ޕެންޝަން ފަންޑުގެ 2.4 ބިލިއަންގެ މުއާމަލާތާ މެދު މަޖިލީހުގެ ރައުޔު ހޯދަން ގަރާރެއް ހުށަހަޅައިފި

ޕެންޝަން ފަންޑުގެ 2.4 ބިލިއަންގެ މުއާމަލާތާ މެދު މަޖިލީހުގެ ރައުޔު ހޯދަން ގަރާރެއް ހުށަހަޅައިފި

Author
ހުސައިން
17 ފެބްރުއަރީ 2026 09:48
0

ޕެންޝަން ފަންޑުގައި ހުރި ފައިސާއިން 2.4 ބިލިއަން ރުފިޔާ ސަރުކާރުގެ ބޮންޑަކަށް އިންވެސްޓްކުރުމަށް ހިންގާ މުއާމަލާތާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ދެކެވަޑައިގަންނަވާ ގޮތް ސާފުކުރުމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހއްމަދު އިބްރާހިމް (ކުޑޫ) މަޖިލީހަށް ގަރާރެއް ހުށަހަޅުއްވައިފިއެވެ.

މި ގަރާރު ހުށަހެޅުއްވީ ޕެންޝަން ފަންޑަށް މަރުކަޒީ ބޭންކު (އެމްއެމްއޭ) އިން 2.5 ބިލިއަން ރުފިޔާ އިންވެސްޓްކުރުމަށްފަހު، އެ ފައިސާ އަނބުރާ ސަރުކާރުގެ ބޮންޑަކަށް އިންވެސްޓްކުރުމަށް ނިންމާފައިވާ ދަނޑިވަޅެއްގައެވެ. މި މުއާމަލާތް ހިންގުމަށް ހަމަޖެހިފައިވާ ގޮތަކީ، ޕެންޝަން ފަންޑުގައި ހުރި ސަރުކާރުގެ 2.4 ބިލިއަން ރުފިޔާގެ ބޮންޑު އެމްއެމްއޭއަށް ވިއްކާލުމަށްފަހު، ލިބޭ ފައިސާއިން އަނެއްކާވެސް ޕެންޝަން އޮފީހުން ސަރުކާރުގެ 2.5 ބިލިއަން ރުފިޔާގެ އާ ބޮންޑެއް ގަތުމެވެ.

މެންބަރު މުހައްމަދު އިބްރާހިމް ހުށަހެޅުއްވި ގަރާރުގައި ބަޔާންކުރައްވާފައިވާ ގޮތުގައި، މިއީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓަށްވުރެ އިތުރަށް އަދި ބަޖެޓުން ބޭރުން ކުރާ ހަރަދެއް ކަމަށްވާތީ، މިއީ ގާނޫނުއަސާސީއާއި މާލިއްޔަތު ގާނޫނާ ޚިލާފު އަމަލެކެވެ. އަދި ޕެންޝަނާ ބެހޭ ގާނޫނުގެ ދަށުން، ޕެންޝަން އެސެޓްސް އިންވެސްޓްކުރުމަށް ސަރުކާރުން އެދޭނަމަ އެކަން ކުރަންވާނީ ލިޔުމުން ކަމަށާއި، އެ މައުލޫމާތު ހާމަކުރަން ޖެހޭނެކަންވެސް ގަރާރުގައި ފާހަގަކުރައްވާފައިވެއެވެ.

މީގެ އިތުރުން، ފިސްކަލް ޒިންމާގެ ގާނޫނުގައި ދަރަންޏަށް ފައިސާ ނެގުމަށް ކަނޑައަޅާފައިވާ އުސޫލުތަކުގެ ބޭރުން، ޕެންޝަން ފަންޑު މެދުވެރިކޮށް ނާޖާއިޒު ގޮތެއްގައި ފައިސާ ހޯދަން ސަރުކާރުން މަސައްކަތްކުރާކަމަށް ގަރާރުގައި ތުހުމަތުކޮށްފައިވެއެވެ. މިކަމާ ދެކޮޅަށް ޕެންޝަން އޮފީހުގެ އިސް ތަޖުރިބާކާރުން އިސްތިއުފާ ދެއްވުމަކީ ކަމުގެ ނުރައްކާ އޮތް މިންވަރު ހާމަވާ ކަމެއް ކަމަށާއި، މިއީ ފަންޑުގެ މިނިވަންކަން ގެއްލި މާލީ ނިޒާމަށް އޮތް އިތުބާރު ގެއްލިދާނެ ކަމެއް ކަމަށް މެންބަރު ވިދާޅުވިއެވެ.

މި މުއާމަލާތުގެ ސަބަބުން ދިވެހި ރުފިޔާގެ އަގު ދަށްވެ، ތަކެތީގެ އަގު އުފުލިގެން ދިއުމުގެ ބިރު އޮތްކަން ފާހަގަކުރައްވައި، ސަރުކާރު ޖަވާބުދާރީކުރުވުމުގެ ގޮތުން ވެރިކަން ކުރާ ޕީއެންސީގެ މެޖޯރިޓީ އޮތް މަޖިލީހުގެ މެންބަރުން މިކަމުގައި ދެކޭގޮތް ހާމަކުރުމަށް ގަރާރުގައި ވަނީ ގޮވާލައްވާފައެވެ. އަދި ރައްޔިތުންގެ ފައިސާ މިގޮތަށް ހުސްކޮށްލަމުންދާކަން ފާޅުކަން ބޮޑު ގޮތެއްގައި ފެންނަން އޮތް ކަމަށްވެސް ގަރާރުގައި ބަޔާންކޮށްފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.