ކުރީގެ ތިން ރައީސުން އެކުވުމުން އަދީބުގެ އިންޒާރެއް: ދައްކާނެ ލައްކަ ގިނަ ވާހަކަ އެބަހުރި!

ކުރީގެ ތިން ރައީސުން އެކުވުމުން އަދީބުގެ އިންޒާރެއް: ދައްކާނެ ލައްކަ ގިނަ ވާހަކަ އެބަހުރި!

Author
އަހުމަދު
15 މެއި 2026 10:16
0

ނޫސްވެރިކަމުގެ ދިފާއުގައި ކަމަށް ބުނެ ކުރީގެ ތިން ރައީސުން އެއްގަލަކަށް އެރުމާ ގުޅިގެން، އެ ބޭފުޅުންނާ ގުޅޭގޮތުން ދައްކާނެ ވަރަށް ގިނަ ވާހަކަތައް އެބަހުރިކަމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި، ކުރީގެ ރައީސުން ކަމަށްވާ މުހައްމަދު ނަޝީދާއި، އަބްދުﷲ ޔާމީންގެ އިތުރުން އިބްރާހީމް މުހައްމަދު ސޯލިހު އެކުގައި ތިއްބެވި ފޮޓޯއެއް ހިއްސާކުރައްވައި އަދީބު ވިދާޅުވީ، އެ ބޭފުޅުންނާ ބެހޭގޮތުން ދައްކާލަން "ލައްކަ ގިނަ ވާހަކަ އެބަހުރި" ކަމަށެވެ. ނަމަވެސް އެކަމުގެ އިތުރު ތަފްސީލެއް އޭނާ ނުދެއްވައެވެ. އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ދައުލަތާއެކު ހެދި އިއުތިރާފު އެއްބަސްވުމެއްގެ ދަށުން 20 އަހަރުގެ ޖަލު ހުކުމެއް އައިސްފައިވަނިކޮށް، އަދީބަށް މާފުދެއްވައި މިނިވަންކުރެއްވީ ރައީސް ސޯލިހުގެ ވެރިކަމުގެ ފަހުކޮޅުގައެވެ. އެއަށްފަހު އަދީބު ވަނީ ރާއްޖެއިން ބޭރަށް ފުރާވަޑައިގެންފައެވެ.

ސިޔާސީ ގޮތުން ކަނޑިކަނޑިއަށް ތިއްބެވި މި ތިން ބޭފުޅުން އެކުގައި ފެނިފައި މިވަނީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުން ގައުމު ސަލާމަތްކުރުމަށް އިދިކޮޅު ފަރާތްތަކުން ގުޅުމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ގޮވާލައްވާފައިވާ ދަނޑިވަޅެއްގައެވެ. މިއީ މިފަދަ ގޮތަކަށް ސިޔާސީ ވާދަވެރި މި ތިން ރައީސުން ބައްދަލުކުރެއްވި ފުރަތަމަ ފަހަރެވެ.

މިކަމާ ގުޅިގެން ޕީއެންސީގެ ހަރުގޭގައި ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަމުން ރައީސް ޑރ. މުއިއްޒު ވަނީ އެ ތިން ބޭފުޅުންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ރައީސް ސިފަކުރެއްވި ގޮތުގައި އެ ބޭފުޅުންނަކީ "ހުސް ފެއިލިއަރުން" ނެވެ. ސަރުކާރުގެ ސިޔާސަތުތަކަށާއި ނެރެދޭ ނަތީޖާއަށް ދޭނެ ޖަވާބެއް އިދިކޮޅުގައި ނެތްކަން ފާހަގަކުރައްވައި، އެކަކު އަނެކަކުގެ ބުރަކައްޓަށް ވަޅިޖަހާފައި ތިބި ބަޔަކު އެއްވެގެން ގައުމުގެ ވާހަކަ ދެއްކުމަކީ ޒުވާނުން ޑިޕްރެސްވާނެ ކަމެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ރާއްޖެއަށް މިހާރު ބޭނުންވަނީ "ބަތް ކައްކާ ކުޅޭ" އަދި "ދެއުޅިއެއް ނުވާ" ބައެއް ނޫން ކަމަށާއި، ގައުމަށް ފައިދާހުރި ޒިންމާދާރު އިދިކޮޅު ފަރާތްތަކެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.