ދަތުރު ވެރިޔާއަކީ ކޮބާ؟ ނަމާދު ގަޞްރުކުރުމާއި ޖަމްޢުކުރުން ހުއްދައީ ކޮން ޙާލަތު ތަކެއްގައި؟

ދަތުރު ވެރިޔާއަކީ ކޮބާ؟ ނަމާދު ގަޞްރުކުރުމާއި ޖަމްޢުކުރުން ހުއްދައީ ކޮން ޙާލަތު ތަކެއްގައި؟

Author
ޑރ. މުޙައްމަދު ޢިޔާޒް ޢަބްދުއްލަތީފް
19 މާރޗް 2026 12:20
0

الحمد لله، والصلاة والسلام على رسول الله صلى الله عليه وسلم، وبعد:

ދަތުރުވެރި އަކަށް ބެލެވޭނީ 80 ކިލޯމީޓަރ ގެ ދުރުމިނަށް ދަތުރުކޮށްފިނަމައެވެ. ނުވަތަ އެބައެއްގެ ޢުރްފުގައި (ޢާދަކާދާގައި) އެއީ ދަތުރެއް ކަމުގައި ބެލެވޭނަމައެވެ. މިގޮތުން ދަތުރުވެރި އެއް ކަމުގައި ވެއްޖެނަމަ، އެމީހަކު ދަތުރު ކުރަނީ ވަކި މުއްދަތެއް ކަނޑަ އެޅުމެއް ނެތި ކަމަށްވަނީނަމަ ކިތަންމެ ދުވަހެއް ދަތުރުގައި ހޭދަވީނަމަވެސް ގަޞްރު ކުރެވޭނެއެވެ.

ދަތުރުވެރިޔަކުވެސް ތަނެއްގައި ހަތަރުދުވަހަށްވުރެ ގިނަދުވަހު މަޑުކުރުމަށް ނިޔަތްގަނެފިކަމަށްވަނީނަމަ، ދަތުރުވެރިންނަށް ލިބދީފައިވާ ރުޚްޞައްތަކުގެ ބޭނުން ހިފުމަކީ ހުއްދަވެގެންވާ ކަމެއް ނޫނެވެ.

ހަތަރުދުވަހަށްވުރެ ގިނަދުވަސް ވަންދެން ރަށެއްގައި މަޑުކުރަން ގަސްތުކޮށްފައިވާ ދަތުރުވެރިޔާ، ނަމާދު ގަޞްރުކުރުމެއް ނެތެވެ. ހަތަރުދުވަސް ނުވަތަ އެއަށްވުރެ މަދުން މަޑުކުރަން ގަޞްދުކޮށްފައިވަނީ ނަމަ ނަމާދު ގަޞްރުކުރުމަކުން މައްސަލައެއް ނެތެވެ". އހ.

ފަޟީލަތުލް ޢައްލާމާ އިބްނުބާޒް- ރަޙިމަހުﷲ- ކުރެން ސުވާލު ކުރެވުނެވެ. ނަމާދު ގަޞްރުކުރުން ހުއްދަވާ ދަތުރަކީ ކޮބައިތޯއެވެ؟ އެއީ ވަކި މަސާފަތެއް ކަނޑައެޅިފައިވާ ކަމެއްތޯއެވެ؟ އަދި ރަށެއްގައި ހަތަރު ދުވަހަށްވުރެ އިތުރަށް މަޑުކުރަން ގަޞްދުކޮށްފިމީހާ ގަޞްރުކުރުމުގެ ރުޚްޞަތުގައި ހިފުމާމެދު ދެކިލައްވާ ގޮތަކީ ކޮބައިތޯއެވެ؟

