ދައުލަތުގެ ޓެކްސް އިދާރާ (މީރާ) އަށް މިދިޔަ މާޗު މަހު ޖުމްލަ 4 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެކަމަށް އެ އިދާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއީ އަންދާޒާކުރި ވަރަށްވުރެ ބޮޑު ކުރިއެރުމެކެވެ.
މީރާއިން އާންމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު، މިދިޔަ މަހު ލިބުނު އާމްދަނީއަކީ އެ މުއްދަތުގައި ލިބޭނެކަމަށް ލަފާކުރި އަދަދަށްވުރެ %26.8 އިތުރު، އަދި މިދިޔަ އަހަރުގެ މާޗު މަހާ އަޅާބަލާއިރު %17 އިތުރު އަދަދެކެވެ. މި ކުރިއެރުން މައިގަނޑު ގޮތެއްގައި ގުޅިފައިވަނީ ޖީއެސްޓީ، ޓީޖީއެސްޓީ އަދި ގްރީން ޓެކްސްގެ ގޮތުގައި ލިބުނު ފައިސާ އިތުރުވުމާއެވެ. ހަމައެއާއެކު، ފެބްރުއަރީ މަހު ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު %18 އިތުރުވުމުގެ ސަބަބުން، ޓޫރިޒަމް ދާއިރާއާ ގުޅޭ ޓެކްސްތަކާއި، އެއާޕޯޓު ޑިވެލޮޕްމެންޓު ފީ އަދި ޑިޕާޗާ ޓެކްސް އިން ލިބުނު އާމްދަނީ ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މީގެ އިތުރުން، ނުލިބި ހުރި ފައިސާ ހޯދުމަށް މީރާއިން ކުރަމުންދާ މަސައްކަތުގެ ތެރެއިންވެސް ވަނީ މި މުއްދަތުގައި %7.6 ހޯދާފައެވެ.
މިދިޔަ މަހު ބޭރު ފައިސާއިން ލިބުނު އާމްދަނީ 205 މިލިއަން ޑޮލަރަށް އަރާއިރު، ދައުލަތަށް އެންމެ ބޮޑު އާމްދަނީއެއް ހިއްސާކޮށްފައިވަނީ ޖީއެސްޓީންނެވެ. އެއީ 2.4 ބިލިއަން ރުފިޔާ ނުވަތަ ޖުމްލަ އާމްދަނީގެ %59.6 އެވެ. ދެން އެންމެ ގިނައިން ފައިސާ ލިބިފައިވަނީ ރިސޯޓު ލޭންޑް ޓެކްސްއިން 440 މިލިއަން ރުފިޔާ (%10.9)، ގްރީން ޓެކްސްއިން 312 މިލިއަން ރުފިޔާ (%7)، އެއާޕޯޓު ޑިވެލޮޕްމެންޓު ފީގެ ގޮތުގައި 271 މިލިއަން ރުފިޔާ (%6.7)، ޑިޕާޗާ ޓެކްސްއިން 248 މިލިއަން ރުފިޔާ (%6.1) އަދި އިންކަމް ޓެކްސްގެ ގޮތުގައި 198 މިލިއަން ރުފިޔާ (%4.9) އެވެ.
ކޮމެންޓު ފޮނުވާ