އުނގޫފާރު ހޮސްޕިޓަލުން 1.3 މިލިއަން ރުފިޔާގެ އިންވޮއިސް ނުހަދާ އޮތްކަން އޮޑިޓުން ފަޅާއަރައިފި

އުނގޫފާރު ހޮސްޕިޓަލުން 1.3 މިލިއަން ރުފިޔާގެ އިންވޮއިސް ނުހަދާ އޮތްކަން އޮޑިޓުން ފަޅާއަރައިފި

Author
ހުސައިން
02 އޭޕްރިލް 2026 02:26
0

އާސަންދައިގެ ދަށުން އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން ފޯރުކޮށްދިން ހިދުމަތްތަކުގެ ތެރެއިން 1.3 މިލިއަން ރުފިޔާއަށްވާ އިންވޮއިސް ނުހަދާ ހުރިކަން އޮޑިޓާ ޖެނެރަލްގެ އޮފީހުން ހާމަކޮށްފިއެވެ.

އޮޑިޓް އޮފީހުން އާންމުކުރި ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުން، ފާއިތުވި ތިން އަހަރު (2022، 2023 އަދި 2024) ތެރޭގައި އާސަންދައިގެ ދަށުން ހިދުމަތް ދިނުމަށްފަހު 5،186 ބިލެއް ތައްޔާރުކުރި ނަމަވެސް، ހޮސްޕިޓަލުގެ އިންފޮމޭޝަން ސިސްޓަމް (އެޗްއައިއެސް) މެދުވެރިކޮށް އިންވޮއިސްތައް ހަދާފައެއް ނުވެއެވެ. މިކަމުގެ ސަބަބުން ހިދުމަތްތަކަށް ލިބެންޖެހޭ ފައިސާ ނުލިބި ދިގުލައިގެންގޮސް، އެ ފައިސާ އެއްކޮށް ގެއްލުމުގެ ބިރު ބޮޑުކަމަށް އޮޑިޓުން ވަނީ އިންޒާރުދީފައެވެ.

އާސަންދައިގެ އިތުރުން، އަމިއްލަ ފަރާތްތަކަށް ކްރެޑިޓަށް ދިން ހިދުމަތްތަކަށްވެސް އިންވޮއިސް ތައްޔާރުކޮށްފައި ނުވާކަން ވަނީ ފާހަގަވެފައެވެ. ތަފާސްހިސާބުތަކަށް ބަލާއިރު، އިންވޮއިސް ނުހަދާ ހުރި ފައިސާގެ އަދަދު 2022 ވަނަ އަހަރު އަށް ލައްކަ ރުފިޔާއަށް އަރައެވެ. އަދި 2023 ވަނަ އަހަރު ގާތްގަނޑަކަށް ހަތަރު ލައްކަ ރުފިޔާގެ ހިދުމަތް ދީފައިވާއިރު، މިދިޔަ 2024 ވަނަ އަހަރުވެސް 61،000 ރުފިޔާގެ ހިދުމަތަށް އިންވޮއިސް ހަދާފައެއް ނުވެއެވެ.

މީގެ އިތުރުން މާލީ ހިސާބުތައް ބެލެހެއްޓުމުގައިވެސް ބޮޑެތި މައްސަލަތަކެއް ހުރިކަން އޮޑިޓް ރިޕޯޓުން ދައްކައެވެ. ހޮސްޕިޓަލަށް ލިބޭ އާމްދަނީ ގަވާއިދުން ޕަބްލިކް އެކައުންޓް ސިސްޓަމަށް އަޕްޑޭޓްކޮށްފައި ނުވާއިރު، ސިސްޓަމާއި ބޭންކް އެކައުންޓުގައި ހުރި ފައިސާގެ އަދަދުތަކުގައި ވަނީ ބޮޑެތި ފަރަގުތަކެއް އުފެދިފައެވެ.

މިގޮތުން 2024 ވަނަ އަހަރު ޕަބްލިކް އެކައުންޓް ސިސްޓަމުން 9.2 މިލިއަން ރުފިޔާ ދެއްކި ނަމަވެސް އެކައުންޓުގައި ހުރީ 9.1 މިލިއަން ރުފިޔާއެވެ. އަދި 2023 ވަނަ އަހަރު ސިސްޓަމުން 3.8 މިލިއަން ރުފިޔާ ދެއްކިއިރު އެކައުންޓުގައި 4.4 މިލިއަން ރުފިޔާ ހުރިކަން ފާހަގަކުރެވިފައިވެއެވެ. މި ފަރަގުތަކާ ހުރެ، އެ ހޮސްޕިޓަލަށް ލިބުނު ޖުމްލަ އާމްދަނީގެ ސައްހަކަން ކަށަވަރު ކުރެވިފައިނުވާކަމަށް އޮޑިޓް އޮފީހުން ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.