ރާއްޖޭގެ ފޮރިން މިނިސްޓަރުކަމާ ހަވާލުވެވަޑައިގަތުމަށްފަހު ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅުގައި، މިނިސްޓަރު އިރުތިޝާމް އާދަމް މިއަދު އިންޑިއާއަށް ފުރާވަޑައިގެންފިއެވެ.
ފޮރިން މިނިސްޓްރީން މައުލޫމާތު ދެއްވާ ގޮތުގައި، މިނިސްޓަރުގެ މި ދަތުރުފުޅަކީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރްގެ ހާއްސަ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. އިންޑިއާގެ ވެރިރަށް ނިއުދިއްލީއަށް ކުރައްވާ މި ޒިޔާރަތުގައި، ޑރ. ޖައިޝަންކަރާ ބައްދަލުކުރައްވައި ދެ ގައުމުގެ ދެމެދުގައި އޮންނަ ޒަމާންވީ ތާރީޚީ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، އެކި ރޮނގުތަކުން ރާއްޖެއާއި އިންޑިއާއާ ދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާކޮށް ފުޅާކުރުމަށްވެސް މި ބައްދަލުވުންތަކުގައި އަލިއަޅުވާލާނެކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.
މި މުހިންމު ދަތުރުފުޅުގައި މިނިސްޓަރު އިރުތިޝާމް އާދަމްގެ އަރިހުގައި ފޮރިން މިނިސްޓްރީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވައެވެ. އެގޮތުން، އެ މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީ ޑރ. އިބްރާހިމް ޒުހުރީގެ އިތުރުން އެސިސްޓަންޓް ޑިރެކްޓަރު އާމިނަތު ގުރޭޝާ މި ދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވާނެއެވެ.
ކޮމެންޓު ފޮނުވާ