ހުކުރު ހުތުބާ: އަމިއްލަ ނަފުސަށް އަނިޔާވެރިވުމަކީ ﷲ ހަރާމްކުރެއްވި ކަންކަމަށް އަރައިގަތުން

ހުކުރު ހުތުބާ: އަމިއްލަ ނަފުސަށް އަނިޔާވެރިވުމަކީ ﷲ ހަރާމްކުރެއްވި ކަންކަމަށް އަރައިގަތުން

Author
އަހުމަދު
10 އޭޕްރިލް 2026 03:46
0

މާތް ﷲ ހަރާމް ކުރެއްވި ކަންކަމަށް އަރައިގަނެ ފާފަކުރުމަކީ އަމިއްލަ ނަފުސަށް އަނިޔާވެރިވުން ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު އިއްވި ހުކުރު ހުތުބާގައި ބުނެފައިވަނީ، ﷲ ތައާލާ ބައެއް މައްސަރުތަކާއި ވަގުތުތައް ޚާއްސަކުރައްވައި މާތްކުރައްވާފައިވަނީ އެކަލާނގެއަށް ކިޔަމަންތެރިކަން އަދާކޮށް އަޅުކަންކުރުމަށް ކަމަށެވެ. ކޮންމެ ޒަމާނެއްގައި އަދި ކޮންމެ ވަގުތެއްގައި ފާފަކުރުމަކީވެސް ﷲގެ ކޯފާ ހައްގުވާނެ ކަމެއް ކަމަށާއި، ނަމަވެސް ޚާއްސަކުރައްވާފައިވާ ހުރުމަތްތެރި މައްސަރުތަކުގައި ފާފަތަކަށް އަރައިގަތުމުގެ ނުބައިކަން މާ ބޮޑުކަމަށް ހުތުބާގައި ފާހަގަކޮށްފައިވެއެވެ. އެއީ އެފަދަ އަމަލުތަކަކީ ﷲ އަށް އުރެދުމުގެ އިތުރުން، އެކަލާނގެ މަތިވެރިކުރެއްވި ކަންކަމުގެ ހުރުމަތް ކެނޑުން ކަމުގައިވާތީއެވެ.

މިފަދަ މާތް މައްސަރުތަކާ ބައްދަލުވުމުން މުސްލިމުންގެ މައްޗަށް އޮތީ އަޅުކަމުގައި ހީވާގިވުންކަން ހަނދާންކޮށްދެމުން، ގިނަގިނައިން ޒިކުރުކުރުމާއި، ދުއާކުރުމާއި، ޤުރުއާން ކިޔެވުން ފަދަ ދުލުގެ އަޅުކަންތައްތައް ގިނަކުރުމަށް ވަނީ ނަސޭހަތްތެރިވެފައެވެ. މީގެ އިތުރުން ރޯދަހިފުމާއި، ސަދަގާތްކުރުމާއި، އަނިޔާލިބޭ މީހުންނަށާއި ނިކަމެތިންނަށް އެހީތެރިވުން ފަދަ އަމަލީ ހެޔޮކަންތައްތައްވެސް ގިނަކުރަންޖެހޭނެކަމަށް ބުނެފައިވެއެވެ. އަދި ﷲ އަށް އިޚްލާސްތެރިވެ ހިތްތައް ތާހިރުކުރުމަށާއި، ޣީބަބުނުމާއި، ދޮގުހެދުމާއި، މީހުންނަށް ލައުނަތްދިނުން ފަދަ ނުބައި ފާފަތަކުން ދުރުހެލިވުމަށްވެސް ވަނީ ގޮވާލާފައެވެ.

ހަގީގީ ބާއްޖަވެރިންނަކީ ﷲގެ ރުހިވޮޑިގަތުމާއި ސުވަރުގޭގެ މަތިވެރި ދަރަޖަ ހޯދުމަށް މަސައްކަތްކުރާ މީހުންކަން ބަޔާންކުރަމުން ހުތުބާގައި ވަނީ، ފާއިތުވި ތަނުގައި ކުރެވިފައިވާ ކުށްތައް އިސްލާހުކުރުމަށް ގޮވާލާފައެވެ. އަދި ކުރިއަށް އޮތް ބަރަކާތްތެރި ވަގުތުތަކުގެ ބޭނުން އެންމެ ހެޔޮ ގޮތުގައި ހިފައި، ހުރިހާ މައްސަރެއްގައިވެސް ތަގުވާވެރިވެ ތެދުމަގުގައި ސާބިތުވެ ތިބުމަށް މިއަދުގެ ހުތުބާގައި ވަނީ އިލްތިމާސްކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.