އިސްލާމީ އުޚުއްވަތްތެރިކަމާއި، އެއް މުސްލިމަކު އަނެއް މުސްލިމަކަށް އެހީތެރިވުމުގެ މަތިވެރިކަމުގެ މައްޗަށް މިއަދުގެ ހުކުރު ޚުތުބާގައި އަލިއަޅުވާލައްވައިފިއެވެ. މިގޮތުން ދުނިޔެމަތީގައި މުއުމިނުންނަށް ދިމާވާ ދަތިކަމެއް ފިލުވައިދީފި މީހަކަށް، ޤިޔާމަތް ދުވަހުން ޖެހޭ މުސީބާތްތަކުގެ ތެރެއިން މުސީބާތެއް މާތް ﷲ ފިލުވައިދެއްވާނެކަން ޙަދީޘް ބަސްފުޅުތަކުން ދޭހަވާކަން ޚުތުބާގައި ބަޔާންކުރެއްވިއެވެ.
"ލޭ ހަދިޔާ ކުރުމަކީ ސަދަގާތެއް" މި މައުޟޫއަށް ޚާއްސަ ކުރެއްވުނު މިއަދުގެ ޚުޠުބާގައި ވިދާޅުވީ ދަތި ހާލުގައިވާ މީހާއަށް ލުއިކޮށްދީފި މީހާއަށް ދުނިޔެއާއި އާޚިރަތުގައިވެސް ލުއިކޮށްދެއްވާނެކަމަށާއި، ހަމައެފަދައިން މީހަކު އޭނާގެ އަޚާއަށް އެހީވުމުގައި ދެމިހުރިހާ ހިނދަކު މާތް ﷲ އެމީހެއްގެ އެހީތެރިކަމުގައި ވޮޑިގެންވާކަން ހަނދާންކޮށްދެއްވިއެވެ.
މީގެ އިތުރުން، އިސްލާމްދީނުގައި ނަހަމަ ގޮތުގައި މީހުން މެރުމާއި ބިމުގައި ފަސާދަ އުފެއްދުމަކީ ކިހާ ބޮޑު ފާފައެއްކަން އަންގައިދިނުމުގެ ގޮތުން، އެންމެ ނަފްސެއް މެރުމަކީވެސް މުޅި އިންސާނިއްޔަރު މެރުން ފަދަ ކަމެއްކަން އަންގަވާފައިވާ އާޔަތް ޚުތުބާގައި ގެންނެވިއެވެ. އަދި އިޙްސާންތެރިވުމުގެ މާތްކަމާއި، ޤިޔާމަތް ދުވަހުން މާތް ﷲ ގެ ވަޖުހުފުޅު ފެނުމުގެ ނަސީބު ލިބޭނީ ހެޔޮ ޢަމަލުކުޅަ މީހުންނަށްކަން ފާހަގަކުރެއްވިއެވެ.
ޚުތުބާ ނިންމަވާލައްވަމުން ޚާއްސަ ގޮތެއްގައި އަލިއަޅުވާލެއްވީ ދެމިގެންވާ ޞަދަޤާތް ނުވަތަ ޞަދަޤާތުއް ޖާރިޔާގެ މުހިންމު ކަމަށެވެ. އިންސާނާ މަރުވުމަށްފަހު އޭނާގެ ޢަމަލުތައް ކެނޑިގެން ދިޔަ ނަމަވެސް، ތިން ކަމަކުން ސަވާބު ލިބިލިބި ހުންނާނެކަން ބަޔާންކުރެއްވިއެވެ. އެއީ ދެމިގެންވާ ޞަދަޤާތަކާއި، އެއިން މަންފާކުރާ ޢިލްމެއް އަދި އެމީހަކަށްޓަކައި ހެޔޮ ދުޢާކޮށްދޭނެ ޞާލިޙު ދަރިއެކެވެ.
އެހެންކަމުން މުޖުތަމަޢުގެ ލާބައާއި މަންފާއަށްޓަކައި މިސްކިތް ބިނާކުރުމާއި، ފެންވަޅު ބެހެއްޓުމާއި، ސްކޫލްތަކާއި ހޮސްޕިޓަލްތަކަށް އެހީވުން ފަދަ ދެމިގެންވާ ޞަދަޤާތްތައް ކުރުމަށް ޚުތުބާގައި ވަނީ ނަސޭހަތްތެރިވެވަޑައިގެންފައެވެ.
ކޮމެންޓު ފޮނުވާ