މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ރާއްޖެއަށް ކުރިމަތިވެދާނެ ތެލުގެ ދަތިކަމަކުން ސަލާމަތްވުމަށްޓަކައި، ރާއްޖޭގެ ތިން ސަރަހައްދެއްގައި ތެލުގެ ރިޒާވެއް ގާއިމްކުރުމުގެ މަސައްކަތް ފަށަން ނިންމައިފިކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އިޢުލާންކުރައްވައިފިއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ސޮވެރިން ޑިވެލޮޕްމެންޓް ފަންޑު (އެސްޑީއެފް) ފަދައިން ރާއްޖޭގައި ތެލުގެ ރިޒާވެއް އޮތުމަކީ ނުހަނު މުހިންމު ކަމެއް ކަމަށެވެ. އަދި މިކަމަށް ބޭނުންވާ ދިރާސާތައް މިހާރު ކުރިއަށްދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ހަތަރު އަހަރު ދުވަހުގެ މުއްދަތަކަށް ބަހާލައިގެން ތިން ސަރަހައްދެއްގައި ކުރިއަށްގެންދާ މި މަޝްރޫޢަށް ގާތްގަނޑަކަށް 150 މިލިއަން އެމެރިކާ ޑޮލަރު އިންވެސްޓްކުރަން ޖެހޭނެކަމަށް ރައީސް ވިދާޅުވިއެވެ.
ދުނިޔޭގެ ބާޒާރުގައި ހިނގާ ކޮންމެ ކަމެއްގެ އަސަރު އެންމެ އަވަހަށް ކުރާ އެއް ބާވަތަކީ ތެޔޮ ކަމަށްވާއިރު، ރާއްޖެއަކީ މުޅިންހެން ތެލަށް ބަރޯސާވެފައިވާ ގައުމަކަށް ވުމުން މިފަދަ ރިޒާވެއްގެ މުހިންމުކަން ވަރަށް ބޮޑެވެ. މިހާރުވެސް ދުނިޔޭގެ މަސްރަހަށް އަންނަމުންދާ ބަދަލުތަކާ ގުޅިގެން ރާއްޖޭގައި ތެލުގެ އަގުތައް އުފުލިފައިވާއިރު، ސަރުކާރުގެ މި އައު ޕްލޭންގެ ދަށުން ކުރިމަގުގައި ތެލުގެ އަގުތަކަށް އަންނަ ލޮޅުންތަކުން ރާއްޖޭގެ އިގުތިސާދަށް ބޮޑު ރައްކާތެރިކަމެއް ލިބިގެންދާނެއެވެ.
ކޮމެންޓު ފޮނުވާ