ލަންކާ ހޮސްޕިޓަލުން އާސަންދަ މެދުކަނޑާލިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި، ކޮލޮމްބޯގެ ކިންގްސް ހޮސްޕިޓަލުން އެ ޚިދުމަތް ދޭން ފަށައިފިއެވެ.
ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން އާސަންދައިން ވިދާޅުވީ، ފާއިތުވި މަހުން ފެށިގެން ކިންގްސް ހޮސްޕިޓަލުން ރަސްމީކޮށް ބަލިމީހުންނަށް ފަރުވާ ދޭން ފަށާފައިވާ ކަމަށެވެ. ލަންކާ ހޮސްޕިޓަލާއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވިއިރު، ދެ ފަރާތްވެސް ހުށަހެޅި ކަންކަމަށް އެއްބަސްނުވެވި، އެ ހޮސްޕިޓަލުން ޚިދުމަތް ދިނުން ވަނީ ހުއްޓާލާފައެވެ. ދިވެހިންގެ ތެރޭގައި ލަންކާ ހޮސްޕިޓަލަކީ ބޭސްފަރުވާއަށް ގިނަ ބަޔަކު ބަރޯސާވި ތަނަކަށްވާތީ، އެ ނިންމުން ވެފައިވަނީ ކަންބޮޑުވުން އުފެދުނު ކަމަކަށެވެ.
ކިންގްސް ހޮސްޕިޓަލުން ޚިދުމަތް ދޭން ފެށުމަކީ، ލަންކާގައި ދިރިއުޅޭ ދިވެހިންނަށާއި ބޭސްފަރުވާ ހޯދަން ދާ ފަރާތްތަކަށް ލިބިގެންދިޔަ ލުޔެއް ކަމަށް އާސަންދައިން ފާހަގަ ކުރެއެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ގެންދަނީ ރާއްޖޭން ބޭރުން ފަރުވާ ހޯދުމުގައި ދިވެހިންނަށް ދިމާވާ ދަތިތައް ހައްލުކޮށް، އާސަންދައިގެ ދާއިރާ ފުޅާ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، މިހާރު ރާއްޖޭން ބޭރުގެ 63 ހޮސްޕިޓަލަކާ އެއްބަސްވުން ހަދާފައިވާ އިރު، ސްރީލަންކާގެ 9 ހޮސްޕިޓަލެއް ހިމެނެއެވެ.
ކޮމެންޓު ފޮނުވާ