް ވަނީ ނަސޭހަތްތެރިވެފައެވެ. ވައްކަމާއި، ފޭރުމާއި، ރިބާއާއި، ރިޝްވަތު އަދި ޖުވާކުޅުން ފަދަ އިސްލާމްދީނުގައި ޙަރާމްކުރައްވާފައިވާ ކަންކަމުން ދުރުހެލިވެ، ޙަލާލު ގޮތުގައި އާމްދަނީ ހޯދުމަށް ޚުޠުބާގައި ބާރުއެޅިއެވެ.

ޙަލާލު ގޮތުގައި މުދާ ހޯދުމަށްފަހު، އެ ތަކެތި ބޭކާރު ގޮތުގައި އިސްރާފު ނުކުރުމަށާއި ހަލާކުކޮށްނުލުމަށް ވެސް ޚުޠުބާގައި ގޮވާލިއެވެ. ބޭނުންވާ ވަރަށްވުރެ އިތުރަށް ތަކެތި ގަނެ އުކާލުމަކީ ދުރުހެލިވާންޖެހޭ ކަމެއްކަން ފާހަގަކުރަމުން، ތިމާއަށް ލިބޭ މުދަލުގައި އަނބިދަރިންނާއި، ގާތްތިމާގެ މީހުންނާއި، ފަޤީރުންނާއި، މިސްކީނުން އަދި ޔަތީމުންގެ ޙައްޤުތައް ވެސް ވާކަން ދެނެގަތުމަށް ވަނީ އިރުޝާދުދީފައެވެ. އަދި އިންސާނާއަށް ދެއްވާފައިވާ މި ނިޢުމަތްތަކާމެދު ޤިޔާމަތް ދުވަހުން ސުވާލުކުރެވޭނެކަން ވެސް ވަނީ ހަނދާންކޮށްދީފައެވެ.

އާއިލީ ޚަރަދުތައް ބެލެހެއްޓުމުގައި ދުރާލާ ވިސްނައިގެން އިޤުތިޞާދީ ފިކުރެއް ގެންގުޅުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލަމުން ޚުޠުބާގައި ބުނީ، އަތްމަތި ދަތިވުމުގެ އެންމެ ބޮޑު އެއް ސަބަބަކީ ލިބޭ މިންވަރަށްވުރެ އިތުރަށް ޚަރަދުކުރުން ކަމަށެވެ. އެހެންކަމުން، ދަރަނި ނަގައިގެން ދިރިއުޅުމުގެ ކަންކަން ހަމަޖެއްސުމުގެ ބަދަލުގައި، ލިބޭ އާމްދަނީއާ އެއްވަރަށް ޚަރަދުތައް ބައްޓަންކުރުމަށާއި، ކޮންމެހެން ނަގަންޖެހޭ ޙާލަތެއް މެދުވެރިނުވަނީސް ދަރަނި ނެގުން ފަދަ ނުރަނގަޅު އާދަތަކުން ދުރުވުމަށް މިއަދުގެ ޚުޠުބާގައި ވަނީ ގޮވާލާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.