ކުރިމަތި ވެދާނެ ކުއްލި ހާލަތަކަށް ތައްޔާރު ވުމަށް 241 ކޮމިޓީގެ ކުއްލި ބައްދަލުވުމަކަށް އެދިއްޖެ

ކުރިމަތި ވެދާނެ ކުއްލި ހާލަތަކަށް ތައްޔާރު ވުމަށް 241 ކޮމިޓީގެ ކުއްލި ބައްދަލުވުމަކަށް އެދިއްޖެ

Author
ޙަސަން މުޙައްމަދު
23 މާރޗް 2026 01:04
0

އިޒްރޭލާއި އެމެރިކާއިން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެދާނެ އިޤުތިޞާދީ އަދި ސަލާމަތީ ނުރައްކާތަކަށް ދުރާލާ ތައްޔާރުވުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ)ގެ ބައްދަލުވުމެއް ބޭއްވުމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހިމް އެދިވަޑައިގެންފިއެވެ.

މަޖިލީހުގެ ރައީސް ޢަބްދުއްރަހީމް ޢަބްދުﷲ އަށް ފޮނުއްވި ސިޓީއެއްގައި މެންބަރު ފާހަގަކުރައްވާފައިވާ ގޮތުގައި، މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ ނޭދެވޭ އަސަރު މިހާރުވެސް ރާއްޖެއަށް ކުރަން ފަށައިފިއެވެ. ޚާއްޞަކޮށް ބޭހާއި، ކާބޯތަކެތީގެ އިތުރުން ތެޔޮ ފަދަ ޒަރޫރީ ބާވަތްތައް ހޯދުމަށް ކުރަންޖެހޭ ހޭދަ ބޮޑުވެ، މިއީ ޤައުމީ ސަލާމަތަށް އޮތް ބޮޑު ނުރައްކާއެއްގެ ގޮތުގައި އޭނާ ވަނީ ސިފަކުރައްވާފައެވެ. އޭގެ އިތުރުން، ފަތުރުވެރިކަމަށް ވެސް މިކަމުގެ ލޮޅުން އަރައި، ކޮންމެ ދުވަހަކު ގިނަ އަދަދެއްގެ ބުކިންތައް ކެންސަލްވަމުންދާކަމުގެ ކަންބޮޑުވުންވެސް ވަނީ ފާޅުކުރައްވާފައެވެ.

ދުނިޔޭގެ ބާޒާރުގައި ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު 112 ޑޮލަރަށް އަރާފައިވާއިރު، މަހެއްގެ މައްޗަށް ރާއްޖެއަށް އެވްރެޖްކޮށް 330،000 ފީފާގެ ތެޔޮ ބޭނުންވެއެވެ. މީގެ ކުރިން ތެލަށް މަހަކު 30 މިލިއަން ޑޮލަރު ހޭދަވި ނަމަވެސް، މިހާރު އެ އަދަދު 50 އާއި 60 މިލިއަން ޑޮލަރާ ދެމެދުގެ އަދަދަކަށް އުފުލޭނެކަމަށް ވަނީ ލަފާކޮށްފައެވެ. އަދި އަސާސީ މުދާ އެތެރެކުރުމަށް އެކަނިވެސް މަހަކު 100 މިލިއަން ޑޮލަރު ބޭނުންވާއިރު، ރާއްޖޭގެ ޔޫޒަބަލް ރިޒާވްގައި ހުރީ އެންމެ ދެ މަހާއި ބަޔަށް ފުދޭ މިންވަރު ކަމަށްވާ 240 މިލިއަން ޑޮލަރުކަން އެ ސިޓީގައި ފާހަގަކޮށްފައިވެއެވެ.

އެމެރިކާ އާއި އިޒްރޭލުގެ ހަމަލާތަކަށް ރައްދުދިނުމުގެ ގޮތުން އީރާނުން ހޮރްމުޒް ކަނޑުއޮޅި ބަންދުކުރުމާ ގުޅިގެން މެދުއިރުމަތީގެ ދަތުރުފަތުރާއި ސަޕްލައި ޗެއިންއަށް ވަނީ ބޮޑެތި ހުރަސްތަކެއް އެޅިފައެވެ. މި ހާލަތު ދިގުލައިގެން ހިނގައްޖެނަމަ ރާއްޖޭގައި ތެލާއި، ކާބޯތަކެތި އަދި އެހެނިހެން ޚިދުމަތްތަކުގެ އަގު އިންތިހާއަށް އުފުލިގެންދާނެތީ، މެންބަރު މުހައްމަދު އިބްރާހީމް ވިދާޅުވީ މިފަދަ ނާޒުކު ދަނޑިވަޅެއްގައި ކަމާބެހޭ މަޢުލޫމާތު އެއްކޮށް ދިރާސާކޮށް، ޤައުމު މި ހާލަތަށް ތައްޔާރުކުރުމަކީ މަޖިލީހުގެ ޒިންމާއެއް ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.