އދ. ދިގުރަށުގެ އަލިފާނުގެ ހާދިސާ: ތަހުގީގު ގޮސްފައިވާ ހިސާބު ބަލައިދިނުމަށް މަޖިލީހަށް ހުށަހަޅައިފި

އދ. ދިގުރަށުގެ އަލިފާނުގެ ހާދިސާ: ތަހުގީގު ގޮސްފައިވާ ހިސާބު ބަލައިދިނުމަށް މަޖިލީހަށް ހުށަހަޅައިފި

Author
ހުސައިން
12 އޭޕްރިލް 2026 11:24
0

އދ. ދިގުރަށުގައި ބިދޭސީން ދިރިއުޅެމުންދިޔަ އިމާރާތެއްގައި ރޯވެ ފަސް މީހަކު މަރުވި ނުރައްކާތެރި ހާދިސާއަށް މަހެއް ވެފައިވާއިރު، އެ މައްސަލައިގެ ތަހުގީގު ކުރިއަށްދާ ގޮތް ބަލައިދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފިއެވެ.

މި މައްސަލަ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ މެދުވެރިކޮށް ބަލައިދިނުމަށް އެދިވަޑައިގެން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުالله އަށް ސިޓީއެއް ފޮނުއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) އެވެ. ނިމިދިޔަ މަހުގެ 12 ވަނަ ދުވަހުގެ ރޭ ދަންވަރު ހިނގި މި ހިތާމަވެރި ހާދިސާގައި އަނިޔާވި އަށް މީހުންގެ ތެރެއިން ފަސް މީހެއްގެ ފުރާނަ ވަނީ ގެއްލިފައެވެ. އަދި އިތުރު ދެ މީހަކަށް މާލޭގައި ފަރުވާދެމުން އަންނައިރު، އެކަކު ވަނީ ރަށުން ފަރުވާދިނުމަށްފަހު ދޫކޮށްލާފައެވެ.

މެންބަރުގެ ސިޓީގައި ގިނަ ކަންތައްތަކެއް ސާފުކުރުމަށް ވަނީ އެދިވަޑައިގެންފައެވެ. އޭގެ ތެރޭގައި، އެ އިމާރާތަކީ ކުއްޔަށް ދިނުމާއި އެކޮމޮޑޭޝަން ވިޔަފާރީގެ ގާނޫނުތަކާއި ގަވާއިދުތަކަށް ފެތޭ ތަނެއްތޯ ބެލުމާއި، މަރުވި ބިދޭސީންގެ ވޯކްޕާމިޓްގެ ސައްހަކަން ކަށަވަރުކުރުން ހިމެނެއެވެ. ހަމައެހެންމެ، ބިދޭސީން ގެންގުޅޭ ފަރާތްތަކުން ގަވާއިދުތަކަށް އަމަލުކުރާތޯއާއި، ހޯމް މިނިސްޓްރީގެ އިންސްޕެކްޝަން އުސޫލުތަކުގެ އިތުރުން ފުލުހުންގެ ތަހުގީގަށް ލިބިފައިވާ ކުރިއެރުންތައް ހޯދުމަށްވެސް ވަނީ ހުށަހަޅާފައެވެ. މީގެ އިތުރުން، މިކަމުގައި ބައެއްގެ އިހުމާލު އޮތްތޯއާއި ރަށު ކައުންސިލުން ހުއްދަ ދޫކޮށްފައިވާ ގޮތް ބެލުމަށްވެސް މެންބަރު ވަނީ އެދިވަޑައިގެންފައެވެ.

ތިރީހަކަށް މީހުން އުޅެމުންދިޔަ މި އިމާރާތުގައި އަލިފާން ރޯވާން މެދުވެރިވީ ދަންވަރު ކައްކަން އުޅުމުގެ ތެރޭގައި ގޭސް ލީކުވެގެން ކަމަށް ތުހުމަތުކުރެވުނު ނަމަވެސް، ކަމާބެހޭ އެއްވެސް އިދާރާއަކުން މިކަން އަދި ކަށަވަރުކޮށްދީފައެއް ނުވެއެވެ. އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި، އަލިފާންގަނޑު ކޮންޓްރޯލުން ނެއްޓުމުން އެތަނުގައި ތިބި މީހުން ސަލާމަތްކުރަން ޖެހުނީ އިމާރާތުގެ ފަހަތު ފާރު މުގުރާލައިގެންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.