ދަތުރު ވެރިޔާއަށް އިސްލާމް ދީނުގައިވަނީ ލުއި ފަސޭހަަކަން ގާއިމް ކޮށްދެއްވާފަ

ޖަވާބުގައި ވިދާޅުވިއެވެ. ޖުމްހޫރު ޢިލްމުވެރިން ދެކިލައްވާ ގޮތުގައި ދަތުރަކަށްވަނީ ހިނގާފައި ނުވަތަ ޖަމަލުގައި އެއްރޭ އެއްދުވާ ވަންދެން ދަތުރުކުރެވޭ މިންވަރެވެ. އެއީ ގާތްގަޑަކަށް 80 ކިލޯމީޓަރގެ ރާސްތާއެވެ. އެހެނީ ޢުރްފުގައިވެސް ދަތުރެއްކަމަށް ބުނެވޭނީ މިދެންނެވި މަސާފަތު ކަޑައްތު ކުރުމުންނެވެ. އެޔަށްވުރެ ކުރުވުމުން ދަތުރެއްކަމުގައި ކިޔައެއް ނޫޅެއެވެ.

އަދިވެސް ޖުމްހޫރު ޢިލްމުވެރިން ދެކިލައްވާ ގޮތުގައި ހަތަރު ދުވަހަށްވުރެ ގިނަދުވަސްވަންދެން ރަށެއްގައި މަޑުކުރުމަށް، ގަޞްދުކޮށްފިމީހާގެ މައްޗަށް ނަމާދު އިތްމާމް ކުރުމާއި ރަމަޟާންމަހު ރޯދަ ހިފުން ވާޖިބުވެއްޖެއެވެ.  އަދި އޭނާ އެރަށެއްގައި މަޑުކުރަން ގަޞްދުކޮށްފައިވަނީ ހަތަރު ދުވަސް ނުވަތަ އެއަށްވުރެ މަދުން ކަމުގައިވަނީ ނަމަ ނަމާދު ގަޞްރު ޖަމްޢު ކުރުމާއި ރަމަޟާންމަހުގެ ރޯދަ ދޫކޮށްލުން ހުއްދަވެގެންވެއެވެ. އެހެނީ ރަށެއްގައި ގާއިމްވެ ހުންނަ މީހާގެ އަޞްލަކީ ނަމާދު އިތްމާމް ކުރުމެވެ. ނަމާދު ގަޞްރުކުރުން ހުއްދަވަނީ އޭނާ ދަތުރަކަށް ފެށުމުންނެވެ". (ފަތާވާ އިބްނުބާޒް 12-270).

މީހަކު އަދާކުރާ ވަޒީފާއެއްގެ ސަބަބުން އަހްލުވެރިންނާއި ދުރުގައި ނަމާދު ގަޞްރުކުރުން ހުއްދަވާ ހިސާބުގައި އުޅޭ މީހާ އާއި ބެހޭ ގޮތުން ސަޢޫދީ ޢަރަބިއްޔާގެ ފަތްވާ ކޮމިޓީ އާއި ސުވާލުކުރެވުނެވެ. އެފަދަ މީހާ، އޭނާގެ އަހްލުންނާއި މަސައްކަތް ކުރާތަނާއި ދެމެދުގައި ދަތުރުކުރާމީހަކަށްވީއިރު، އޭނާ ނަމާދު ގަޞްރު ކުރާނީ ހަމައެކަނި މަގުމަތީގައި ދަތުރުމަތީގައި އުޅޭވަގުތުގައިތޯއެވެ؟ މަޢްލޫމާތަށްޓަކައި ދަންނަވަމެވެ. އޭނާ ފުރަތަމަވެސް ގަޞްދުކޮށްފައިވަނީ މަސައްކަތްކުރާ ތަނުގައި މަހެއްހާ ދުވަހު ހުރުމަށެވެ؟

