ޖެނުއަރީ މަހުގެ އިންކަމް ޓެކްސް އާމްދަނީ 1.5 ބިލިއަން ރުފިޔާއަށް އަރައިފި

ޖެނުއަރީ މަހުގެ އިންކަމް ޓެކްސް އާމްދަނީ 1.5 ބިލިއަން ރުފިޔާއަށް އަރައިފި

Author
ޙަސަން މުޙައްމަދު
21 ފެބްރުއަރީ 2026 07:05
0

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން، ނިމިދިޔަ ޖެނުއަރީ މަހު އިންކަމް ޓެކްސްގެ ގޮތުގައި ދައުލަތަށް 1.5 ބިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިއްޖެއެވެ.

މީރާގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ މަހު އިންކަމް ޓެކްސްގެ ގޮތުގައި ރުފިޔާއިން 962.3 މިލިއަން ލިބުނުއިރު، ޑޮލަރުން ލިބިފައިވަނީ 37.6 މިލިއަނެވެ. މިއީ 2025 ވަނަ އަހަރުގެ ޖެނުއަރީ މަހު ލިބުނު 1.1 ބިލިއަން ރުފިޔާއާ އަޅާބަލާއިރު ފާހަގަކޮށްލެވޭ ބޮޑު ކުރިއެރުމެކެވެ.

މި މުއްދަތުގައި އިންކަމް ޓެކްސްގެ ގޮތުގައި އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ބޭންކުތަކުގެ ފައިދާއިންނެވެ. އެގޮތުން ބޭންކް އިންކަމް ޓެކްސްގެ ގޮތުގައި 490.1 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވެއެވެ. މީގެ އިތުރުން ނޮން-ރެސިޑެންޓް ވިތްހޯލްޑިންގ ޓެކްސްގެ ގޮތުގައި 692 މިލިއަން ރުފިޔާ ލިބިފައިވާއިރު، ކުންފުނިތަކުގެ އާމްދަނީން ވެސް 692 މިލިއަނަށްވުރެ ގިނަ ރުފިޔާ ދައްކާފައިވެއެވެ. އަދި އަމިއްލަ ފަރުދުންގެ އާމްދަނީން ޓެކްސްގެ ގޮތުގައި 47.9 މިލިއަން ރުފިޔާ ވަނީ ބަލައިގަނެފައެވެ.

އިންކަމް ޓެކްސްއަކީ އަމިއްލަ ފަރުދުންނާއި، ވިޔަފާރި ކުންފުނިތަކާއި ބޭންކުތަކުގެ އިތުރުން ރާއްޖޭގައި ވަޒަންވެރިވެފައި ނުވާ ފަރާތްތަކަށް ލިބޭ އާމްދަނީން ދައުލަތަށް ނަގާ މުހިންމު ޓެކްސްއެކެވެ. މިއީ ދައުލަތުގެ ހިންގުމުގެ ޚަރަދުތައް ހަމަޖެއްސުމަށާއި، ރާއްޖޭގެ ތަރައްޤީގެ އެކި މަޝްރޫޢުތައް ހިންގުމަށް ބޭނުންކުރާ މުހިންމު މާލީ ވަސީލަތެކެވެ. ރާއްޖޭގައި އިންކަމް ޓެކްސް ނަގަން ފަށާފައިވަނީ 2020 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ކަމަށްވީ ނަމަވެސް، އުޖޫރައިން ޓެކްސް ނަގަން ފަށާފައިވަނީ އެ އަހަރުގެ އޭޕްރީލް މަހުން ފެށިގެންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.