ސިވިލް ސާވިސްގެ މުވައްޒަފުންގެ މުސާރަތައް އެއްހަމަކުރުމުގެ ގޮތުން ޕޭ ފްރޭމްވޯކަށް ގެނައި ބަދަލުތަކާ ގުޅިގެން، ސިވިލް ސާވިސްގެ އިދާރާތަކާއި ލޯކަލް ކައުންސިލްތަކުގައި މަސައްކަތްކުރާ ލީގަލް އޮފިސަރުންގެ މުސާރަ ކުޑަވެފައިވާތީ، އެކަން ހައްލުކޮށްދެއްވުމަށް އެދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ނެޝަނަލް ޕޭ ކޮމިޝަނަށް މައްސަލައެއް ހުށަހަޅުއްވައިފިއެވެ.
މެންބަރު ކުޑޫ ޕޭ ކޮމިޝަނަށް ހުށަހެޅުއްވި މައްސަލައިގައި ފާހަގަކުރައްވާފައިވާ ގޮތުގައި، މިދިޔަ ނޮވެމްބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން އަމަލުކުރަން ފެށި އައު އޮނިގަނޑާއެކު ލީގަލް އޮފިސަރުންނަށް ލިބެމުންދިޔަ މުސާރައާއި އިނާޔަތްތަކަށް ވަނީ އުނިކަން އައިސްފައެވެ. އެގޮތުން އެ ތާރީހުގެ ކުރިން، އިތުރުގަޑީގެ ފައިސާ ނުލައި އަދި ޕެންޝަނަށް ކެނޑުމަށްފަހު ގެއަށް ގެންދަން މަހަކު 18،465 ރުފިޔާ ލިބެމުން ދިޔަ ނަމަވެސް، އައު އޮނިގަނޑަށް އަމަލުކުރަން ފެށުމުން އެ އަދަދު ކުޑަވެފައިވާކަމުގެ ޝަކުވާ މުވައްޒަފުން ކޮށްފައިވާކަމަށް މެންބަރު ވިދާޅުވިއެވެ.
މި މައްސަލައިގައި ދިމާވެފައިވާ މައިގަނޑު އެއް ގޮންޖެހުމެއްގެ ގޮތުގައި ކުޑޫ ފާހަގަކުރެއްވީ "މައިގްރޭޝަން އެލަވަންސް" ހިސާބުކޮށްފައިވާ ގޮތެވެ. ލީގަލް މުވައްޒަފުންނަށް 922 ރުފިޔާގެ މައިގްރޭޝަން އެލަވަންސެއް ހަމަޖައްސާފައިވީ ނަމަވެސް، އެ އަދަދު ކަނޑައަޅާފައިވަނީ ހާޒިރީ އެލަވަންސް ވެސް ހިމަނައިގެން ކަމަށްވާތީ، މުވައްޒަފަކު ސަލާމުގައި ނުވަތަ ޗުއްޓީގައި ހުންނަ ދުވަސްތަކުގައި މުސާރައިން ބޮޑު އަދަދެއް އުނިވެގެންދާކަން މެންބަރު ފާހަގަކުރެއްވިއެވެ. އަދި މުވައްޒަފަށް މުސާރައިގެ ކުރިއެރުން ލިބޭ ވަރަކަށް މި އެލަވަންސް އުނިކުރާގޮތަށް އޮތުމުން، އޭގެ ހަގީގީ މަންފާއެއް މުވައްޒަފުންނަށް ނުކުރާކަމަށް ވެސް ވިދާޅުވިއެވެ.
މީގެއިތުރުން، ލީގަލް އޮފިސަރުންގެ މަގާމުގެ ރޭންކް ދަށްކޮށްފައިވާ މައްސަލަ ވެސް ވަނީ ފެންމަތިވެފައެވެ. ސިވިލް ސާވިސް އާއި ޖުޑިޝަރީގެ އެހެން މުވައްޒަފުންގެ މުސާރަ ބޮޑުވެގެން ދިޔައިރު، ލީގަލް އޮފިސަރުންގެ ތައުލީމީ ފެންވަރާއި އުފުލަންޖެހޭ ޒިންމާތަކަށް ރިއާޔަތްކުރުމެއް ނެތި ރޭންކް ދަށްކުރުމަކީ ބޭއިންސާފެއް ކަމަށް މުވައްޒަފުން ދެކެއެވެ. މިކަމާ ގުޅިގެން މުވައްޒަފުންގެ ހުރި ކަންބޮޑުވުންތައް ޕޭ ކޮމިޝަނަށް ހުށަހެޅިތާ ދެ މަސް ވެފައިވާއިރު ވެސް އެކަށީގެންވާ ޖަވާބެއް ލިބިފައިނުވާތީ ކުޑޫ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
މި މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން އެކި އިދާރާތަކުގައި މަސައްކަތްކުރާ 84 ލީގަލް އޮފިސަރުންގެ ސޮޔާއެކު ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ވެސް ވަނީ ހުށަހަޅާފައެވެ. މެންބަރު ކުޑޫ ސްޕޮންސަރ ކުރައްވައި ހުށަހެޅުއްވި މި ޕެޓިޝަނުގައި އެދިފައިވަނީ، ދައުލަތުގެ އެހެން މުވައްޒަފުންނެކޭ އެއްފަދައިން ލީގަލް އޮފިސަރުންނަށް ވެސް އިންސާފުވެރި އުޖޫރައެއް ހަމަޖައްސައިދީ، ގެއްލިފައިވާ ހައްގުތައް އިއާދަކޮށްދިނުމަށެވެ.
ކޮމެންޓު ފޮނުވާ