ޖަވާބުގައި ފަތްވާ ކޮމިޓީގެ ފަރާތުން ވިދާޅުވިއެވެ. އޭނާގެ އަހްލުވެރިން ތިބޭ ތަނާއި މަސައްކަތްކުރާތަނާއި ދެމެދުގައި ނަމާދު ގަޞްރުކުރުން ހުއްދަވާ މަސާފަތުހުރިކަމަށްވަނީނަމަ، ދަތުރުކުރާ މަގުމަތީގައި ގަޞްރުޖަމްޢުކުރުން ހުއްދަވެގެންވެއެވެ. އޭނާ މަސައްކަތްކުރާ ތަނުގައި މަހެއްހާދުވަހު ހުރުމަށް ނިޔަތްގަންފައިވާ ކަމަށް ވަނީ ނަމަ، ދަތުރުވެރިންނަށް ލިބިގެންވާ ރުޚްޞަތުތަކުގައި ހިފުން ހުއްދަވެގެންނުވެއެވެ. އަދިކިއެއްތަ، ކޮންމެ ނަމާދެއްވެސް އެނަމާދެއްގެ ވަގުތުގައި ފުރިހަމަ އަށް ކުރުން އެމީހެއްގެ މައްޗަށް ވާޖިބުވެގެންވެއެވެ". (ފަތާވާ އައްލަޖްނަތުއްދާއިމާ ލިލްބުޙޫޘި ވަލްއިފްތާއި 8-94،95).

ބޭރުގައުމަކަށް ދެއަހަރު ދުވަހުގެ މުއްދަތަށް ފުރައިގެންދާމީހާ ނަމާދު ގަޞްރުކުރުން ހުއްދަވެގެންވޭތޯ، ފަތްވާ ކޮމިޓީ އާއި ސުވާލު ކުރެވުނެވެ. ޖަވާބުގައި އެބޭކަލުން ވިދާޅުވިއެވެ.

ހަތަރު ރަކްޢަތް ނަމާދު ގަޞްރުކުރުން ހުއްދަވެގެންވަނީ ހަމައެކަނި ދަތުރުވެރިންނަށެވެ. ﷲ ވަޙީ ކުރައްވާފައިވެއެވެ.  (وَإِذا ضَرَبتُم فِى الأَرضِ فَلَيسَ عَلَيكُم جُناحٌ أَن تَقصُروا مِنَ الصَّلوٰةِ إِن خِفتُم أَن يَفتِنَكُمُ الَّذينَ كَفَروا ۚ إِنَّ الكٰفِرينَ كانوا لَكُم عَدُوًّا مُبينًا) މާނައަކީ: "ތިޔަބައިމީހުން ބިމުގައި ދަތުރުފަތުރުކޮށް އުޅޭއިރު، كافرވި މީހުންތިޔަބައިމީހުންނަށް ގެއްލުމެއް ދީފާނެކަމަށް ބިރުގެންފިނަމަ، ނަމާދު قصرކުރުމަކުން ތިޔަބައިމީހުންގެ މައްޗަކަށް ކުށެއްނެތެވެ. ހަމަކަށަވަރުން،ތިޔަބައިމީހުންނަށް ފާޅުވެގެންވާ عداوةތެރިން ކަމުގައި كافرން ވިއެވެ".

