ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަހަރު އިއްވެވި ރިޔާސީ ބަޔާނަކީ ފާއިތުވި ދެ އަހަރުގެ ބަޔާނުގެ "ކުލަނެތް ކޮޕީއެއް" ކަމަށާއި، މި ސަރުކާރަކީ ރާއްޖޭގެ ތާރީޚު ނުދެކޭފަދަ ނާގާބިލު ސަރުކާރެއްކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހީމް ނާޒިލް ވިދާޅުވެއްޖެއެވެ.
ގާނޫނުއަސާސީގައިވާ ގޮތުގެ މަތިން، ރިޔާސީ ބަޔާނަށް މަޖިލީހުގެ މައިނޯރިޓީ ލީޑަރުގެ ހައިސިއްޔަތުން ޖަވާބުދެއްވަމުން ނާޒިލް މިއަދު ވިދާޅުވީ، މިއަހަރުގެ ބަޔާނުގައި ގައުމުގެ ހާލަތު އޮތްގޮތާއި، ބޮޑެތި މައްސަލަތައް ހައްލުކުރުމަށް ސަރުކާރުން ގެންގުޅޭނެ ސިޔާސަތުތައް ބަޔާންކޮށްދީފައި ނުވާކަމަށެވެ. އޭގެ ބަދަލުގައި އިވިގެންދިޔައީ ކުރިންވެސް ދެއްކި "ހުވަފެނީ ވާހަކަތައް" އެހެން ގޮތަކަށް އަނބުރާލައިގެން އިއްވިތަން ކަމަށާއި، ސަރުކާރުން ކުރަންބުނި ކަންކަން ނުކޮށް އާ ތާރީޚުތަކެއް ދެމުންދާކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ސަރުކާރުގެ ނާގާބިލުކަން ފާހަގަކުރައްވައި ނާޒިލް ވަނީ ސިއްހީ ނިޒާމާއި އިގްތިސާދީ ހާލަތަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެގޮތުން، އާސަންދައިގެ ހިދުމަތް ދަށްވެ، ބޭސް ސިޓީއަށް ބޭސް ނުލިބުމުގެ ޝަކުވާއަކީ ކޮންމެ ދުވަހަކު އިވޭ އާންމު ކަމަކަށް ވެފައިވާއިރު، ޔޫރަޕުގެ ފެންވަރު ރަނގަޅު ބޭސް ގެންނާނެކަމަށް ބުނެ ވީވައުދު ނުފުއްދި، ކުރިން ލިބެން ހުރި ބޭސްތައްވެސް މިހާރު ނުލިބޭކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން، މާލެއާއި ރަސްމާލެ ގުޅާލާ އަންޑަވޯޓަރ ޓަނަލް ފަދަ މަޝްރޫއުތަކާއި ބޯހިޔާވަހިކަމުގެ ވައުދުތައްވެސް ނުފުއްދޭކަމަށް ނާޒިލް ވިދާޅުވިއެވެ.
އިގްތިސާދީ ގޮތުން ސަރުކާރު ފެއިލްވެފައިވާކަން ފާހަގަކުރައްވަމުން ނާޒިލް ވިދާޅުވީ، ލޯނު ނުނަގައި ގައުމު ހިންގާނެކަމަށް ބުނި ނަމަވެސް، ކުރު މުއްދަތެއްގެ ތެރޭގައި ގިނަ އަދަދެއްގެ ލޯނު ނަގައި، ދައުލަތުގެ ފައިސާއިން ބޮޑެތި އިސްރާފުތައް ކުރަމުންދާ ކަމަށެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޑިއުޓީ ފްރީ ހަދަން ނެގި 40 މިލިއަން ޑޮލަރުގެ ލޯނު ދައްކަން އެހެން ލޯނެއް ނަގަންޖެހުމަކީ ކަންބޮޑުވުމެއްކަމަށް އޭނާ ވިދާޅުވިއެވެ. އަދި ޑޮލަރުގެ އަގު 22.40 ރުފިޔާއަށް އަރާފައިވާއިރު، މާލީ ނިޒާމަށް އޮތް އިތުބާރު ގެއްލި، ބޭރުގެ ފަރާތްތަކުން ދޭ ލަފަޔާ އެއްގޮތަށް ސަރުކާރުން އަމަލުކުރަމުން ނުދާކަމަށްވެސް ނާޒިލް ވަނީ ވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