މިސްކިތްތަކަށް ގެއްލުން ދިނުމަކީ ޓެރަރިޒަމްގެ އަމަލެއް ކަމަށް ކަނޑައަޅަން ހުށަހެޅި ބިލު މަޖިލީހަށް ބަލައިގެންފި

މިސްކިތްތަކަށް ގެއްލުން ދިނުމަކީ ޓެރަރިޒަމްގެ އަމަލެއް ކަމަށް ކަނޑައަޅަން ހުށަހެޅި ބިލު މަޖިލީހަށް ބަލައިގެންފި

Author
ޙަސަން މުޙައްމަދު
11 ފެބްރުއަރީ 2026 02:05
0

މިސްކިތްތަކަށް ގެއްލުން ދިނުމަކީ ޓެރަރިޒަމްގެ އަމަލެއްގެ ގޮތުގައި ކަނޑައެޅުމަށްޓަކައި، ޓެރަރިޒަމް މަނާކުރުމާބެހޭ ގާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން މިއަދު ބަލައިގެންފިއެވެ.

މި އިސްލާހު މަޖިލީހަށް ބަލައިގަތުމަށް ފާސްވީ، މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 56 މެންބަރުންގެ އިއްތިފާގުންނެވެ. ޖަލްސާގައި ޖުމްލަ 72 މެންބަރުން ހާޒިރުވެ ތިއްބެވި ނަމަވެސް، އޭގެ ތެރެއިން ބައެއް މެންބަރުން ވޯޓުގައި ބައިވެރިވެވަޑައިގެންފައެއް ނުވެއެވެ. ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް (ކުޑޫ) މިދިޔަ ނޮވެންބަރު މަހުގެ ފަހުކޮޅު ހުށަހެޅުއްވި މި ބިލަށް ބަހުސްކުރެއްވިއިރު، ވެރިކަންކުރާ ޕީއެންސީ އާއި އިދިކޮޅު އެމްޑީޕީގެ މެންބަރުން ވެސް ވަނީ މިކަމަށް ތާއީދުކުރައްވާފައެވެ.

މި އިސްލާހުގައި ވަނީ ޓެރަރިޒަމްގެ އަމަލުތައް ބަޔާންކުރާ މާއްދާގެ ފަހަތަށް އަކުރެއް އިތުރުކޮށް، މިސްކިތްތަކަށް ގެއްލުން ދިނުމަކީ ޓެރަރިޒަމްގެ އަމަލެއްގެ ގޮތުގައި ހިމެނުމަށެވެ. މެންބަރު ކުޑޫ ވިދާޅުވި ގޮތުގައި މިފަދަ އިސްލާހެއް ހުށަހެޅުއްވީ ފަހަކަށް އައިސް ރާއްޖޭގައި މިސްކިތްތަކަށް ގެއްލުންދިނުން ތަކުރާރުވަމުން ދާތީއާއި، އެއީ މިސްކިތްތަކުގެ ކަރާމާތަށް އުނިކަން ލިބޭ ފަދަ އަމަލަކަށް ވާތީއެވެ. އަދި މިސްކިތްތަކުގެ ކަރާމާތް ހިފެހެއްޓުމަކީ އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުމުގެ ތެރެއިންވާ ކަމެއްކަން ވެސް މެންބަރު ފާހަގަކުރެއްވިއެވެ.

ފަހަކަށް އައިސް މިސްކިތްތަކުގެ ހުރުމަތް ކެނޑުމުގެ މައްސަލަތައް އިތުރުވެފައިވާއިރު، މިދިޔަ ނޮވެންބަރު މަހު އައްޑޫ ހިތަދޫގެ މަސްޖިދުލް ޢުމަރުލްފާރޫޤު މިސްކިތަށް ބަޔަކު ވަދެ، އެތަނުގެ ގޮނޑިތައް އުކައި މުސްހަފުތަކަށް ވަނީ ގެއްލުންދީފައެވެ. މީގެއިތުރުން މާލޭގެ ފުރުޤާން މިސްކިތަށާއި މަސްޖިދުއް ސުލްޠާން ޙަސަން ޢިއްޒުއްދީން މިސްކިތަށް ގެއްލުންދިން މައްސަލައެއްގައި 24 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާކަން ވެސް ފާހަގަކޮށްލެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.