ފެބުރުވަރީ މަހު މީރާއަށް ލިބުނު އާމްދަނީ އަންދާޒާއަށްވުރެ %11.6 ދަށަށް

ފެބުރުވަރީ މަހު މީރާއަށް ލިބުނު އާމްދަނީ އަންދާޒާއަށްވުރެ %11.6 ދަށަށް

Author
ޙަސަން މުޙައްމަދު
08 މާރޗް 2026 11:01
0

 

ނިމިދިޔަ ފެބުރުވަރީ މަހު މީރާއަށް ޖުމްލަ 2.80 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ އަންދާޒާކުރި ވަރަށްވުރެ %11.6 އަދި މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު %0.8 ދަށް އަދަދެކެވެ.

މީރާއިން ބުނީ މިދިޔަ އަހަރާ އަޅާބަލާއިރު އާމްދަނީ ދަށްވީ ރިޒޯޓުތަކުގެ ކުލީގެ މުއްދަތު އިތުރުކުރުމުގެ ފީއާއި، އެއާޕޯޓް ޑިވެލޮޕްމަންޓް ފީ އަދި ރިޒޯޓު ކުލިން ލިބުނު އާމްދަނީ މަދުވުމުން ކަމަށެވެ. ހަމައެއާއެކު ފެބުރުވަރީ މަހުގެ ޓެކުހުގެ ސުންގަޑިތައް ރަސްމީ ބަންދު ދުވަސްތަކާ ދިމާވެ، އެ ސުންގަޑިތައް މާރިޗު މަހަށް ފަސްކުރަން ޖެހުމަކީވެސް އާމްދަނީ ދަށްވި ސަބަބެއް ކަމަށް އެ އޮތޯރިޓީން ފާހަގަކުރެއެވެ. އަންދާޒާއަށްވުރެ ދަށްވުމުގައި ޖީ.އެސް.ޓީއާއި، އެއާޕޯޓް ޓެކުހާއި ފީ އަދި ގްރީން ޓެކުހުން ލިބުނު މިންވަރު ކުޑަވުން ހިމެނެއެވެ.

ފެބުރުވަރީ މަހުގެ އާމްދަނީގެ އެންމެ ބޮޑު ހިއްސާއެއް އަދާކުރީ ޖީ.އެސް.ޓީންނެވެ. އެއީ ޖުމްލަ އާމްދަނީގެ %52.3 ނުވަތަ 1.4 ބިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބުނީ އިންކަމް ޓެކުހުންނެވެ. އެއީ 599.2 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން ގްރީން ޓެކްސް، ޑިޕާޗަރ ޓެކްސް، އެއާޕޯޓް ޑިވެލޮޕްމަންޓް ފީ އަދި ރިޒޯޓު ކުލީގެ މުއްދަތު އިތުރުކުރުމުގެ ފީއަކީވެސް ފާހަގަކޮށްލެވޭ އާމްދަނީގެ ދާއިރާތަކެވެ.

މީރާއިން ހާމަކުރި ގޮތުގައި ފެބުރުވަރީ މަހު ލިބުނު ޖުމްލަ އާމްދަނީގެ %19.0 އަކީ ކުރީގެ ސުންގަޑިތަކަށް ދައްކާފައިވާ ފައިސާއެވެ. އަދި %16.9 އަކީ ނުދެއްކި ހުރި ފައިސާ ހޯދުމަށް ކުރި މަސައްކަތުން ލިބުނު ފައިސާއެވެ. ނުލިބި ހުރި ފައިސާ ހޯދުމުގެ މަސައްކަތުން ޖުމްލަ 666 މިލިއަން ރުފިޔާ ވަނީ ހޯދާފައެވެ. އޭގެ ތެރެއިން 399 މިލިއަން ރުފިޔާ ހޯދީ ނޯޓިސް ފޮނުވައިގެންނެވެ. އަދި ޑިއުސް ކްލިއަރެންސްގެ ތެރެއިން 156 މިލިއަން ރުފިޔާ ލިބުނުއިރު، އިންސްޓޯލްމަންޓް އެއްބަސްވުންތަކާއި ފޯނު ކޯލުތައް އަދި ބޭންކް އެކައުންޓް ހިފެހެއްޓުން ފަދަ ފިޔަވަޅުތައް މެދުވެރިކޮށްވެސް ބޮޑެތި ޢަދަދުތަކެއް ވަނީ ހޯދާފައެވެ.


ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.