މިއަހަރުގެ ފެބްރުއަރީ މަހު ދައުލަތަށް ޑޮލަރުން ޓެކްސް ދެއްކި ނިސްބަތް، މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 20 އިންސައްތަ އިތުރުވެއްޖެކަމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހާމަކޮށްފިއެވެ.
މީރާގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން، ޑޮލަރުން ލިބުނު ޓެކްސް އިތުރުވި ނަމަވެސް، ޖުމްލަ ޑޮލަރު އާމްދަނީ ވަނީ 7.9 އިންސައްތަ ދަށަށް ގޮސްފައެވެ. އެގޮތުން މިދިޔަ އަހަރުގެ ފެބްރުއަރީ މަހު 137.72 މިލިޔަން ޑޮލަރު ލިބުނުއިރު، މިއަހަރުގެ އެ މުއްދަތުގައި ލިބިފައިވަނީ 126.85 މިލިޔަން ޑޮލަރެވެ. މުޅި ޖުމްލަ ޑޮލަރު އާމްދަނީ ދަށްވި މައިގަނޑު ސަބަބަކީ ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ނަގާ ލީސް ޕީރިއަޑް އެކްސްޓެންޝަން ފީ ލިބުނު މިންވަރު ބޮޑުތަނުން މަދުވުމެވެ. މިދިޔަ އަހަރު އެ ފީގެ ގޮތުގައި 35 މިލިޔަން ޑޮލަރު ލިބުނު ނަމަވެސް، މިއަހަރު ލިބިފައިވަނީ އެންމެ 5.9 މިލިޔަން ޑޮލަރެވެ.
އެހެންނަމަވެސް، ޑޮލަރުން ލިބުނު ޓެކްސް އާމްދަނީއަށް ބޮޑު ކުރިއެރުމެއް އައިސްފައިވާއިރު، މީގެ އެންމެ ބޮޑު ހިއްސާއެއް ވަނީ ފަތުރުވެރިކަމުގެ ދާއިރާއިން ނަގާ ޓީޖީއެސްޓީންނެވެ. ފެބްރުއަރީ މަހު ޓީޖީއެސްޓީގެ ގޮތުގައި 75.2 މިލިޔަން ޑޮލަރު ލިބިފައިވެއެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 25 އިންސައްތައިގެ ބޮޑު ކުރިއެރުމެކެވެ. މީގެ އިތުރުން، ދިވެހި ރުފިޔާއިން ވެސް ޓީޖީއެސްޓީގެ ގޮތުގައި 1.15 ބިލިޔަން ރުފިޔާ ދައުލަތަށް ލިބިފައިވާކަމަށް މީރާގެ ރިޕޯޓުން ދައްކައެވެ.
ކޮމެންޓު ފޮނުވާ