ނަމާދަކީ އިސްލާމްދީނުގައި ވަގުތު ކަނޑައެޅިގެންވާ އަޅުކަމެއް

ޔަޢްލާ ބިން އުމައްޔާ-ރަޟިޔަﷲ ޢަންހު- ވިދާޅުވިއެވެ. ތިމަންކަލޭގެފާނު ޢުމަރު ބިން އަލްޚައްޠާބަށް ދެންނެވީމެވެ. (فَلَيسَ عَلَيكُم جُناحٌ أَن تَقصُروا مِنَ الصَّلوٰةِ إِن خِفتُم أَن يَفتِنَكُمُ الَّذينَ كَفَروا ) "ތިޔަބައިމީހުން ބިމުގައި ދަތުރުފަތުރުކޮށް އުޅޭއިރު، كافرވި މީހުންތިޔަބައިމީހުންނަށް ގެއްލުމެއް ދީފާނެކަމަށް ބިރުގެންފިނަމަ، ނަމާދު قصرކުރުމަކުން ތިޔަބައިމީހުންގެ މައްޗަކަށް ކުށެއްނެތެވެ". މިހާރަކު މީސްތަކުންނަކަށް ބިރެއްނެތެވެ. މަގުމިއޮތީ އަމާންވެފައެވެ. އެހިނދު ޢުމަރު ބިން އަލްޚައްޠާބު -ރަޟިޔަﷲ ޢަންހު- ވިދާޅުވިއެވެ. "ކަލޭގެފާނު ތިޔަ ހައިރާންވެފައިވާ ކަންތަކާއިމެދު އަޅުގަޑުވެސް ޙައިރާންވެގެން ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- އާއި ސުވާލު ކުރީމެވެ. އެހިނދު ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. "އެއީ މާތް ﷲ ތިޔަބައިމީހުންނަށް ދެއްވި ޞަދަގާތެކެވެ. ފަހެ، ތިޔަބައިމީހުން އެޞަދަގާތް ގަބޫލު ކުރާށެވެ".

ރަށެއްގައި ހަތަރު ދުވަސް ނުވަތަ އެއަށްވުރެ މަދުން މަޑުކޮށްފިމީހާ އަކީ ދަތުރުވެރިއެއްކަމުގައި ބެލެވޭނެއެވެ. އިބްނު ޢައްބާސާއި ޖާބިރު-ރަޟިޔަﷲ ޢަންހުމާ- ގެ ކިބައިން ރިވާވެގެންވެއެވެ. (أن النبي صَلَّى اللَّهُ عَلَيْهِ وَسَلَّمَ قدم مكة لصبح رابعة من ذي الحجة في حجة الوداع ، فأقام صَلَّى اللَّهُ عَلَيْهِ وَسَلَّمَ اليوم الرابع والخامس والسادس والسابع ، وصلى الفجر بالأبطح اليوم الثامن ، فكان يقصر الصلاة في هذه الأيام ) މާނައަކީ: "ޙައްޖަތުލްވަދާޢުގެ އަހަރުގެ ޛިލްޙިއްޖާމަހުގެ ހަތަރުވަނަ ދުވަހުގެ ހެނދުނު ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- މައްކާ އަށް އަރައިވަޑައިގަތެވެ. އަދި ހަތަރެއް، ފަހެއް، ހަޔެއް، ހަތެއް، މިދުވަސްތަކުގައި މައްކާގައި އެކަލޭގެފާނު މަޑުކުރެއްވިއެވެ. އަށްވަނަ ދުވަހުގެ ފަތިސްނަމާދު ކުރެއްވީ އަބްޠަޙުގައެވެ. މިހުރިހާ ދުވަސްތަކެއްގައިވެސް އެކަލޭގެފާނު ނަމާދު ކުރެއްވީ ގަޞްރުކޮށެވެ".

އެހެންކަމުން ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ކަންތައް ކުރެއްވި ގޮތަށް ހަތަރުދުވަސް ނުވަތަ އެޔަށްވުރެ މަދު މުއްދަތެއް ވަންދެން ރަށެއްގައި މަޑުކުރަން ނިޔަތްގަންފައިވާ މީހާ ނަމާދު ގަޞްރު ކުރުމަކުން މައްސަލަ އެއް ނެތެވެ. ނަމަވެސް އެއަށްވުރެ އިތުރަށް މަޑުކުރަން ގަޞްދުކޮށްފިމީހާ ނަމާދު ކުރާނީ އިތްމާމް ކޮށްނެވެ. އެހެނީ އެފަދަމީހުންނީ ދަތުރުވެރިންގެ ޙުކުމް ހިނގާ ބަޔަށް ނުވުމުވެ". އހ.

والله أعلم .

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.